Roadha Mihaaru
ހިޔާއަށް ވަކިން އީދުނަމާދުކުރެވޭނެ ގޮތްހަދައިދޭން އެދެފި

ހިޔާ ފްލެޓްގެ މީހުންނަށް ބޮޑު ޖަމާއަތުގައި ވަކިން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދިއްޖެ

19 އެޕްރީލް 2022

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ކައިރީގައި މި ފަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ކައިރީގައި މި ފަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.

ހިޔާ ޔޫނިއަންގެ ރައީސް އަބްދުﷲ އަމްޒަލް ސޮއިކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް މިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ "ހިޔާ ސަހަރު" ގައި މިހާރު 15،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު އެ ތަނުގައި ހުރި ތިން މިސްކިތުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައިފަ އެވެ.

"މި ތިން މިސްކިތުގައި ފިތުރު އީދު ނަމާދުކުރާއިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އިހްސާސްކުރަން ޖެހޭނެ އެވެ،" ސިޓީގައި ވެ އެވެ.

ފިތުރު ނަމާދަކީ ގިނަ އަދަދެއްގެ ފިރިހެނުންގެ އިތުރުން އަންހެނުންނާއި ކުޑަކުދިން ވެސް ބައިވެރިވާ ނަމާދެއް ކަމަށާއި މިއީ ހިޔާ ފްލެޓަށް އެ މީހުން ބަދަލުވި ފަހުން ބައްދަލުކުރާ ފުރަތަމަ އީދު ނަމާދަށް ވާތީ ހާމަ ސަރަހައްދެއްގައި ބޮޑު ޖަމާއަތެއްގައި އީދު ނަމާދުކުރެވޭނެ ގޮތް އިންތިޒާމުކޮށް، އެކަމުގެ ހުއްދަ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

ޔޫނިއަނުން ބުނީ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގައި ވަނީ އެ ކަމަށް މަޝްވަރާކޮށް، ބޮޑު ޖަމާއަތް ބޭއްވިދާނެ ސަރަހައްދެއް ވެސް ފާހަގަކޮށްފައި ކަމަށެވެ.

"ދީނީ ގޮތުން ވެސް އީދު ނަމާދުކުރަން އެންމެ އައުލާކަން ބޮޑީ ހާމަ ސަރަހައްދެއްގައި ބޮޑު ޖަމާއަތެއްގައި ކަމަށް ވާތީ ހިޔާ ސަހަރުގެ ރައްޔިތުންނަށް ވެސް އެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށް އެދެމެވެ،" ސިޓީގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ވެސް މި ފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ މިނިސްޓްރީން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު ސީދާ ހިޔާ ފްލެޓް ކައިރީގައި ބޮޑު ޖަމާއަތަށް ވަކިން ތަނެއް ހަމަޖެއްސުމާ ގުޅިގެން އަދި މިނިސްޓްރީން ވަކި އެއްޗެއް ނުބުނެ އެވެ.