Roadha Mihaaru
ކެންސަރުގައި ނިއާވި ފިރިމީހާގެ ހަނދާނަށް މިސްކިތެއް

ކެންސަރުގައި ނިއާވި ފިރިމީހާގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އަޅަން ސޮއިކޮށްފި

24 ޖެނުއަރީ 2024

ކެންސަރުގައި ނިޔާވި އަހުމަދު އަލީމްގެ ހަނދާނުގައި، އޭނާގެ ހުވަފަތް އަނބިމީހާ ނަބީލާ ޝިހާބު އުފެއްދި ފައުންޑޭޝަނުން މިސްކިތް އަޅަން އިސްލާމިކް މިނިސްޓްރީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެންސަރުގައި ނިޔާވި އަހުމަދު އަލީމްގެ ހަނދާނުގައި، އޭނާގެ ހުވަފަތް އަނބިމީހާ ނަބީލާ ޝިހާބު އުފެއްދި ފައުންޑޭޝަނުން މިސްކިތް އަޅަން އިސްލާމިކް މިނިސްޓްރީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ މިސްކިތުގެ މަސައްކަތުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އަލީމް ފައުންޑޭޝަން ޗެއާޕާސަން ނަބީލާ އެވެ.

އެ ފައުންޑޭޝަނުން ފުރަތަމަ މަސައްކަތްކުރީ، އަލީމް އަދި އާއިލާއިން ދިރިއުޅުން ބިނާކުރަމުން ދިޔަ އޮސްޓްރޭލިއާގައި މިސްކިތް އަޅާށެވެ. ނަމަވެސް، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ބޮޑު ސަޕޯޓެއް ލިބުމުން، ފުރަތަމަ މިސްކިތް ރާއްޖޭގައި އަޅަން ނިންމީ އެވެ.

ފުލުހުންގެ ހިދުމަތުގައި 17 އަހަރު އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑަކަށް މަސައްކަތްކުރުމަށް ފަހު އަލީމް, 45, އޮސްޓްރޭލިއާއަށް ބަދަލުވީ މީގެ 13 ވަރަކަށް އަހަރު ކުރިން މަތީ ތައުލީމް ހާސިލްކުރުމަށެވެ.

އެއަށް ފަހު, ނަބީލާއާ ބައްދަލުވެ މީގެ 11 އަހަރުކުރިން ކުރި ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ. އުފާވެރި އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް އަލީމަށް ބައިލް ޑަކްޓް ކެންސަރުގެ އެންމެ ފަހު ސްޓޭޖް ޖެހިފައިވާކަން އެނގުނީ ޖެނުއަރީ 14، 2022 ގަ އެވެ. އޭނާ ނިޔާވީ އެ އަހަރުގެ އޭޕްރީލް 15 ގަ އެވެ.

އެހެންވެ، ފިރިމީހާގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން ފަންޑްރައިޒިންގެ ގިނަ ހަރަކާތްތަކެއް ހިންގި އެވެ. އޭގެ ތެރެއިން، އޮސްޓްރޭލިއާގެ ޕާތުގައި މިސްކިތަކާއި ހިނަވާގެއެއް އަދި އެ ތަނުގައި ފަގީރުންނަށް ކާންދިނުމަށް ސޫޕް ކިޗަންއެއް ހެދުމަށް ހިންގި އެއް ދުވަހުގެ ހަރަކާތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.

އަމިއްލަ ފަރާތްތަކުން މިސްކިތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަމިއްލަ ފަރާތްތަކުން މިސްކިތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަމަވެސް، އެއީ ދާރުލް ތައުހީދު ޔޫތު ސެންޓަރާ ވެސް ގުޅިގެން ހިންގި ހަރަކާތަކަށް ވުމުން، ނަބީލާ ނިންމީ އެ ހުރިހާ ފައިސާއެއް ވެސް އޮސްޓްރޭލިއާގައި މިސްކިތް އެޅުމަށް ހަރަދުކުރާށެވެ. ބާކީ ހުރި 1.5 މިލިއަނެއްހާ ރުފިޔާ އަދި އިތުރު ހަރަކާތާއެކު ފަންޑު ހޯދައިގެން މިސްކިތް ހެދުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އޭނާ ވިދާޅުވީ އެގްރިމެންޓުގައި ސޮއިކޮށް 30 ދުވަހުގެ ތެރޭގައި ޑިޒައިން ހުށަހަޅަންޖެހޭނެ ކަމަށެވެ. އޭގެ ފަހުން، މިސްކިތް އަޅާނެ ބިން ހަމަޖެއްސުމަށްފަހު މިނިސްޓްރީން އަލީމް ފައުންޑޭޝަނަށް އަންގާނެ އެވެ.

"އޮސްޓްރޭލިއާގައި މިސްކިތް އަޅަން މި ޖެހެނީ ބިން ގަންނަން. ބިން ގަންނާނެ ފައިސާ ވެސް ހަމަޖެހިފައި ހުރީ. އެކަމަކު، މިނިސްޓްރީން މި ހަމަޖައްސައިދިން ފުރުސަތާއެކު، ބިން ގަންނާކަށް ހަރަދުކުރާކަށް ނުޖެހޭ. އެއީ ފައިނޭންޝަލީ ވަރަށް ބޮޑު އެސިސްޓެއް. އެހެންވެ، ފުރަތަމަ ރާއްޖޭގައި މިސްކިތް އެޅުމުގެ މަސައްކަތް މި ފެށުނީ." ނަބީލާ ވިދާޅުވި އެވެ.