Roadha Mihaaru
ޖޫރިމަނާ ފައިސާ ނުދެއްކިޔަސް މިހާރު ލައިސަންސް ނެގޭނެ

ޖޫރިމަނާ ފައިސާ ނުދެއްކިޔަސް މިހާރު ލައިސަންސް ނެގޭނެ

17 ޖުލައި 2021

ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭނެ ކަމަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދުގައި ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭނެ ކަމަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދުގައި ބުނެފި އެވެ.

އުމުރުން 18 ފުރުމުގެ ކުރިންނާއި 18 އަހަރު ފުރިފައިވާ ފަހުން ވެސް ލައިސަންސް ނެތި އުޅަނދު ދުއްވައިގެން އެތައް ބަޔަކު ޖޫރިމަނާކޮށްފައިވެ އެވެ. އެގޮތަށް ދުއްވައިގެން އެތައް ފަހަރަކު ޖޫރިމަނާކުރުމުން، ޖޫރިމަނާ ފައިސާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ ޒުވާނުން އެބަ އުޅެ އެވެ.

ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ކޮށްގެން ނޫން ގޮތަކަށް އެ މީހުންނަށް ލައިސަންސް ނުނެގޭނެ އެވެ. އެކަމާ ގުޅިގެން ޝަކުވާތައް އިތުރުވެފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި ގަވާއިދުގައިވާ ގޮތުން، ލައިސަންސް ނުނަގައި ދުއްވުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް އަލަށް ލައިސަންސް ނެގޭނެ އެވެ.

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް އެ މައްސަލަ ހުށަހަަޅައިގެން ކުރިއަށް އެބަ ގެންދެ އެވެ.

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ މީހުންނަށް ލުޔެއް ދޭނީ ޖޫރިމަނާގެ ބަދަލުގައި މުޖުތަމައަށް ހިދުމަތެއް ކުރުމުން ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައިވެ އެވެ.

އެފަދަ މަސައްކަތެއް ކުރުވާ ގޮތަށް ޖޫރިމަނާ މާފުކުރެވޭނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 10،000ރ. އަށް ވުރެ މަތިވެފައިވާ މީހުންނަށެވެ.

ބޮޑު ޖޫރިމަނާއެއް އޮތަސް، އެ ފައިސާ ނުދައްކައި ލައިސަންސް ނެގޭ ގޮތަށް ބަދަލު ގެނައިއިރު ގަވާއިދާ ޚިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭނެ ކަމަށް ވެސް މި ގަވާއިދުގައި ބުނެ އެވެ. ގަވާއިދާ ހިލާފަށް ޕާކުކުރުމުން ކުރިން ކުރަނީ ޖޫރިމަނާ އެވެ.

މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓު ހިމެނޭނެ އެވެ. އެކަމަކު ގަވާއިދާ ޚިލާފުވާ ކޮންމެ ފަހަރަކު ލައިސަންސުން ޕޮއިންޓް އުނި ކުރަމުންދާނެ އެވެ. އެގޮތަށް ލައިސަންސުން ޕޮއިންޓް ހުސްވުމުން އެ ލައިސަންސެއް އޮޓަމެޓިކުން ބާތިލްވާނެ އެވެ.