Roadha Mihaaru
އީދު ދުވަހު ހަވީރު  މާލޭގައި ވެހިކަލް ދުއްވުން މަނާ

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

16 ޖުލައި 2021

އަންނަ ހޯމަ ދުވަހު ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ގަޑިތައް ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

އަންނަ ހޯމަ ދުވަހު ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ގަޑިތައް ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.

ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އީދު ދުވަހު ހަވީރު 4 އިން ރޭގަނޑު 8 އަށް ހިނގާފައި އުޅޭ ގަޑިއެއް ކަމަށް ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މިހާރު ޓްރެފިކް ޕޮލިހާ މަޝްވަރާ ކުރައްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިއީ މާލެ އަކީ ތޮއްޖެހިފައިވާ ތަނަކަށް ވެފައި، ކޮވިޑްގެ ސަބަބުން ރައްޔިތުން ގޭގައި ބަންދުވެފައި ތިބި ދަނޑިވަޅެއްގައި އައި އީދަކަށް ވާއިރު، އެއީ ރައްޔިތުންނާ ކުރި މަޝްވަރާގެ މަތިން ނިންމި ނިންމުމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ވަގުތު އިމަޖެންސީ ހާލަތުގައި ވެހިކަލްތަކާއި އެމްބިއުލެންސް އަދި ސަލާމަތީ ހިދުމަތްތައް ފަދަ ކޮންމެހެން ދުއްވަން ޖެހޭ ވެހިކަލްތަކަށް ހުއްދަ ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އީދު ދުވަހު ވެސް ބޭރަށް ނުކުމެ އުޅުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގަތެވެ.

ބޮޑު އީދުގައި މާލޭގައި ހިނގާފައި އުޅޭނެ ގަޑިއެއް ކަނޑައެޅުމުގެ ކުރިން ކައުންސިލުން ވަނީ "ކްލަބްހައުސް" މެދުވެރިކޮށް ރައްޔިތުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.