Roadha Mihaaru
މާލޭގެ މިސްކިތްތައް އަނެއްކާވެސް ކައުންސިލަށް

މާލޭގެ މިސްކިތްތައް އަނެއްކާވެސް ކައުންސިލްގެ ބެލުމުގެ ދަށަށް

07 ޖެނުއަރީ 2019

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގި މާލޭގެ މިސްކިތްތައް އަނެއްކާވެސް ސިޓީ ކައުންސިލްގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގި މާލޭގެ މިސްކިތްތައް އަނެއްކާވެސް ސިޓީ ކައުންސިލްގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނުގައި، މާލޭގެ މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާ އޮތީ ސިޓީ ކައުންސިލަށެވެ. އެކަމަކު ވޭތުވެދިޔަ ސަރުކާރުން ވަނީ ސިޓީ ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިކޮށްފަ އެވެ. އޭގެތެރޭގައި މިސްކިތްތައް ބެލެހެއްޓުން ވެސް ސިޓީ ކައުންސިލްގެ އަތުން އަތުލީ އެވެ.

ގާނޫނުގައި ކައުންސިލްތަކަށް ކަނޑައަޅާފައި އޮތް ބާރުދޭން މި ސަރުކާރުން ވީ ވައުދާ އެކު މިއަދު ވަނީ ބައެއް ޚިދުމަތްތައް ސިޓީ ކައުންސިލްއާ ހަވާލުކޮށްފަ އެވެ. އޭގެތެރޭގައި މިސްކިތްތައް ބެލެހެއްޓުމުގެ އިތުރުން މާލޭގެ ގަބުރުސްތާނުތަކާއި ގަލޮޅުގައި ހުންނަ މޯޗަރީ ވެސް ކައުންސިލާ ހަވާލުކުރި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދުﷲ ޖަމީލާއި މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފެވެ.

އެ ރަސްމިއްޔާތުގައި ޝަމާއު ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުމަށް ކައުންސިލުން މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލާފައި ކަމަށެވެ. މިސްކިތްތަކުގެ ސާފުތާހިރުކަމާއި އެ ނޫން ކަންކަން ކުރިއަށް ގެންދާނީ އެ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ.

މިސްކިތްތައް ކައުންސިލާ ހަވާލުކުރި ނަމަވެސް އިމާމުންގެ ހުރިހާ ކަމެއް ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީންނެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ދީނީ ދަރުސްތަކާއި ގުރުއާން ކްލާސްތައް ބޭއްވުން ފަދަ ހަރަކާތްތައް ހިންގުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

މާލޭގެ މިސްކިތްތަކުގެ އިތުރުން ފުވައްމުލަކާއި އައްޑޫގެ މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލަތަކާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.