Roadha Mihaaru
ފަތުވާ މަޖިލިސް އެކުލަވާލައެއް ނުނިމުނު!

ސަރުކާރުން އަދިވެސް ބުނަނީ ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް ކުރަނީ ކަމަށް!

18 ޑިސެމްބަރ 2022

ފަތުވާ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އެ ތަނަށް އާ މެމްބަރުން އައްޔަން ނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަތުވާ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އެ ތަނަށް އާ މެމްބަރުން އައްޔަން ނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަޖިލީހުގައި ފަސް މެމްބަރުން ތިއްބަވަ އެވެ. ނަމަވެސް، އެ ތަނުގައި މި ވަގުތު ހުންނެވީ ރައީސްގެ މަގާމުގައި ހުންނެވި ޝެއިހު ޑރ. މުހައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ.

މިދިޔަ ޖޫން މަހު ޔޯގާގެ މައްސަލަ ހޫނުވިއިރު ވެސް އެ ފަދަ ދީނީ މައްސަލަތަކުގައި ފަހު ބަސް އިއްވާ ފަތުވާ މަޖިލިސް "ވާ" ވެފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ މަޖިލީހުގައި އެންމެ މެމްބަރެއް ހުންނެވިއަސް މައްސަލަތަކުގައި ފަތުވާ ނެރެވޭނީ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.

އޭރު ވެސް ރައީސް އޮފީހުން ބުނީ ދައުރު ހަމަވި މެމްބަރުންގެ ބަދަލުގައި ފަތުވާ މަޖިލީހަށް އާ މެމްބަރުން ހަމަޖެއްސުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު، ހަ މަސް ވެގެން ދިޔައިރު ވެސް އެކަމެއް ނުކުރެވުނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވެސް ވިދާޅުވީ ފަތުވާ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގިނަ ދުވަހެއް ނުވެ ކޮމިޓީއަށް މެމްބަރުން އައްޔަންކުރެވޭނެ ކަމަށް ވިދާޅުވިއަސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ގާނޫނު ބުނާގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަން ކުރައްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު، މުޅި ފަތުވާ މަޖިލިސް ޖަވާބުދާރީވާން ޖެހެނީ އިސްލާމިކް މިނިސްޓަރަށެވެ. ފަތުވާ މަޖިިލިސް ހިނގަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.

ފަތުވާ މަޖިލިސް އެކުލެވިގެންވާ ގޮތް:

1- ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަންކުރާ މެމްބަރެއް.

2- ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރެއް.

3- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެމްބަރުން

ފަތުވާ މަޖިލިހުގެ ރައީސަކު ކަނޑައަޅަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާއިރު، އެ ކަން ވަނީ ކުރައްވައިފަ އެވެ. ޝައިހު ރަޝީދު މިހާރު އެ މަޖިހުގައި މިހާރު ފުރުއްވަމުން އެ ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ. އޭނާގެ މަގާމުގެ ދައުރު ހަމަވާނީ 2027 އަށެވެ.