Roadha Mihaaru

ރަށު ޕިކަޕާއި ސައިކަލް ދުއްވަން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް ލިބޭ ގޮތް ހަދައިފި

ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސެއް ނެގޭ ގޮތަށް މިއަދު ހަދައިފި އެވެ.

60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 އެޕްރީލް 2025

ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސެއް ނެގޭ ގޮތަށް މިއަދު ހަދައިފި އެވެ.

މީގެ ކުރިން، 2021 ވަނަ އަހަރު ހަދާފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގައި އުމުރުން ދުވަސްވީ މީހުން ވަކި ލައިސެންސެއް ނަގަންޖެހޭ ގޮތަކަށް ނޯވެ އެވެ. އެ ގަވާއިދުގައި އޮތީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލައިސެންސް ދޫކުރުމުގެ އުސޫލެކެވެ.

އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުން ވަކި ހާއްސަ ލައިސަންސެއް ނެގިދާނެ އެވެ. އަދި އެ ލައިސެންސް ދޭނީ ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށާއި އެ ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައް ކިޔައިދޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

މިގޮތަށް ހެދުމުން، އާންމު އުސޫލުން ލައިސަންސް ނެގުމުގެ ބަދަލުގައި، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ލުއި ގޮތަކަށް ލައިސަންސް ނެގޭނެ އެވެ. އެކަމަކު އެ ލައިސަންސްގައި ދުއްވޭނީ ވަކި އުޅަނދުތަކެއް އަދި ވަކި ތަންތަނެއްގަ އެވެ.

އެ އިސްލާހުގައިވާ ގޮތުން އުމުރުން ދުވަސްވީ މީހުންގެ ލައިސެންސްގައި ދުއްވޭނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް އަދި އުޅަނދުތައް އެކަންޏެވެ. އަދި އެފަދަ ލައިސަންސްގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށް ދުއްވޭނީ ހަމައެކަނި އެ ލައިސެންސެއް ދޫކުރާ ރަށެއްގައި ކަމަށާއި އަދި ވެހިކަލް ދުއްވޭނީ ވެސް ހަމައެކަނި 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައި ބުނީ އެ ލައިސެންސް ދޫކުރާނީ 10 އަހަރަށް ކަމަށެވެ. އަލުން ލައިސެންސް ދޫކުރާނީ ތަމްރީނު ފުރިހަމަކުރުމުންނެވެ. އަދި އެއް ފަހަރަށް ވުރެ ގިނައިން ގަވައިފާ ހިލާފުވެއްޖެނަމަ އެ ލައިސެންސް ބާތިލްކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އެ އިސްލާހުގެ ދަށުން އެގޮތަށް ހަމަޖެއްސި ނަމަވެސް، މިހާރު ލައިސަންސް ދޫކޮށްފައި ތިބި މީހުންގެ ތެރެއިން 60 އަހަރު ވެފައިވާ މީހުންގެ ލައިސަންސްތަކާ މެދު އަމަލު ކުރާނެ ގޮތެއް އެ އިސްލާހުގައި ބުނެފައެއް ނުވެ އެވެ.

ޚަބަރު އިސްލާހުކޮށްފައި:

މި ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު، 60 އަހަރުން މަތީގެ މީހުންނަށް ކާރު ނުދުއްވޭނެ ކަމަށް ލިޔެވިފައިވަނީ ގަވައިދުގައި އޮތް އިބާރާތް މާނަކުރުމުގައި އެރި އޮޅުމަކުންނެވެ. މިހާރު ޚަބަރު ވާނީ އިސްލާހުކޮށްފަ އެވެ.