Roadha Mihaaru

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިފި

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި "ޖަސްޓިސް ބިލްޑިންގް އެނެކްސް" މިއަދު ހުޅުވައިފި އެވެ.

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

27 ޖުލައި 2025

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި "ޖަސްޓިސް ބިލްޑިންގް އެނެކްސް" މިއަދު ހުޅުވައިފި އެވެ.

މި އިމާރާތް ހުޅުއްވައިދެއްވީ، މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ ވިދާޅުވީ އެ އިމާރާތަކީ ފަހުގެ ތާރީހެއްގައި ސަރުކާރުން ޝަރުއީ ދާއިރާގެ އިމާރާތެއް އެޅުމަށް އެންމެ ބޮޑު ހަރަދެއް ކުރި އިމާރާތް ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތައް ދުވަހެއް ވަންދެން ނުނިމި ދިގުލައިގެން ދިޔަ އެތަކެއް މައްސަލަތަކަށް އަލަށް ހަމަޖެހުނު ޖަސްޓިސް ބިލްޑިންގުގެ އެނެކްސްގެ ސަބަބުން ވަނީ ހައްލު ވެފައި. އުއްމީދަކީ އަލަށް ހަމަޖެހުނު އިމާރާތުގެ ސަބަބުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތުގެ ދުވެލި ހަލުވިވެ، ފަސޭހަކަމާއި އަވަސްކަމާ އެކު ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދިއުން." އަމްޖަދު ވިދާޅުވި އެވެ.

ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވުމަށްފަހު ރައީސަށް ފިލައެއް އަރުވަނީ - ފޮޓޯ/ރައީސް އޮފީސް

ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވުމަށްފަހު ރައީސަށް ފިލައެއް އަރުވަނީ - ފޮޓޯ/ރައީސް އޮފީސް

އަމްޖަދު ވިދާޅުވީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް އާ އިމާރާތަށް ބަދަލުވި ނަމަވެސް މާލޭގެ ޖަސްޓިސް ބިލްޑިންގައި މިހާރު ވެސް ހިންގަމުންދާ ކޯޓުތައް އަދިވެސް ހިންގަމުންދަނީ ވަރަށް ގިނަ ދަތިތަކަކާ އެކު ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ލިބޭނީ ހުޅުމާލޭގައި ގާއިމްކުރާ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަތޮޅު ތެރޭގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކަށް ވެސް އެފަދަ ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައިވާ ގޮތުގައި، ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގައި ހެދި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރުމަށް ހާއްސަ 10 ކޮޓަރި އާއި ޑްރަގް ކޯޓުގައި ޝަރީއަތް ކުރުމަށް ފަސް ކޮޓަރި ހުންނާނެ އެވެ.

ޖަސްޓިސް ބިލްޑިން އެނެކްސްގެ ދިދަ ނަގަނީ - ‏ފޮޓޯ/ރައީސް އޮފީސް

ޖަސްޓިސް ބިލްޑިން އެނެކްސްގެ ދިދަ ނަގަނީ - ‏ފޮޓޯ/ރައީސް އޮފީސް

އޭގެ އިތުރުން ފަނޑިޔާރުންނަށް ހާއްސަކޮށް 17 ކޮޓަރި ވެސް ޖަސްޓިސް ބިލްޑިންގް އެނެކްސްގައި ހުންނާނެ އެވެ. އެއީ ކްރިމިނަލް ކޯޓަށް 12 އަދި ޑްރަގް ކޯޓަށް ފަސް ކޮޓަރި އެވެ.

ޑީޖޭއޭއިން ކުރިން ބުނެފައިވާ ގޮތުގައި އާ އިމާރާތުގެ ފަސޭހަތަކާ އެކު، ޝަރީއަތްތައް ވެސް އަވަސްވެ، ކޯޓު ރޫމް މަދުވުމުގެ ޝަކުވާ މިވަގުތަށް ހައްލު ވާނެ އެވެ.

"މިއީ ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ. ކޯޓު ރޫމުތައް އިތުރުވުމުގެ އިތުރުން ޖާގަ ވެސް ވަރަށް ބޮޑަށް ތަނަވަސް ވާނެ. މިއީ ފަނޑިޔާރުންނަށާއި އެ ކޯޓުތަކުގެ މުވައްޒަފުންނަށް ވަރަށް ފަސޭހައެއް. ކްރިމިނަލް ކޯޓު ބާވެ، އެ ތަނުގައި މަސައްކަތް ކުރަން ޖެހުނީ ވަރަށް ދަތި ހާލުގައި. ޑްރަގް ކޯޓު ވެސް އެހާ ދަތި،" އޮފިޝަލް ވިދާޅުވި އެވެ.

އެ އިމާރާތުގެ ހުރިހާ މަސައްކަތެއް ކުރީ އެޗްޑީސީންނެވެ.

އެންމެ ބާރު ބޮޑު އެއް ކޯޓު، ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރީ އެ ތަން ހިންގަމުންދިޔަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، އެ އިމާރާތުގެ ބައިތައް ވެއްޓޭތީ އެވެ. އެ މައްސަލަތަކާ ހެދި ކްރިމިނަލް ކޯޓުގެ މަސައްކަތް ބައެއް ފަހަރު ހުއްޓި މަސައްކަތްތަކަށް ބުރޫއަރަ އެވެ. އެ ދަތިތަކާ އެކު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ.

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ޝަރުއީ ދާއިރާގެ ސުޕީރިއާ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.