Roadha Mihaaru
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!

ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން އޮންނަނީ ހުހަށް!

03 ސެޕްޓެމްބަރ 2024

މާލޭ ސަރަހައްދުގައި ދުއްވާ، އެހެން ޒޯނުތަކަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ ޒޯން ބަދަލުކުރެވެންދެން އެ ވެހިކަލްތައް ބާއްވަން ހުޅުމާލެއިން ބިމެއް ހަމަޖެއްސިޔަސް އެކަމަށް ތަރުހީބެއް ނުލިބުނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ ސަރަހައްދުގައި ދުއްވާ، އެހެން ޒޯނުތަކަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ ޒޯން ބަދަލުކުރެވެންދެން އެ ވެހިކަލްތައް ބާއްވަން ހުޅުމާލެއިން ބިމެއް ހަމަޖެއްސިޔަސް އެކަމަށް ތަރުހީބެއް ނުލިބުނެވެ.

މާލޭ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތަކާއި ހުޅުމާލޭގެ މަގުތަކުގައި ހުރި އޭ ޒޯޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބަހައްޓަން، ހުޅުމާލެ 2 ގައި ހުންނަ އެމްއޭސީއެލް ފްލެޓްތައް ކުރިމަތިން 40،000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފަ އެވެ.

މިދިޔަ މަހުގެ 21 ގައި އެޗްޑީސީން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރި އެ ބިމުގައި މިހާތަނަށް ޕާކުކޮށްފައި އޮތީ އެންމެ 15 ކާރެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވެފައިވަނީ އެ ތަނަށް ވެހިކަލް އަމިއްލަ އަށް ގެންދަން 40 ދުވަސް ދޭނެ ކަމަށާއި ނުގަވައިދުން ހުރި ވެހިކަލްތައް އޭގެ ފަހުން ޓޯކޮށްގެން އެތަނަށް ގެންދާނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި ދުއްވާ އެހެން ޒޯނުތަކުގެ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެންދެން، ހުޅުމާލޭގައި ބަހައްޓަން ހަމަޖެއްސި ބިން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭ ސަރަހައްދުގައި ދުއްވާ އެހެން ޒޯނުތަކުގެ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެންދެން، ހުޅުމާލޭގައި ބަހައްޓަން ހަމަޖެއްސި ބިން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ބިމުގައި ބާއްވައިގެން ރަޖިސްޓްރީ ބަދަލުކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދެ އެވެ. އެ މުއްދަތުގައި މިތަނުގައި ވެހިކަލް ބާއްވައިގެން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.

އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކާއި ރަޖިސްޓްރީ ފުރިހަމަ ނުކުރާ އުޅަނދުތައް މާލޭ ސަރަހައްދުގައި ގިނަ އަދަދަކަށް ގެންގުޅޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މާލެ ސަރަހައްދުގައި ދުއްވާ މައްސަލައިގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމީ މިދިޔަ މަހު ހުޅުމާލޭ 2 ގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސިން ކާރަކުން މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓަށް ފަހު އެވެ. އެކްސިޑެންޓްވި ކާރަކީ މާލޭ ޒޯނުގައި ދުއްވަން ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫނެވެ. ކާރުގެ ނަމްބަރު ޕްލޭޓުގައި އޮތީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވުމުގެ ރަޖިސްޓްރީ އެވެ.