Roadha Mihaaru
އާ މިސްކިތް ލަސްވަނީ ބެންޗު މާކްގެ މައްސަލަ ދިމާވުމުން

ހުޅުމާލެ 2 ގެ އާ މިސްކިތް ނުނިމި ލަސްވަނީ ބެންޗު މާކްތަކުގެ މައްސަލައެއް ދިމާވުމުން: މިނިސްޓްރީ

14 މާޗް 2023

ހުޅުމާލެ 2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނުނިމި ލަސްވަނީ ފައުންޑޭޝަން އެޅި ފަހުން ބެންޗު މާކުތަކުގެ މައްސަލައެއް ދިމާވެގެން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެ 2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނުނިމި ލަސްވަނީ ފައުންޑޭޝަން އެޅި ފަހުން ބެންޗު މާކުތަކުގެ މައްސަލައެއް ދިމާވެގެން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓްތައް ކައިރީގައި އެ މިސްކިތް އިމާރާތް ކުރަން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް، އަމަލީ މަސައްކަތް ފެށިތާ ދުވަސްކޮޅެއް ފަހުން އެކަން ހުއްޓިފައި އޮތުމުން އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް މަސައްކަތުގެ ބޮޑުބައި އަދި ނުނިމެ އެވެ.

އެކަމާ ގުޅިގެން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު ވިދާޅުވީ ފައުންޑޭޝަން އެޅުމަށް ތައްޔާރުވި ފަހުން ދިމާވި މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ ބެކްފިލް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޖޭ ކުންފުނިން އަމާޒު ހިފާފައި ވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ޑިޒައިންގައި ވާގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.

ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ޖެނުއަރީ 23، 2022 ގައި ސޮއިކުރީ ޒިކްރީ މިސްކިތް ހެދުމަށް ދެ ފަރާތުން ވި އެއްބަސްވުން ބާތިލްކުރުމުން، އޭގެ ބަދަލުގެ ގޮތުގައި ދައުލަތުން 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ހުށަހެޅުމުންނެވެ.

އޭގެ ފަހުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ، ޒިކްރާ މިސްކިތް އަޅަން އެސްޖޭއަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ.

ނަމަވެސް، އޭޖީ އޮފީހުުގެ ލަފައާއެކު އެ މައްސަލަ ކޯޓުން ބޭރުން އޭރު ހައްލުކުރީ، ހުޅުމާލޭގައި މިސްކިތެއް ހެދުމަށާއި އެ މިސްކިތް އިމާރާތްކުރުމަށް 30 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ގޮތުގައި ކޮށްދިނުމަށް އެއްބަސްވާ ގޮތަށެވެ.