Roadha Mihaaru

މާފަންނު ސަހަރާ ކައިރީގެ މަގުތަކުގައި ޕާކުކުރުން މަނާކޮށް، އެތެރޭގައި މައިޒާނަކާ އެކު ޕާކިން ޒޯނެއް

މާފަންނު ސަހަރާގެ ފާރުތައް ތަޅާލައި، ސަހަރާގެ ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭރުން އެތަނުގެ ކައިރީގައިވާ ހަނި ގޯޅިތަކުގައި ޕާކުކުރުން މަނާކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާފަންނު ސަހަރާގައި ޕާކިންއަކާ އެކު މައިޒާނެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 އެޕްރީލް 2025

މާފަންނު ސަހަރާގެ ފާރުތައް ތަޅާލައި، ސަހަރާގެ ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭރުން އެތަނުގެ ކައިރީގައިވާ ހަނި ގޯޅިތަކުގައި ޕާކުކުރުން މަނާކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭގެ ސަހަރާތަކުގެ ފާރުތައް އަރިއަޅާލައި ރެނދުލައި ހަލާކުވެފައިވާ މައްސަލާގައި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް "މިހާރު" އަށް ވިދާޅުވީ އެ ކަންކަން ހައްލުކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަރީޝް ވިދާޅުވި ގޮތުގައި މިހާރު ވެސް މާފަންނު ސަހަރާގެ ފާރުތަކުގެ ބޮޑުބައެއް ތަޅާލާފައިވާއިރު، ކައުންސިލުން މަސައްކަތް ކުރަނީ އެ ތަނުގައި ޕާކިން ޒޯނެއް ހަދާށެވެ. އެއާ އެކު، ހަނި ގޯޅިތަކުގައި ޕާކުކުރުން މަނާކުރުމުން، އެމްބިއުލާންސް ފަދަ ވެހިކަލްތައް، އެ ގޯޅިތަކަށް ނުވަދެވޭ މައްސަލަ ހައްލު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަހަރާގެ ފާރުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސަހަރާގެ ފާރުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި އެތަން ވަނީ މިހާރު އެއްކޮށް ސާފުކޮށްލައިފަ އެވެ.

އަރީޝް ވިދާޅުވީ ސަހަރާގެ އެތެރޭގައި ގަސް އިންދައި އެތަނުގައި މީހުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު ސެންޓްރަލް ޕާކު މި އޮންނަ ގޮތަށް ފެހިކުރުމަށް ގަސް އިންދައި، އެތަނުގައި މީހުންނަށް ތިބެވޭނެ ހިތްފަސޭހަ ގޮތަކަށް ހެދުމަށް ކައުންސިލުގެ ވިސްނުން ހުރީ،" މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އަރީޝް ވިދާޅުވި އެވެ.

އޭގެ އިތުރުން ގަލޮޅު ސަހަރާގެ ފާރުތައް ތަޅާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ހެންވޭރު ސަހަރާގެ ފާރު އަރިއަޅާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހެންވޭރު ސަހަރާގެ ފާރު އަރިއަޅާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަރީޝް ވިދާޅުވީ ގަލޮޅު ސަހަރާގައި މިހާރު މަސައްކަތް ކުރަނީ އެތަނުގައި އިއްޒަތްތެރިން ވަޅުލާފައިވާ ސަހަރައްދު ސާފުކުރުން ކަމަށެވެ. އަދި އެ ސަރަހާގެ މަގު ވެސް ހަނިވުމުން، އެ މަގު ފުޅާކުރުމަށް ކުރެވޭނެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހެންވޭރު ސަހަރާގެ ފާރު ވެސް އޮތީ ކިރިޔާ ނުވެއްޓޭ ހިސާބުގަ އެވެ. އެހެންވެ، އަރީޝް ވިދާޅުވީ އެތަނުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން މިހާރު ބިޑިން ޕްރޮސެސް ވެސް އޮތީ ނިންމާފައި ކަމަށެވެ.

އެކަަމަކު އެތަނުގެ ފާރުތައް އެއްކޮށް ތަޅާލައިގެން ހަދާނީތޯ ނުވަތަ މަރާމާތުކުރާނީތޯ އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.