Roadha Mihaaru
ބްލޮކްތަކުގެ ވެރިން ހޮވުމުގެ އިންތިހާބު އޮކްޓޫބަރު9ގައި

ބްލޮކްތަކުގެ ވެރިން ހޮވުމުގެ އިންތިހާބު އޮކްޓޫބަރު 9 ގައި

08 އޯގަސްޓް 2021

މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރައްޔިތުންނާ ވީހާ ވެސް ގާތުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކޮންމެ ބްލޮކަކަށް ވެރިއަކު ހަމަޖެއްސުމަށް ބާއްވާ އިންތިހާބު އަންނަ އޮކްޓޫބަރު 9 ގައި ބާއްވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރައްޔިތުންނާ ވީހާ ވެސް ގާތުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކޮންމެ ބްލޮކަކަށް ވެރިއަކު ހަމަޖެއްސުމަށް ބާއްވާ އިންތިހާބު އަންނަ އޮކްޓޫބަރު 9 ގައި ބާއްވަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ، މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން މިއަދުން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއްވެސް މުސާރައެއް ކަނޑައަޅާފައި ނުވާ މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

އިންތިހާބަށް ކުރިމަތިލެވޭނީ އެ މީހަކު އެ ކުރިމަތިލާ ބްލޮކެއްގައި ދިރިއުޅޭ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާ ނަމަ އެވެ. އަދި ވައްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައި ނުވާ މީހަކަށް ވެސް ވާން ޖެހެ އެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި، އެއްވެސް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް، ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާއެއް ކުރި ކަން ސާބިތުވެފައިވާ މީހަކަށް ނުވުމާއި އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުވެފައިވާ މީހަކަށް ނުވުމާއި ތަހުގީގީ މަރުހަލާގައި ހުރި މީހަކަށް ނުވުން ވެސް ހިމެނެ އެވެ. ސިޓީ ކައުންސިލްގެ އިއުލާނުގައި ބަޔާން ކޮށްފައިވާ ޖިނާއީ ކުށްތައް ފިޔަވައި އެހެން ކުށެއް ސާބިތުވެފައިވާ ނަމަ، ހުކުމް ތަންފީޒު ކުރިތާ ތިން އަހަރު ވާން ވެސް ޖެހެ އެވެ.

އިންތިހާބު ކުރެވޭ އެއްވެސް އެހެން މަގާމެއްގައި ހުރި މީހަކަށް ނުވުމާއި މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމަކީ ވެސް މި އިންތިހާބަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތެކެވެ.

ބްލޮކުތަކަށް ވެރިއަކު ހޮވަން ނިންމާފައިވާ ކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ގަލޮޅުގެ ރައްޔިތުންނާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ. އެ މަގާމަށް ހާއްސަކޮށް އުސޫލެއް ހަދައި، ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި ބްލޮކް ވެރިންނަށް މުސާރައެއް ނުލިބޭނެ އެވެ.

"ރައްޔިތުންނާއި ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށްޓަކައި، ބްލޮކްގެ ރައްޔިތުން ހޮވާ އެ ބްލޮކްގައި ދިރިއުޅޭ ފަރާތެއް. ކައުންސިލަރާއި މޭޔަރަށް ބްލޮކްގެ ގޭގޭގެ ފަރާތުން އެންމެފަހުގެ މައުލޫމާތު އަވަސްކޮށް ހިއްސާކުރުން ފަދަ ކަންކަން ކުރާނޭ ފަރާތެއް،" ބްލޮކްތަކުގެ ވެރިންގެ މަގާމު އުފައްދާތީ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މުއިއްޒު ވިދާޅުވި އެވެ.

ބްލޮކްގެ ވެރިން ހޮވުމުގެ އިތުރުން ކޮންމެ އަވަށަކަށް ބޯޑެއް އިންތިހާބު ކުރަން ވެސް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެކަން ކުރަން ނިންމާފައި ވަނީ ބްލޮކްގެ ވެރިން ހޮވުމަށް ފަހު އެވެ.