Roadha Mihaaru
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި

ކައުންސިލުން މުނިސިޕަލް ހިދުމަތް ދޭން ހުޅުމާލޭގެ ވިޔަފާރި ބިންތައް ދޫކުރަން ދަތި: ފަޒުލް

04 ޑިސެމްބަރ 2024

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުން ފެށުމަށް، ވިޔަފާރި ބިންތައް ކައުންސިލަށް ދޫކުރަން ދަތި ކަމަށާއި އެގޮތަށް އެކަން ކޮށްފި ނަމަ ކުންފުންޏަށް ގެއްލުވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުން ފެށުމަށް، ވިޔަފާރި ބިންތައް ކައުންސިލަށް ދޫކުރަން ދަތި ކަމަށާއި އެގޮތަށް އެކަން ކޮށްފި ނަމަ ކުންފުންޏަށް ގެއްލުވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުރެއްވި އެންމެ ފުރަތަމަ މަސައްކަތުގެ ތެރޭގައި ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް މާލޭގެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުން ހިމެނެ އެވެ. ސަރުކާރުން އެގޮތަށް ނިންމީ، މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގަ އެވެ.

ނަމަވެސް އަދިވެސް ހުޅުމާލެ މުނިސިޕަލް މަސައްކަތް ސިޓީ ކައުންސިލުން ނުފަށަ އެވެ.

އެޗްޑީސީގައި ސިޓީ ކައުންސިލާ އެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް، މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައި ވިޔަސް އެކަން ފަށަން ގޮންޖެހުންތައް ހުރި ކަން ގަބޫލު ކުރައްވާ ކަމަށެވެ. އެކަން ހައްލުކުރަން މާލޭ ސިޓީ ކައުންސިލާ އެކު މަސައްކަތްކޮށް، އެއްބާރުލުން ވެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި މުނިސިޕަލް ހިދުމަތްތައް ބަދަލު ކުރުމުގައި ގާނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.

އާންމު ހިދުމަތްތައް ދިނުން ސިޓީ ކައުންސިލުން ފޯރުކޮށްދޭން ގައިޑްލައިންތަކެއް ކަނޑައަޅައި، އެތަނަށް ބަދަލު ކުރެވޭ މުވައްޒަފުންގެ އަދަދާއި ކުރެވެން ހުރި ކަންކަން އެޗްޑީސީން ކައުންސިލާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި މާލޭގެ މޭޔަރު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި މާލޭގެ މޭޔަރު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މާލެ ސިޓީ ކައުންސިލް

ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް ނާޅާނެ ކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ މުނިސިޕަލް ހިދުމަތް ދިނުމުގެ ފުރުސަތު ކައުންސިލަށް ދޭން ތައްޔާރު ކަމަށެވެ. އެ މަސައްކަތަކީ ގާނޫނީ ގޮތުން ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ފަށަން އެންމެ ބޮޑަށް ދިމާވެފައި އޮތް ގޮންޖެހުމަކީ މާލީ ދަތި ކަމެވެ. އެ ދަތިކަން ހައްލުކުރެވޭނެ ގޮތަށް، ހުޅުމާލޭގެ މަސް މާރުކޭޓް ފަދަ ތަންތަން ހިންގުން ވެސް ކައުންސިލަށް ދޫކޮށްލާނެ ކަމުގެ ޔަގީންކަން ފަޒުލް ދެއްވި އެވެ.

"މުނިސިޕަލް ސާވިސްތަކަށް ބޭނުން ކުރާ، މިސާލަކަށް މަސް މާރުކޭޓު ނޫނީ ލޯކަލް މާރުކޭޓުގެ ހިދުމަތްތައް އެ ފަރާތަށް [ކައުންސިލަށް] ދޫކޮށްލަން އަޅުގަނޑުމެން ރާވާފައި އޮތީ. އެކަމަކު ކޮމާޝަލީ ބޭނުން ކުރާ އެއްވެސް ލޭންޑެއް އަޅުގަނޑުމެން ދޫނުކޮށް އަޅުގަނޑުމެންގެ ދަށުގައި އެކަންކަން އޮޕަރޭޓު ކުރާނީ،" ފަޒުލް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ އިއްޔެ ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލްގެ ބައެއް މެމްބަރުން  ބައިވެރިވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ އިއްޔެ ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހުޅުމާލެ ބިމުގެ އިހްތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން ހުޅުމާލެ މިހާރު ހިންގުމާ ހަވާލުވެފައިވާ އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ 2022 ވަނަ އަހަރު ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ދިޔަ އެވެ. އޭރު ވެސް ކައުންސިލްގެ ޖަލްސާތަކުގައި ވެސް ނިންމާފައި އޮތީ، ހުޅުމާލެއަކީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި މުނިސިޕަލް ހިދުމަތް ދޭން ޖެހޭނީ ކައުންސިލުން ކަމަށެވެ.