Roadha Mihaaru
ސްމާޓް ޕާކިންގެ 23 ޖާގަ ދޫކުރަން ހުޅުވާލައިފި

ބިޑް އުސޫލުން ހުޅުމާލޭގެ ސްމާޓް ޕާކިންގެ 23 ޖާގަ ދޫކުރަން ހުޅުވާލައިފި

17 މެއި 2023

ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ މީހުންނަށް ލިބޭ ގޮތަށް، ހުޅުމާލޭގެ ސްމާޓް ޕާކިންގެ 23 ޖާގަ ދޫކުރަން އިއްޔެ ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ މީހުންނަށް ލިބޭ ގޮތަށް، ހުޅުމާލޭގެ ސްމާޓް ޕާކިންގެ 23 ޖާގަ ދޫކުރަން އިއްޔެ ހުޅުވާލައިފި އެވެ.

ސްމާޓް ޕާކިން ޒޯން ހެދީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައި ހުންނަ ފިތުރޯނު ޕާކިން ޒޯނުގަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެވެ.

އާބަންކޯގެ އިއުލާނެއްގައި ބުނީ ޕާކިން ޖާގަ ބޭނުންވާ މީހުންނަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތެއްގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ ވެސް ހަމަ އެ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯ އިން ބުނިގޮތުގައި، ބީލަން ފެށޭ އަގަކީ 1،500ރ. އެވެ. ތިން އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޭ އެ ޖާގަތައް ލިބޭނީ ޕޮއިންޓް ދޭ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެންމެ މަތިން ޕޮއިންޓް ހޯދާ މީހުންނަށް ކަމަށް އާބަންކޯ އިން ބުންޏެވެ.

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: ބިޑް އުސޫލުން އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލައިފައި.-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: ބިޑް އުސޫލުން އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލައިފައި.-- ފޮޓޯ: އާބަންކޯ

ޕޮއިންޓް ދޭ އުސޫލު:

• އެންމެ މަތިން އަގު ހުށަހަޅާ މީހުންނަށް 80 ޕޮއިންޓް.

• ކުރިން ހުޅުވާލި ބީލަން ކާމިޔާބު ކޮށްފައިވާ މީހުންނާއި މި ޕާކިން ޒޯން ހުންނަ ފިތުރޯނު މަގުގައި ދިރިއުޅޭ މީހުންނަށް 20 ޕޮއިންޓް.

މި ޕާކިން ޖާގަތައް ދެނީ ހަމައެކަނި ދިވެހިންނަށެވެ. ހުޅުމާލޭގައި މިހާރު ވެސް ޕާކިން ޖާގައެއް ކުއްޔަށް ނަގާފައި އޮތް މީހަކަށް ވެގެން ނުވާނެ އެވެ.

މި ޖާގަތަކަށް ހޮވޭ 23 މީހުންގެ އިތުރުން 10 މީހަކު ވެއިޓްލިސްޓް ކުރާނެ ކަމަށް ވެސް އާންބަކޯގެ އިއުލާނުގައިވެ އެވެ.

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: ބިޑް އުސޫލުން އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލައިފައި.-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: ބިޑް އުސޫލުން އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލައިފައި.-- ފޮޓޯ: އާބަންކޯ

ޕާކިން ޖާގަތައް ކުއްޔަށް ނަގާ މީހުން އެތަން ސަބްލީސް ކުރުމާއި ރަޖިސްޓަރީ ކުރާ އުޅަނދު ނޫން އެހެން އުޅަނދުތައް އެ ތަނުގައި ޕާކުކުރުން މަނާ ވާނެ އެވެ. އެ މީހެއްގެ ނަމުގައިވާ އެހެން އުޅަނދެއް ޕާކުކުރަން ބޭނުންވާ ނަމަ، އެކަމުގެ ހުއްދައަށް އެދެން ޖެހޭނެ އެވެ. އެ ޖާގަތަކުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހުއްދަ ނުވަތަ ގަރާޖު ސިޓީ ދޫނުކުރެވޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

ހަމައެކަނި ކާރު ޕާކް ކުރެވޭ ގޮތަށް ހަދާފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށާއި ދިގު މުއްދަތަށް ޕާކުކުރަން ބޭނުންވާ ޖާގަތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޖާގަތައް ވެސް ހުންނާނެ ކަމަށް އާބަންކޯ އިން ބުންޏެވެ. ކުރު މުއްދަތަށް ޕާކް ކުރަން ބޭނުންވާ މީހުންނަށް ހާއްސަ ކޮށްގެން ޕާކިން އެޕްލިކޭޝަނެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ އިތުރު ތަންތަނުގައި ވެސް ސްމާޓް ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރަން ރާވާފައިވާ ކަމަށެވެ.