Roadha Mihaaru

މާލެއިން ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންތައް ކެންސަލްކޮށް، އާއްމުންނަށް ހުޅުވާލަނީ

މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތައް ކެންސަލްކޮށް، އާއްމުންނަށް ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

ކުއްޔަށް ދިން ޕާކިން ސްލޮޓްތައް އާއްމުންނަށް ހުޅުވާލަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

08 ސެޕްޓެމްބަރ 2025

މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތައް ކެންސަލްކޮށް، އާއްމުންނަށް ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

މިދިޔަ އަހަރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޕާކިން ސްލޮޓް ކުއްޔަށް ނުދޭން ކައުންސިލަށް އަންގައިފަ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ މަގުތަކުން ދޫކޮށްފައި ހުރި ޕާކިންތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތައް ހިމެނޭ ހުރިހާ ޕާކިން ތަކަކީ އާންމުންގެ ތަންތަން ކަމަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ ނިޔަލަށް ހަމަވާގޮތަށް ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ޕާކިން ތަކުގެ މުއްދަތު އިތުރު ނުކުރުމަށާއި އިތުރު އެއްވެސް ޕާކިން އެއް ކުއްޔަށް ދޫނުކުރަން ވެސް ޓްރާންސްޕޯޓުން ކައުންސިލަށް އަންގާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަން އަންގާނަން ޕަބްލިކަށް. މި މަހުގެ ފަހު ހަފްތާއިން ފެށިގެން މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ ހުރިހާ ޕާކިން ތަކަކީ އެންމެންގެ ތަންތަން ކަމަށް. ވަކި މީހަކަށް ހާއްސަ ކުރެވިފައިވާ ތަންތަން ނޫން ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

ކައުންސިލުން އަމިއްލަ މީހުންނަށާއި ޓެކްސީ ތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންގެ އަދަދު 1،000 އަށް އަރާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ޕާކިން ކުއްޔަށް ދޫކޮށްފައި ވަނީ ޕްރައިވެޓް ކާރުތަކަށް 1500ރ. އަށެވެ. އަދި ޓެކްސީތަކަށް ކުއްޔަށް ދޫކޮށްފައި ވަނީ 700ރ. އަށެވެ.

މާލެ ސަރަހައްދުގައި ޕާކު ކުރާނެ ޖާގަ ނެތުމުގެ ޝަކުވާއަކީ އަބަދު ވެސް ކުރާ ޝަކުވާއެކެވެ. ޕާކު ކުރާނެ ތަނެއް ނުދައްކާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެފަ އެވެ.

ބެލެވޭ ގޮތުގައި މިއީ ޕާކިން މައްސަލައަށް ހައްލު ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތެކެވެ.