Roadha Mihaaru
ސްމާޓް ޕާކިންގެ ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލަނީ

ހުޅުމާލޭގައި ހެދި ސްމާޓް ޕާކިންގެ ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލަނީ

15 މެއި 2023

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯނުގެ ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އާބަންކޯއިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯނުގެ ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އާބަންކޯއިން މިއަދު ބުނެފި އެވެ.

އާބަންކޯގެ ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންނަށް ލުއިފަސޭހަ ސްމާޓް ސިޓީއެއް ހޯދައިދިނުމުގެ އަޒުމުގައި އެ ކުންފުނީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ޕާކުކުރުމުގެ ކަންކަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްމާޓް ޕާކިން ޒޯނެއް ހުޅުމާލޭގައި މިހާރު ހަދައި ނިމިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: އާބަންކޯ

ސްމާޓް ޕާކިން ޒޯން ހެދީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައި ހުންނަ ފިތުރޯނު ޕާކިން ޒޯނުގަ އެވެ.

"...ވަރަށް އަވަހަށް މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

ހަމައެކަނި ކާރު ޕާކުކުރެވޭ ގޮތަށް ހަދާފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށާއި ދިގު މުއްދަތަށް ޕާކުކުރަން ބޭނުންވާ ޖާގަތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޖާގަތައް ވެސް ހުންނާނެ ކަމަށް އާބަންކޯ އިން ބުންޏެވެ. އަދި ކުރު މުއްދަތަށް ޕާކުކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ޕާކިން އެޕްލިކޭޝަނެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: އާބަންކޯ

ސްމާޓް ޕާކިން ޒޯނުގެ ތަފްސީލު

• ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކުކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓާ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ.

• އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެންމެފަހުގެ ޓެކްނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި މެޝިން ލާނިން (އެމްއެލް) ބޭނުންކުރޭ.

• އެއާއެކު، އިންސާނީ މުއާމަލާތަކާ ނުލައި ކާރަށް ޕާކިން ޒޯނަށް ވަދެ، ނުކުމެ ހެދޭނެ.

• މި ޒޯނުގައި ޕާކުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 24 ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާކުރާނެ.

• މިތަނަށް ހާއްސަކޮށްގެން ހަދާފައިވާ މޯބައިލް އެޕްލިކޭޝަން އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ލިބޭނެ.

• އެ އެޕްލިކޭޝަން ބޭނުންކޮށްގެން ހުސްވެފައި ހުރި ޕާކިން ޖާގަތަކާއި ޕާކުކުރެވޭ އަގުތައް ބަލައިލެވޭނެ.

• އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެ.

• ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާއި ޕާކިން ޖާގަޔާ ހަމައަށް ނެވިގޭޓުކޮށްދިނުމާ އަދި ބޭނުންކުރާ މީހާގެ ޕްރޮފައިލް ވެސް މި އެޕުން ފެންނާނެ.

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި ހަދާފައިވާ ސްމާޓް ޕާކިން ޒޯން: އެތަނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: އާބަންކޯ

އާބަންކޯ އިން ބުނީ ހުޅުމާލޭގެ އިތުރު ތަންތަނުގައި ވެސް ސްމާޓް ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރަން ރާވާފައިވާ ކަމަށެވެ.

ޕާކިން ޖާގަ ނުލިބުމަކީ މާލެ ސަރަހައްދަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެ މައްސަލަ އެންމެ ބޮޑީ މާލޭގަ އެވެ. އަދި ހުޅުމާލޭގައި ވެސް، އެ އަވަށުގައި ދިރިއުޅޭ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ، ޕާކިންގެ މައްސަލަ ދަނީ ބޮޑުވަމުންނެވެ.