ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މީގެ 8 އަހަރު ކުރިން ނެރުނު ފަތުވާ ބަދަލުކޮށް، ގަބުރުސްތާނުތައް ނަގައި އެ ތަންތަނުގައި ކުޅިވަރުކުޅޭ ތަންތަނާއި ޕާކުތައް ހެދުން ހުއްދައެއް ނުވާނެ ކަމަށް ފަތުވާ ނެރެފި އެވެ.
10 ޖުލައި 2025
ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މީގެ 8 އަހަރު ކުރިން ނެރުނު ފަތުވާ ބަދަލުކޮށް، ގަބުރުސްތާނުތައް ނަގައި އެ ތަންތަނުގައި ކުޅިވަރުކުޅޭ ތަންތަނާއި ޕާކުތައް ހެދުން ހުއްދައެއް ނުވާނެ ކަމަށް ފަތުވާ ނެރެފި އެވެ.
ފަތުވާ މަޖިލީހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ފާސްކުރި "މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް" މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
ގުރުއާނުގެ ބައެއް އާޔަތްތަކާ ހަވާލާދީ އެ ފަތުވާގައި ބުނެފައި ވަނީ، އިސްލާމްދީނުގައި އާދަމްގެފާނުގެ ދަރީން، މާތްﷲ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށެވެ. އެ މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އަދި މަރުވުމަށް ފަހު ވެސް އެ އިހުތިރާމު ދެމިއޮންނަކަން ރަސޫލާ (ސއވ)ގެ ހަދީސްތަކުން އެނގޭ ކަމަށެވެ.
ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަން އެކި ހަދީސްތަކުން ދޭހަވާ ކަމަށް ފަތުވާގައި ބުންޏެވެ.
މިއީ، އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ އެވެ: ފަތުވާ
"މިއީ، އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ އެވެ،" އެ ފަތުވާގެ ނިންމުމުގައި ބުންޏެވެ.
ފަތުވާ މަޖިލީހުން ނެރުނު މި އާ ފަތުވާގައި އެގޮތަށް ބުންޏަސް، 2017 ވަނަ އަހަރު ނެރުނު "ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރަސްތާނުތަކުގެ ބިން، އާންމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުންކުރުން" ފަތުވާގައި މި މައްސަލައާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ވާހަކަތައް ތަފާތެވެ.
ކުރީގެ ފަތުވާގައި ބުނީ އިސްލާމީ ބޮޑެތި ގައުމުތަކުގައި ޒަރޫރީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި އެފަދަ ގަބުރުސްތާންތަކުގެ ބިން ބޭނުންކުރާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތް އެޅުމާއި މަދުރަސާ ބިނާކުރުމާއި ހޮސްޕިޓަލް އެޅުމާއި މަގެއް ހެދުމާއި ފާލަމެއް އެޅުން ކަހަލަ ކަންކަން ހިމެނޭ ކަމަށް އެ ފަތުވާގައި ބުންޏެވެ.
އެއީ، ސައުދީ އަރަބިއްޔާ އާއި މިސްރާއި ޔޫއޭއީ އަދި ޖޯޑަން ކަހަލަ ގައުމުތަކުގައި އަމަލުކުރާ ގޮތެވެ.
އެހެންވެ، އޭރު އިސްލާމީ ފަތުވާ މަޖިލީހުގެ މެމްބަރުން އިއްތިފާގުވީ، މާލެ އާއި ރަށްރަށުގައި ހުރ،ި ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރުސްތާނުތައް އިހުތިރާމާއެކު ކޮނެ، އިހުތިރާމާއެކު އެ ތަންތަނުން ފެންނަ މިނިކަށިތައް އެހެން ގަބުރުސްތާނެއްގައި ވަޅުލުމަށް ފަހު އެ ގަބުރުސްތާންތަކުގެ ބިން އާންމު މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި ބޭނުންކުރެވިދާނެ ކަމަށެެވެ.
ފަތުވާ މަޖިލީހުގެ އެ ފަތުވާ ބަދަލުކޮށް ބުނީ، ދެން އަމަލުކުރަން ވާނީ އެ މަޖިލީހުން ފަހުން ނެރުނު ފަތުވާއަށް ކަމަށެވެ.
ގަބުރުސްތާނުގައި ޕާކު ހެދުން ހުއްދަ ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ބުނިއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ މާފަންނު ސަހަރާ ކޮނެ ގަބުރުތައް ހުސްކޮށް އެ ބޮޑު ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. "މާފަންނު މައިޒާން"ގެ ނަން ދީފައިވާ އެ ޕާކު ނިމޭއިރު އެތަނުގައި ޕާކިން ޖާގަ އާއި 3 އޮން 3 ބާސްކެޓް ކޯޓެއް ވެސް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. އެ ޕާކު ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ސަހަރާ ކޮނެ މިނިކަށިތައް ނެގުމުން، އާއްމުންގެ ގިނަ ފާޑުކިއުންތައް ވެސް ސިޓީ ކައުންސިލަށް އަމާޒުވި އެވެ.
އެ ސަހަރާ ހުސްކުރާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކުރުމާ އެކު ތާރީހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. އެއީ އެ ސަހަރާގައި ނޮވެމްބަރު 3، 1988 ގެ ޓެރަރިސްޓް ހަމަލާގައި ޝަހީދުވި އާންމުންގެ ބައެއް މީހުންގެ މަހާނަތައް އެ ތަނުގައި ހުރުމުންނެވެ.
ހެންވޭރު ސަހަރާއިން ވެސް ބައެއް ހުސްކޮށް ވަނީ ޕާކިން ޒޯނެއް ހަދައިފަ އެވެ. އަދި ގަލޮޅު ސަހަރާއިން ވެސް ބައެއް ނަގައި، އިށީނދެގެން ތިބެވޭނެ ސަރަހައްދަކާއެކު ޕާކިން ޒޯނެއް ހަދާފައިވެ އެވެ.
ބާސްކެޓް ކޯޓަކާއެކު "މާފަންނު މައިޒާން" ހަދަނީ
މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ފަށައިފި
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!
މާފަންނު ސަހަރާ ހުސްކޮށްދޭނެ ބަޔަކު ހޯދަނީ
ހުސް ބިންތައް ޕާކިން ޒޯނަކަށް ހެދުމަކީ ހައްލެއް ނޫން
މާލޭގެ މިސްކިތްތައް އަނެއްކާވެސް ކައުންސިލަށް
ހައްޖު ފައިސާއިން ޒަކާތް ދައްކާނީ ކޯޕަރޭޝަނުން: ފަތުވާ
މާފަންނު ސަހަރާގައި ޕާކިންއަކާ އެކު މައިޒާނެއް
މައްސަލަ ހޫނުވެ ސަހަރާގައި ހެދި ކުޅޭތަން ނަގައިފި
ގަބުރުތައް ނަގައި މާފަންނު ސަހަރާގައި ކުޅޭ ތަނެއް