Roadha Mihaaru

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި އެވެ.

ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

28 މެއި 2025

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި އެވެ.

މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ އާ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތަކެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ހިޔާގެ ދެވަނަ ޓަވަރުގެ އާ ލިފްޓުތައް މިދިޔަ އާދިއްތަ ދުވަހު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

މި އާ ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި މި ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރެ އެވެ.

ހިޔާގެ 16 ޓަވަރުގައި، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ހިޔާގެ ދެވަނަ ޓަވަރުގެ އިތުރުން 1، 3 އަދި 4 ވަނަ ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. އެ ޓަވަރުތަކުގައި ލިފްޓު ޓެސްޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމާލުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ހިޔާގެ ޓަވަރުތަކަށް އިތުރުކުރާ ލިފްޓުތަކާ އެކު، އެތަނުގައި ދިރިއުޅޭ މީހުން ގިނަ އިރުތަކެއް ވަންދެން ލިފްޓުތަކުގެ އިންތިޒާރުގައި ތިބެން ޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.

ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ.

އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ފެށުނީއްސުރެ ވަރަށް ބޮޑެވެ. އެހެންވެ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ހިޔާގެ މީހުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމެވެ.