Roadha Mihaaru
ޒޯން ބަދަލުކުރާ ވެހިކަލްތައް ޕާކުކުރާނެ ބިމެއް

ޒޯން ބަދަލުކުރާ ވެހިކަލްތައް ވަގުތީ ގޮތުން ޕާކުކުރާނެ ބިމެއް ހުޅުމާލެއިން ހަމަޖައްސަނީ

20 އޯގަސްޓް 2024

މާލެ ސަރަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ އުޅަނދުތަކުގެ ރަޖިސްޓަރީ ބަދަލުކުރެވެންދެން ވަގުތީ ގޮތުން ޕާކުކުރާނެ ބިމެއް ހުޅުމާލެ އިން ހަމަޖެއްސުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން އެޗްޑީސީއާ އެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ އުޅަނދުތަކުގެ ރަޖިސްޓަރީ ބަދަލުކުރެވެންދެން ވަގުތީ ގޮތުން ޕާކުކުރާނެ ބިމެއް ހުޅުމާލެ އިން ހަމަޖެއްސުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން އެޗްޑީސީއާ އެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މާލެ ސަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ އުޅަނދުތައް އެޗްޑީސީން ދައްކާ ބިމަކަށް އަމިއްލަ އަށް ގެންގޮސް ބާއްވައިގެން، ރަޖިސްޓަރީ ބަދަލުކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިދިޔަ ހަފުތާގަ އެވެ.

އަމީން ވިދާޅުވި ގޮތުގައި، އެހެން ޒޯންތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ އުޅަނދާއި ރަޖިސްޓަރީ ފުރިހަމަ ނުކުރާ އުޅަނދުތައް މާލެ ސަރަހައްދަށް ވަނީ އެތެރެކޮށްފަ އެވެ. އެޗްޑީސީއާ ގުޅިގެން ބިމެއް ކަނޑައަޅައި، އެ ވެހިކަލްތައް އެ ސަރަހައްދަށް ގެންދިއުމަށް 40 ދުވަސް ދޭނެ އެވެ.

"އެ ބިމަށް ގެންދިއުމަކީ އެ ވެހިކަލެއްގެ ވެރިފަރާތުގެ އަމިއްލަ ކަމެއް. އޭރުން އަޅުގަނޑުމެން ޓޯކޮށްގެން ލިބޭ ގެއްލުމާއި އަޅުގަނޑުމެން ޓޯކޮށްގެން އަރާ ޖޫރިމަނާ ވެސް ނާރާނެ،" އަމީން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި 40 ދުވަހުގެ މުއްދަތަށް ފަހު ވެސް މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ ވެހިކަލްތައް ޓޯ ކުރާނެ އެވެ. އެހެންވެ، ސަރުކާރުން ދޭ ހަ މަސްދުވަހުގެ މުއްދަތުގައި އަވަހަށް ރަޖިސްޓަރީގެ ކަންކަން ނިންމުމަށް އޭނާ އެދިވަޑައިގަތެވެ.

އެހެން ޒޯންތަކަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުތައް މާލެ ސަރަހައްދުގައި ދުއްވާ މައްސަލަ ފެންމަތިވީ މިދިޔަ މަހު ހުޅުމާލެ 2 ގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސިން ކާރަކުން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހުގަ އެވެ.

އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓަރީ ކޮށްފަ އެވެ.

އޭގެ ފަހުން ފުލުހުން ވަނީ މާލެ ނޫން އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ވަރަށް ގިނަ ސްޕޯޓްސް ކާރުތައް ހުޅުމާލެއިން ޓޯކޮށްފަ އެވެ.