Roadha Mihaaru

މަދީނާގެ ހަރަމްފުޅުގެ އިމާމުގެ ދަރުހެއް ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި

ކީރިތި ރަސޫލާގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި، އިސްލާމީ މަރުކަޒުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު ދަރުހެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހަރަމްފުޅުގެ އިމާމުގެ ދަރުހެއް ބުރާސްފަތި ދުވަހު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

20 އެޕްރީލް 2025

ކީރިތި ރަސޫލާގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި، އިސްލާމީ މަރުކަޒުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު ދަރުހެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަސް ދުވަހަށް ރާއްޖެއަށް ކުރައްވާ މި ދަތުރުގައި ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.

އިސްލާމިކް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ހަރަމްފުޅުގެ އިމާމުގެ ދަރުސް ބާއްވާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި އިސްލާމީ މަރުކަޒުގައި ކަމަށެެވެ، އެ ދަރުސް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާނީ ޝަހީމެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ނަބަވީގެ އިމާމް، އަންނަ ބުދަ ދުވަހުގެ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދުކުރައްވާނެ އެެވެ. އަދި ބުރާސްފަތި ދުވަހުގެ އިޝާ ނަމާދު، އިސްލާމީ މަރުކަޒުގައި ވެސް އިމާމުވެ ކުރައްވާނީ އެ އިމާމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު އިމާމުވެ، ކުރައްވާނީ ވެސް ޑރ. ސަލާހުލްބުދައިރު އެވެ.

މީގެ ކުރިން ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގަތީ މާލޭގެ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިިއްޔާތަށެވެ. އެހެންވެ މިއީ ރާއްޖެ އަށް ހަރަމްފުޅުގެ އިމާމަކު 40 އަހަރު ފަހުން ކުރައްވާ ފުރަތަމަ ދަތުރެވެ.

ޑރ. ސަލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ، ތަރާވީހް ނަމާދު ވެސް ކުރައްވަ އެވެ. އަދި އެއީ އިސްލާމީ ދުނިޔޭގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.