Roadha Mihaaru

ހައްޖަށް ދާން ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ކޯޕަރޭޝަންގެ ފަރާތުން: ފަތުވާ

މީހުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށް ކަނޑައަޅައި ފަތުވާ ނެރެފި އެވެ.

ހައްޖު ފައިސާއިން ޒަކާތް ދައްކާނީ ކޯޕަރޭޝަނުން: ފަތުވާ
އިފްރާޒް އަލީ
އިފްރާޒް އަލީ

13 ޖުލައި 2025

މީހުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށް ކަނޑައަޅައި ފަތުވާ ނެރެފި އެވެ.

ފަތުވާ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ" ފަތުވާ މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން އެ މަޖިލީހުގެ ލަފާ ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު ފަތުވާގައި ވަނީ މިގޮތަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަނުން ފަތުވާ މަޖިލީހަށް ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.

އެ މައުލޫމާތަށް ބަލައި އެ މަޖިލީހުގެ މެންބަރުން ދިރާސާކުރުމަށް ފަހުގައި ނިންމާފައި ވަނީ އާންމުން ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށެވެ.

ހައްޖަށް ދާން އެދިގެން ކިއުގައި 9،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ހައްޖު ކޯޕަރޭޝަނުން މިދިޔަ ޖެނުއަރީ މަހު ބުނެފައިވެ އެވެ. ހައްޖު ކިއުގައި ޖެހެވެނީ ފައިސާ ދައްކައިގެންނެވެ. އެއީ ފުލް ޕޭމަންޓް ނުވަތަ ކަނޑައަޅާފައިވާ ވަކި އަދަދެއް ދެއްކުމުންނެވެ. ހައްޖަށް ދިއުމަށް ބައެއް މީހުން އިންސްޓޯލްމަންޓަށް ވެސް ފައިސާ ދައްކަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިއުމަށް މިހާރު ޖުމްލަ 69،965ރ. ދައްކަން ޖެހެ އެވެ.