Roadha Mihaaru

އެވްރެޖުކޮށް ކޮންމެ ދުވަހަކު މާލެ އާއި ހުޅުމާލެއާ ދެމެދުގައި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ އެންމެ ހަތް ޕަސެންޓް މީހުން

މާލެ އާއި ހުޅުމާލެއާ ދެމެދުގައި، އެވްރެޖުކޮށް ކޮންމެ ދުވަހަކު ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ އެންމެ ހަތް ޕަސެންޓް މީހުން ކަމަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
އިފްރާޒް އަލީ
އިފްރާޒް އަލީ

10 އެޕްރީލް 2025

މާލެ އާއި ހުޅުމާލެއާ ދެމެދުގައި، އެވްރެޖުކޮށް ކޮންމެ ދުވަހަކު ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ އެންމެ ހަތް ޕަސެންޓް މީހުން ކަމަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

މާލޭގައި ދުއްވާ ވެހިކަލްގެ ލިމިޓް ކަނޑައެޅުމުގެ ކުރިން މާލޭ ސިޓީ ކައުންސިލުން އައިޔޫއެމްއާ ހަވާލުކޮށްގެން ކުރި ދިރާސާގައި ބުނީ މާލެ ސަރަހައްދުގައި އެންމެ ގިނައިން ބޭނުންކުރާ ޕަބްލިކް ޓްރާންސްޕޯޓަކީ މާލެ އާއި ވިލިމާލެއާ ދެމެދުގައި ދަތުރުކުރާ ފެރީގެ ހިދުމަތް ކަމަށެވެ.

މާލެ އާއި ވިލިމާލެއާ ދެމެދުގައި ދަތުރުކުރާ ފެރީގައި ކޮންމެ ދުވަހަކު އެވްރެޖުކޮށް 6،540 މީހުން ދަތުރުކުރެ އެވެ. އެއީ މާލެ އާއި ވިލިމާލެއާ ދެމެދުގައި ކޮންމެ ދުވަހަކު ދަތުރުކުރާ މީހުންގެ 96.8 ޕަސެންޓެވެ.

ދެން އެންމެ ގިނައިން ބޭނުންކުރަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ އާރުޓީއެލް ބަހުގެ ހިދުމަތެވެ. އާރުޓީއެލް ބަހުގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު މާލެ އާއި ހުޅުމާލެއާ ދެމެދުގައި 15،141 މީހުން ދަތުރުކުރެ އެވެ. އެއީ މި ދެމެދުގައި ކޮންމެ ދުވަހަކު ދަތުރުކުރާ މީހުންގެ އެންމެ 7.4 ޕަސެންޓެވެ. އެކަމަކު، ޕަސެންޓޭޖުގެ ގޮތުން ބަލާ ނަމަ ދެވަނަ އަށް އެންމެ ގިނައިން ބޭނުންކުރާ ޕަބްލިކް ޓްރާންސްޕޯޓަކީ ވިލިމާލެ އާރުޓީއެލް ބަހުގެ ހިދުމަތެވެ. ވިލިމާލޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 939 މީހުން ބަހުގައި ދަތުރުކުރާ އިރު އެއީ 13.9 ޕަސެންޓް މީހުންނެވެ.

އެންމެ ބޮޑަށް ތޮއްޖެހިފައިވާ މާލޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު އާރުޓީއެލް ބަހުގެ ހިދުމަތް ހޯދަނީ 2،014 މީހުންނެވެ. އެއީ އެންމެ 1.47 ޕަސެންޓް މީހުންނެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ވެހިކަލް އަދަދު މަދުކުރުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރޫޓުތައް އިތުރުކުރަން ޖެހެ އެވެ. އަދި ވެހިކަލް ލިމިޓެއް ކަނޑައެޅުމުގެ ކުރިން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފުޅާކުރުން ވަރަށް މުހިންމު ކަމަށް ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގެ މަގުތަކުގެ އަދަދާއި މަގުތަކުގެ ފުޅާމިނާއި ޕާކިން ޖާގަ ހުރި އަދަދާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، މި ސަރަހައްދުގައި ބޭނުންކުރާ ވެހިކަލްގެ ލިމިޓެއް ކަމަށް ކަނޑައަޅަން ފެންނަނީ 89،413 ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.