Roadha Mihaaru
ލައިސަންސް ނުހެދި ޖޫރިމަނާކުރާތީ ހިތްހަމަނުޖެހިއްޖެ

ލައިސަންސް ނެގުމުގެ ފުރުސަތު ނުދީ ޖޫރިމަނާކުރާތީ ހިތްހަމަނުޖެހިއްޖެ

07 މާޗް 2021

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ފުރުސަތު ނުދީ ޖޫރިމަނާކުރުމާއި ލައިސަންސް ކާޑު ދޫކުރުން ލަސްވާ މައްސަލައިގައި ޓްރާންސްޕޯޓް އޮތޯރިޓީ ދޮށަށް ބަޔަކު މިއަދު އެއްވެ ނުރުހުންފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ފުރުސަތު ނުދީ ޖޫރިމަނާކުރުމާއި ލައިސަންސް ކާޑު ދޫކުރުން ލަސްވާ މައްސަލައިގައި ޓްރާންސްޕޯޓް އޮތޯރިޓީ ދޮށަށް ބަޔަކު މިއަދު އެއްވެ ނުރުހުންފާޅުކޮށްފި އެވެ.

ބޯޑުތަކެއް ހިފައިގެން ގޮސް ހައެއްކަ މީހުން ގޮވާލީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކަށް އަމަލުކޮށްގެން ނަމަވެސް ލައިސަންސް ނެގުމުގެ ފުރުސަތު ދިނުމަށެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ލައިސަންސް ނެތި ދުއްވާއިރު ބޮޑު އަދަދުން ޖޫރިމަނަކުރުމެވެ.

މި މައްސަލައިގައި ޓްރާންސްޕޯޓް އޮތޯރިޓީ ދޮށަށް އެއްވި މީހުން ވަނީ އެތަނުގެ ޚިދުމަތްތައް ލަސްވާ މައްސަލައިގައި ވެސް ފާޑުކިޔައިފަ އެވެ. އެ މީހުން ތިބީ ލައިސަންސް ކާޑު ހަދަން ހުށަހެޅުމުން އަތަށް ލިބެން ދެތިން މަސް ނެގުމާއި ޚިދުމަތް ހޯދަން ގުޅުމުން ފޯނަށް ޖަވާބު ނުދިނުމުން ފަދަ ކަންބޮޑުވުންތައް ބޯޑުތަކުގައި ލިއެގެންނެވެ.

"ލައިސަންސް ޓެސްޓް ހެދޭނެ ގޮތެއް ނެތް، އެކަމަކު މަގުމަތިން ހުއްޓުވައި 750،ރ، ނުވަތަ 1000ރ. އިން އެބަ ޖޫރިަމނާކުރޭ،" އޭނާ ވިދާޅުވި އެވެ.

"މީގެތެރޭގައި ލައިސަންސް ކާޑު ހަދަން ޓްރާންސްޕޯޓަށް ދީގެން ދެތިން މަސް ނުލިބިގެން އުޅޭ މީހުން ވެސް އެބަހިމެނޭ."

ޓްރާންސްޕޯޓް އޮތޯރިޓީގައި ނުރުހުންފާޅުކުރި މީހަކު ބޯޑެއް ހިފައިގެން.

ޓްރާންސްޕޯޓް އޮތޯރިޓީގައި ނުރުހުންފާޅުކުރި މީހަކު ބޯޑެއް ހިފައިގެން.

ލައިސަންސް ނުނަގައި ދުއްވާ ނަމަ 1،000ރ. އަދި ލައިސަންސް ކާޑު އަތުގައި ނެތް ނަމަ 750ރ. އިން ޖޫރިމަނާކުރެ އެވެ.

ލައިސަންސް ނެގުން ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ލައިސަންސް ނެގުމުގައި އާއްމުންނަށް ހުރި އުނދަގޫތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ގުޅުމުން އެތަނުގެ އިސް ބޭފުޅަކު ވިދާޅުވީ ވަރަށް އަވަހަށް ނޫސްބަޔާނަކުން އެކަން ސާފުކޮށްދޭނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއަށް ބަޔަކު ގޮސް ނުރުހުންފާޅުކުރުމުން، އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީޕިއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލައިސަންސް ނެގުން ހުއްޓުވައި ޖޫރިމަނާކުރުމަކީ ކޮވިޑުގެ ނަމުގައި ރައްޔިތުންގެ ހައްގަކަށް އަރައިގަތުމެވެ. ނުރުހުންފާޅުކުރުމާ ހިސާބަށް ދަނީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި ހައްގުތައް ހޯދާނެ އިތުރު ގޮތެއް ނެތުމުން ކަމަށް ވިދާޅުވި އެވެ.

"ހައްގުތައް ހޯދަން ވުޒާރާތަކުގެ އެތެރޭގައި އިހްތިޖާޖްކުރަން މިވަނީ މަޖުބޫރުވެފައި. ލައިސަންސް ނެތީމަ ޒުވާނުން ކުށްވެރިވޭ. ޒުވާނުންނަށް ލައިސަންސް ނެގޭނެ ގޮތެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.