Roadha Mihaaru

ޕާކިންގެ އިތުރުން ބާސްކެޓް ކޯޓަކާއެކު "މާފަންނު މައިޒާން" ހަދަނީ

މާފަންނު ސަހަރާ ހުސް ކުރުމަށްފަހު އެތަނުގައި ހަދާ ޕާކަށް "މާފަންނު މައިޒާން"ގެ ނަން މާލޭ ސިޓީ ކައުންސިލުން މިއަދު ދީފި އެވެ.

ބާސްކެޓް ކޯޓަކާއެކު "މާފަންނު މައިޒާން" ހަދަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

21 މެއި 2025

މާފަންނު ސަހަރާ ހުސް ކުރުމަށްފަހު އެތަނުގައި ހަދާ ޕާކަށް "މާފަންނު މައިޒާން"ގެ ނަން މާލޭ ސިޓީ ކައުންސިލުން މިއަދު ދީފި އެވެ.

ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ އެ ނަން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ކައުންސިލްގެ އާންމު ޖަލްސާގައި ކަމަށެވެ.

"މާފަންނު މައިޒާން" ނިމޭއިރު ޕާކިން ޖާގައިގެ އިތުރުން، އެތަނުގެ ހުޅަނގު ދެކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯނުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ގާއިމް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މަޖީދީމަގުގެ ތޮއްޖެހުން ކުޑަކުރުމަށް ބަސް ސްޓޮޕަކާއި 295 ސައިކަލު ޕާކް ކުރެވޭނެ ޖާގަ ވެސް އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވުމަށް ހާއްސަކުރާ ގްރީން އޭރިއާއެއްގެ އިތުރުން ކަސްރަތު ކުރުމަށް 496 އަކަފޫޓުގެ ސަރަހައްދެއް ވެސް އެތަނުގައި ގާއިމްކުރާނެ ކަމަށެވެ.

މާފަންނު ސަހަރާ ހުރި ބިމަކީ 36،153 އަކަފޫޓުގެ ބިމެކެވެ.

ސިޓީ ކައުންސިލުން ބުނީ އެ މައިޒާނުގައި ގަސް އިންދައި ފެހިކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ މައިޒާނުގައި އިންދާނީ ބޮޑަށް ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކާއި މޭވާ އާއި ތަރުކާރީ ގަސްތައް ކަމަށް ބުންޏެވެ.

އެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

"މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން، މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި މައިޒާން ތަރައްގީކުރާ ސަރަހައްދުގައި، ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނީ މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި، އެ މައިޒާން ހިމެނޭ ސަރަހައްދު 24 ގަޑިއިރު ބޭނުން ކުރެވޭ ގޮތަށް ހުޅުވާލާނެ އެވެ. އަދި އެ ސަރަހައްދުގައި ފެންހިދުމުގެ ރަނގަޅު ނިޒާމެއް ވެސް ގާއިމް ކުރާނެ އެވެ.