Roadha Mihaaru
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ ބިން ޕާކިން އަށް

ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ 90،000 އަކަފޫޓުގެ ބިން ޕާކިން އަށް ދޭން ނިންމައިފި

09 ސެޕްޓެމްބަރ 2024

ހުޅުމާލެ ސަހަރާގެ ކުރިމަތީގައި އޮންނަ ހުސް ބިން ވެހިކަލްތައް ޕާކް ކުރަން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލެ ސަހަރާގެ ކުރިމަތީގައި އޮންނަ ހުސް ބިން ވެހިކަލްތައް ޕާކް ކުރަން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އެޗްޑީސީން މިހާރު އަންނަނީ ޕޮލިސް ފްލެޓުތައް ކުރިމައްޗަށް ވާ ގޮތަށް އޮތް އެ ބިން ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ، ޓެކްސީ އާއި އެހެން ބޭނުންތަކަށް ވެހިކަލްތައް ދުއްވާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕާކު ކުރާނެ ޖާގަ ނެތުން ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް، މާލެ އާއި ހުޅުމާލެ އަކީ އަމާން ތަނަކަށް ހެދުމުގެ ބޭނުމުގައި 90،000 އަކަފޫޓުގެ އެ ބިން ވަގުތީ ގޮތުން ބޭނުން ކުރަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

ހުޅުމާލެ އިން ޕާކިން އަށް ހާއްސަކުރާ ބިމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓަރު އަމީން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ހުޅުމާލެ އިން ޕާކިން އަށް ހާއްސަކުރާ ބިމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓަރު އަމީން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

އޭގެ ތެރެއިން 50،000 އަކަފޫޓުގެ ސަރަހައްދެއް ހާއްސަ ކުރަނީ އަމީން ވިދާޅުވި ގޮތުގައި ޓެކްސީތަކާއި އެހެނިހެން ވެހިކަލްތަކުގެ ޕާކިން އަށެވެ. ބާކީ 40،000 އަކަފޫޓުގެ ޖާގަ ހުސްކުރަން ނިންމާފައި ވަނީ ފުލުހުން ޓޯ ކުރާ ވެހިކަލްތަކަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި މިތަނުގައި ޕާކު ކުރަން ފުރުސަތު ލިބިގެން ދާނެ،" އަމީން ވިދާޅުވި އެވެ.

އެ ބޮޑު ބިމުގައި ޕާކު ކުރެވޭނެ ގޮތް ހަދަމުން އަންނަނީ ހުޅުމާލޭގައި ޕާކިން އިމާރާތްތައް އަޅަންދެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޗްޑީސީން ވަނީ 4،000 ޔުނިޓު ހިމެނޭ ޕާކިން ބިލްޑިންގްތަކެއް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފަ އެވެ. އެ މަސައްކަތް ނިމުމުން ޕާކިން މައްސަލަ އަށް ބޮޑު ހައްލެއް އަންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.