Roadha Mihaaru

ޓެކްސީ ލައިންގެ ވެހިކަލްތަކަށް ހާއްސަ ބިމެއް ކަނޑައަޅައި އޮގަސްޓް މަހު ހިދުމަތް ފަށަނީ

ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތުގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޕާކުކުރާނެ ބިމެއް ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ކަނޑައަޅައި އެ ހިދުމަތް އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ފަށަން ތައްޔާރުވެއްޖެ އެވެ.

ޓެކްސީލައިނަށް ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

05 ޖޫން 2025

ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތުގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޕާކުކުރާނެ ބިމެއް ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ކަނޑައަޅައި އެ ހިދުމަތް އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ފަށަން ތައްޔާރުވެއްޖެ އެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ޓެކްސީ ލައިނުގެ ހިދުމަތް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ފަށާނެ ކަމަށެވެ.

ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މިހާރު ރާވާފައިވާ ގޮތުން ނަމަ އެ ހިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށެވެ.

"އެންމެ ފަހުގެ އަޕްޑޭޓަކީ ޓެކްސީ ލައިނުގެ ހިދުމަތް އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެ ހިދުމަތުގައި ބޭނުންކުރާ ޓެކްސީތައް ބޭއްވުމަށް ބިމެއް ހަމަޖެއްސީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި މިހާރު ހިއްކާފައިވާ ސަރަހައްދުންނެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ އިއްޔެ ހެނދުނު އެ ސަރަހައްދަށް ވަޑައިގެން ވެހިކަލްތައް ޕާކުކުުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބައްލަވާލައްވައިފަ އެވެ.

ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ މާލޭގައި މިހާރު ވެސް ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީއާ އެވެ.

ޓެކްސީ ހިދުމަތުގައި ބޭނުންކުރަނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) އެވެ. އެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ވަކި ހާއްސަ އެޕެއް ގާއިމުކޮށް، ރާއްޖެ އިން ބޭރުގައި ދޭ އޫބާ އާއި ގްރޭބްގެ ހިދުމަތްދޭ ސްޓައިލަކަށެވެ.

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާ ވެހިކަލްތައް ޕާކުކުރާ ސަރަަހައްދު، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި އެމްޓީސީސީ އާއި ސްޓެލްކޯގެ ބައެއް ވެރިން އިއްޔެ ވަޑައިގެން ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާ ވެހިކަލްތައް ޕާކުކުރާ ސަރަަހައްދު، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި އެމްޓީސީސީ އާއި ސްޓެލްކޯގެ ބައެއް ވެރިން އިއްޔެ ވަޑައިގެން ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

މިދިޔަ އޭޕްރީލް މަހު މިނިސްޓަރު ވިދާޅުވި ގޮތުގައި 24 ގަޑިއިރު ދޭ ހިދުމަތަށް ބޭނުންވާ ސައިޒުގެ ޓެކްސީ ހޯދަން އެމްޓީސީސީން އިއުލާންކޮށްގެން، މިހާރު ވަނީ ސަޕްލައި ކުރަން ވަކި ބަޔަކާ ހަވާލުކޮށްފަ އެވެ. ވެހިކަލް ޗާޖުކުރުމާއި މެއިންޓެއިން ކުރުމަށް އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ހަމަ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިދިޔަ އޭޕްރީލް މަހު މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަންނާތީ އެ ހިދުމަތް ދެމުން އަންނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު އެ މައްސަލާގައި މިނިސްޓަރު ވިދާޅުވަނީ އި ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު އެ މީހަކު ބޭނުންވާ ގަޑިއެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނެގުމުގެ ދަތިތަކާ އާއްމުން ކުރިމަތިލާން ޖެހޭ ކަމަށެވެ.

ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަނީ 100 އުޅަނދު ނެރެގެންނެވެ. އޭގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ. އަދި މިހާރު ޓެކްސީގެ ހިދުމަތްދޭ ޑްރައިވަރުންނަށް ވެސް މީގައި ބައިވެރިވެ ހިދުމަތް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ކުރިން ވިދާޅުވެފައިވެ އެެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ.

ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ތައާރަފު ކުރާނީ ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލައް އަދި ކުޅުދުފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު އެވެ.