Roadha Mihaaru
އާޒިމް އެދުނީ މިސްކިތްތައް ދިވެހިންގެއަތުން ސާފުކުރުމަށް

އާޒިމް އެދިވަޑައިގަތީ މިސްކިތްތައް ދިވެހިންގެ އަތުން ސާފުކޮށްދިނުމަށް

22 މާޗް 2024

މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ބިދޭސީންގެ ބަދަލުގައި ދިވެހިންނާ ހަވާލުކުރަން ސިޓީ ކައުންސިލުން ނިންމިޔަސް ދެ ވަނަ ފަހަރު އިއުލާން ކޮށްގެން ވެސް ކާމިޔާބެއް ނުވި އެވެ. އެހެންވެ، ތިންވަނަ ފަހަރު އެ އިއުލާން އިއްޔެ ގެޒެޓްކުރުމާ އެކު، މާލޭގެ މޭޔަރު އާދަމް އާޒިމް ދޫކޮށްލެއްވީ ހާއްސަ މެސެޖެކެވެ. އެއީ ރާއްޖޭގެ މިސްކިތްތައް ސާފުކުރަން ވާނީ "ދިވެހިންގެ އަތުން" ކަމުގެ މެސެޖެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ބިދޭސީންގެ ބަދަލުގައި ދިވެހިންނާ ހަވާލުކުރަން ސިޓީ ކައުންސިލުން ނިންމިޔަސް ދެ ވަނަ ފަހަރު އިއުލާން ކޮށްގެން ވެސް ކާމިޔާބެއް ނުވި އެވެ. އެހެންވެ، ތިންވަނަ ފަހަރު އެ އިއުލާން އިއްޔެ ގެޒެޓްކުރުމާ އެކު، މާލޭގެ މޭޔަރު އާދަމް އާޒިމް ދޫކޮށްލެއްވީ ހާއްސަ މެސެޖެކެވެ. އެއީ ރާއްޖޭގެ މިސްކިތްތައް ސާފުކުރަން ވާނީ "ދިވެހިންގެ އަތުން" ކަމުގެ މެސެޖެވެ.

"ދިވެހިރާއްޖޭގެ މިސްކިތްތައް ދިވެހިންގެ އަތުން ސާފުކޮށް ބެލެހެއްޓުމަކީ ލިބޭ ފަހުރެއް އަދި އުފަލެއް ކަމުގައި ހައްދަވާ،" މިސްކިތްތައް ބަލަހައްޓައި އަދި ފޮޅައި ސާފުކުރާނެ ދިވެހިން ނުލިބުމުން ތިން ވަނަ ފަހަރަށް ކުރި އިއުލާނާ އެކު ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވި އެވެ.

"ވީހާ ވެސް ގިނަ ދިވެހި އަންހެނުން އަދި ފިރިހެނުން މި ވަޒީފާތަކަށް ކުރިމަތިލުން އެދެން."

މާލެ ސިޓީ ކައުންސިލުން މިދިޔަ މަހުގެ 22 ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ މިސްކިތްތައް ބަލަހައްޓަން ދިވެހިން ހޯދާށެވެ. ބިދޭސީން ނަގާނީ ދިވެހިން ނުލިބިއްޖެ ހާލަތެއްގައި އެކަނި ކަމަށް ވެސް ނިންމި އެވެ.

މިދިޔަ ހަފްތާގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، އެ މަސައްކަތަށް ދިވެހިން ނުލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން އިއުލާން ކުރީ 114 ދިވެހިން ހޯދަން ކަމަށާއި ނަމަވެސް ލިބުނީ އެންމެ 14 މީހުން ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ މިސްކިތްތަކާ ގުޅޭ މަސައްކަތްކުރާ މީހުންނަށް ސިޓީ ކައުންސިލުން ކަނޑައަޅާފައި ވަނީ 5،000ރ-15،000ރ. އާ ދެމެދުގެ އަދަދެކެވެ. އެންމެ މުސާރަ ބޮޑީ މޭސަނުންނާއި ވެލްޑަރުންނާއި ވަޑާންކުރާ މީހުންނާއި ޓެކްނީޝަނުންނާއި އިލެކްޓްރީޝަނުން އަދި ޕްލަމްބަރުގެ އެވެ. އެއީ މަހަކު 15،000ރ. އެވެ.

މިސްކިތްތައް ފޮޅައިސާފުކުރުމަށް 110 މީހަކު ބޭނުންވާއިރު އެ މީހުންގެ މުސާރައަކީ މަހަކު 12،000ރ. އެވެ. އަދި މަރާމާތު ކުރާ މީހުންގެ މުސާރައަކީ ވެސް އެއީ އެވެ.

މިސްކިތްތައް ބަލަހައްޓާނެ ސުޕަވައިޒަރުންގެ ގޮތުގައި ފަސް މީހަކު ނަގާއިރު އެ މީހުންގެ މުސާރައަކީ 5،020ރ. އެވެ. ސާވިސް އެލަވަންސަށް 1،500ރ. އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ. ދޭނެ އެވެ.

މާލެ/ހުޅުމާލެ މިސްކިތްތަކަށް ނަގާ މުވައްޒަފުންގެ އަދަދު:

- ދެ މޭސަނުން

- ދެ ވެލްޑަރުން

- އެއް ކާޕެންޓަރު

- ދެ ޓެކްނީޝަނުން

- ފަސް ސުޕަވައިޒަރުން

- ފޮޅައިސާފުކުރަން 110 މީހުން

- މަރާމާތު މަސައްކަތްތަކަށް ފަސް މީހުން

- އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމަށް ތިން މީހުން

އެ މަގާމުތަކަށް ކުރިމަތިލާން މި ފަހަރު ދީފައިވާ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ. މިސްކިތްތައް ފޮޅައިސާފުކުރުމުގެ އިތުރުން ސުޕަވައިޒް ކުރުމާއި މިސްކިތަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލު ކުރުމަށް ވެސް މީހުން ނަގަން އިއުލާނުގައި ވެ އެވެ.