Roadha Mihaaru

15 ކޯޓު ރޫމާ އެކު، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ބޮޑު ލުޔެއް ލިބޭނެ: ޖޭޑީއޭ

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ކޯޓު އިމާރާތުގެ ނަމަކީ "ޖަސްޓިސް ބިލްޑިންގް އެނެކްސް" ކަމަށާއި އެ ދެ ކޯޓުގައި ޝަރީއަތް ކުރުމަށް ހާއްސަ 15 ކޮޓަރި ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

15 ކޯޓު ރޫމާ އެކު ބޮޑު ލުޔެއް ލިބޭނެ: ޑީޖޭއޭ

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ކޯޓު އިމާރާތުގެ ނަމަކީ "ޖަސްޓިސް ބިލްޑިންގް އެނެކްސް" ކަމަށާއި އެ ދެ ކޯޓުގައި ޝަރީއަތް ކުރުމަށް ހާއްސަ 15 ކޮޓަރި ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގައި ގާއިމްކުރާ ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރުމަށް ހާއްސަ 10 ކޮޓަރި އަދި ޑްރަގް ކޯޓުގައި ފަސް ކޮޓަރި ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ފަނޑިޔާރުންނަށް ހާއްސަކޮށް 17 ކޮޓަރި ވެސް ޖަސްޓިސް ބިލްޑިންގް އެނެކްސްގައި ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއީ ކްރިމިނަލް ކޯޓަށް 12 އަދި ޑްރަގް ކޯޓަށް ފަސް ކޮޓަރި އެވެ.

"މިއީ ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ. ކޯޓު ރޫމުތައް އިތުރުވުމުގެ އިތުރުން ޖާގަ ވެސް ވަރަށް ބޮޑަށް ތަނަވަސް ވާނެ. މިއީ ފަނޑިޔާރުންނަށާއި އެ ކޯޓުތަކުގެ މުވައްޒަފުންނަށް ވަރަށް ފަސޭހައެއް. ކްރިމިނަލް ކޯޓު ބާވެ، އެ ތަނުގައި މަސައްކަތް ކުރަން ޖެހުނީ ވަރަށް ދަތި ހާލުގައި. ޑްރަގް ކޯޓު ވެސް އެހާ ދަތި،" ޑީޖޭއޭގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އާ އިމާރާތުގެ ފަސޭހަތަކާ އެކު، ޝަރީއަތްތައް ވެސް އަވަސް ކޯޓު ރޫމް މަދުވުމުގެ ޝަކުވާ މިވަގުތަށް ހައްލު ވާނެ އެވެ.

ޑީޖޭއޭ އިން މަސައްކަތް ކުރަނީ ހުޅުމާލޭގެ "ޖަސްޓިސް ބިލްޑިންގް އެނެކްސް" މި މަހުގެ ފަހުކޮޅު ހުޅުވާށެވެ.

އެޗްޑީސީން މިހާރު އަންނަނީ އެ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

އެންމެ ބާރު ބޮޑު އެއް ކޯޓު، ކްރިމިނަލް ކޯޓު ހުޅުމާލެ އަށް ބަދަލުކުރަނީ އެ ތަން މިހާރު ހިންގަމުން އަންނަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، އެ އިމާރާތުގެ ބައިތައް ވެއްޓޭތީ އެވެ. އެ މައްސަލަތަކާ ހެދި ކްރިމިނަލް ކޯޓުގެ މަސައްކަތް ބައެއް ފަހަރު ހުއްޓި މަސައްކަތްތަކަށް ބުރޫއަރަ އެވެ. އެ ދަތިތަކާ އެކު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ.

އެ ކޯޓު ހިންގުން ވަގުތީ ގޮތުން ކޮވިޑް ހޮސްޕިޓަލަށް ބަދަލުކުރަން ވެސް ކުރިން އުޅުނެވެ. އެގޮތަށް ނިންމީ އެ ތަނުގައި ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑުވުމުންނެވެ. އެކަމަކު، ފަހުން ސަރުކާރުން ނިންމީ ކޮވިޑް ހޮސްޕިޓަލް އެއްކޮށް މަރާމާތުކުރުމަށް ފަހު އެ ތަނަށް ކޯޓު ބަދަލުކުރުމަށެވެ.

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ޝަރުއީ ދާއިރާގެ ސުޕީރިއާ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.