އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދީ، ހައްޖު ތަކުރާރު ކުރެވޭނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައަޅައި، އިސްލާމިކް މިނިސްޓްރީން އުސޫލެއް ހަދައިފި އެވެ.
18 މާޗް 2025
އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދީ، ހައްޖު ތަކުރާރު ކުރެވޭނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައަޅައި، އިސްލާމިކް މިނިސްޓްރީން އުސޫލެއް ހަދައިފި އެވެ.
ރާއްޖޭން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ނަމުގައި މިއަދު ގެޒެޓްކުރި އުސޫލުގައިވާ ގޮތުން އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭނެ އެވެ. އަދި ހައްޖު އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ވަކި ޕަސެންޓެއް ހާއްސަކުރާނެ އެވެ.
އޭގެއިތުރުން ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިޔަކު ބޭނުންވާ މީހުންނަށް ހައްޖު ލިސްޓްގައި ކުރިން އަޅުކަން އަދާކޮށްފައިނުވާ އާއިލާ މީހަކު ހިމެނޭ ނަމަ، އެމީހަކަށް ފުރުސަތު ދޭނެ އެވެ.
އެފަދަ އާއިލާގެ މީހަކު ނެތް ނަމަ، އެހީތެރިއެއްގެ ގޮތުގައި ކުރިން ހައްޖުވެފައިވާ މީހަކަށް ފުރުސަތު ދޭނީ އެމީހާ ހައްޖުގެ އަޅުކަން އަދާކުރިތާ ފަސް އަހަރުވެފައިވާ ނަމަ އެވެ.
އުސޫލުގައިވާ ގޮތުން ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ނަމަ، ހައްޖު ކޯޓާއިން އެމީހަކަށް އިތުރު ފުރުސަތެއް ދެވޭނީ އެންމެ ފަހުގެ ހައްޖުގެ އަޅުކަން އަދާކުރިތާ ފަސް އަހަރުވުމުންނެވެ. ނަމަވެސް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހައްޖު ހިދުމަތްތެރިންގެ ގޮތުގައި ގެންދާ މީހުން މީގެ ތެރޭގައި ނުހިމެނެ އެވެ.
މި އުސޫލާ އެކު އަމަލުކުރަން ފަށައި ކަންތައްތަކާ ގުޅިގެން މިހާރު އޮތް ހައްޖު ލިސްޓަށް ބަދަލުތަކެއް އަންނާނެ އެވެ. އުސޫލުގައިވާ ގޮތުން މުހައްރަމް 1447 ގެ ކުރިން ހައްޖު ކިއު ތަރުތީބަށް އެ ބަދަލުގެންނަން ޖެހޭނެ އެވެ.
ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވިއަސް ފަރުޟު ހައްޖު އަދާކުރަން ދިގު އިންތިޒާރެއްގައި ތިބި މީހުންނަށް ހައްލެއް ހޯދައިދިނުމަށް، ހައްޖު ކޯޓާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހައްޖާ ބެހޭ ގަވައިދު ކުރިން އޮތް ގޮތުން އެ އަޅުކަން އަދާކުރަން ކިތަންމެ ގިނައިން ވެސް ސައުދީއަށް ދެވޭނެ އެވެ. ނަމަވެސް އެ އުސޫލު އެ ގޮތަށް އޮތުމުން، ރާއްޖެއިން ހައްޖަށް ދިއުމަށް ލިބޭ މަދު ކޯޓާއިން ފުރުސަތު ނުލިބޭ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ.
ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް ފަހު ވެއިޓް ލިސްޓުގައި 9،115 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި އަލަށް ހައްޖަށް ދާން ފައިސާ ދެއްކި 8،623 މީހުންނާއި ރިޕީޓްކޮށް އެ އަޅުކަމަށް ދާން ނަން ނޯޓުކުރި 492 މީހުން ހިމެނެ އެވެ.
ވެއިޓް ލިސްޓުގައި އެންމެ ގިނައީ އަލަށް ހައްޖަށް ދާން ނަން ނޯޓުކުރި 65 އަހަރުން ދަށުގެ މީހުންނެވެ. އެ ކެޓަގަރީގައި 7،150 މީހުން އެބަތިއްބެވެ. އަދި އެ އުމުރުގައި ރިޕީޓްކޮށް ހައްޖަށް ދާން ނަން 393 މީހުން ނަން ނޯޓުކޮށްފައި އެބަތިއްބެވެ.
އަލަށް ހައްޖަށް ދާން ދެ ވަނަ އަށް އެންމެ ގިނައިން ތިބީ 65-75 އަހަރާ ދެމެދުގަ އެވެ. އެ އުމުރުގެ 1،370 މީހުން ނަން ނޯޓުކޮށްފައި ވެ އެވެ. އެ އުމުރުގައި ރިޕީޓުކޮށް ހައްޖަށް ދާން 91 މީހުން އަދި 75 އަހަރުން މަތީގައި، އަލަށް ހައްޖަށް ދާން 103 މީހުންނާއި ރިޕީޓުކޮށް އަޅުކަމަށް ދާން އަށް މީހުން ވެއިޓްލިސްޓުގައި އެބަތިއްބެވެ.
ހައްޖު ކިއުގައި 9،000 އަށްވުރެ ގިނަ މީހުން މި ވަގުތު ތިބިއިރު، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހައްޖަށް ގެންދަން ރާއްޖެއަށް ލިބޭ ކޯޓާ ހަމައެކަނި ސަރުކާރުގެ ކުންފުންޏަށް ދޭން ނިންމައިފަ އެވެ.
މިއަހަރު ހައްޖުކިއުގައި ތިބި އެންމެންނަށް ފުރުސަތު ދެނީ
ހައްޖު ނުވާ މީހުންނަށް އިސްކަންދޭ ވިސްނުން އެބަހުރި
ހައްޖު އޮޕަރޭޝަން ކާމިޔާބު، ކަންކަން ރަނގަޅު ކުރާނަން
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
"ހައްޖު ކިއުފަޅާފައި އެއްވެސް ބަޔަކަށް ޖާގައެއް ނުދޭ"
ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅަން ގުރު ނަގައިފި
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅަން ގުރުލަނީ
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން ނިންމައިފި