17 ފެބުރުއަރީ 2022
ރާއްޖޭގައި ބޮޑެތި ޖިނާއީ މައްސަލަތައް ހިންގާ ގޮތާއި އެފަދަ ޖަރީމާތަކުގައި ބައިވެރިވާ މީހުންގެ ނުރައްކަލާއި ޖެހިލުންވުން ކުޑަވަމުންދާއިރު، އޭގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ ގާޒީންނެވެ. ޖިނާއީ މައްސަލަތައް ބަލައި، ހުކުމް ކަނޑައުއްވާ އެ ގާޒީންނަަށް މިހާރު ކޮންމެ ދުވަހެއް ވެސް ބިރުވެރި އެވެ. ކުށުގެ މާހައުލާއި ކުށްވެރިން ވެސް "ޒަމާނީ" ވާ ވަރަކަށް ނުރައްކާ ވަނީ ބޮޑެވެ.
ރާއްޖޭގައި ބޮޑެތި ޖިނާއީ މައްސަލަތައް ހިންގާ ގޮތާއި އެފަދަ ޖަރީމާތަކުގައި ބައިވެރިވާ މީހުންގެ ނުރައްކަލާއި ޖެހިލުންވުން ކުޑަވަމުންދާއިރު، އޭގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ ގާޒީންނެވެ. ޖިނާއީ މައްސަލަތައް ބަލައި، ހުކުމް ކަނޑައުއްވާ އެ ގާޒީންނަަށް މިހާރު ކޮންމެ ދުވަހެއް ވެސް ބިރުވެރި އެވެ. ކުށުގެ މާހައުލާއި ކުށްވެރިން ވެސް "ޒަމާނީ" ވާ ވަރަކަށް ނުރައްކާ ވަނީ ބޮޑެވެ.
އެކައުންޓުތަކުގައި މިލިއަނުން ފައިސާ ދައުރުކޮށް، ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯކުތަކާ ގުޅިފައި އޮންނަ މީހުންގެ މައްސަލަތަކާއި ހަނގުރާމަތަކުގައި ބައިވެރިވެ، މީހުން މަރަން ފަސްނުޖެހޭ އަދި ބޮން ހަދައި އެއް ފަހަރާ ގިނަ ބައެއްގެ ފުރާނަ ދުއްވައިލަން ވެސް ތައްޔާރަށް ތިބި މީހުންގެ މައްޗަށް އަދަބު ކަނޑައަޅަން މި ތިބެނީ ގާޒީންނެވެ.
ކުރިން މަސްތުވާތަކެތީގެ ދެތިން ގްރާމް އަތުލައިގެން ނޫނީ ވަޅިން ހަމަލަ ދިން ބައެއްގެ މައްޗަށް ހުކުމް ކުރާ ފަނޑިޔާރަކަށް އޭރު އޮތް ބިރުވެރިކަމާއި އިންޒާރު ދިނުމުގެ ކަންކަން މިހާރު ކޯޓުތަކުގައި އެ މައްސަލަތައް ބަލާ ފަނޑިޔާރުންނަށް އޮތް ނުރައްކާ ހާސް ބައި ތަފާތެވެ. ނުރައްކާތެރި ބޮޑެތި ގޭންގުތަކާއި ކުށްވެރިންގެ ނުފޫޒާއި އިންޒާރުތައް އޮންނަނީ ހުރިހާ ދިމާލަކުން ކޯޓުތައް ވަށާލައިފަ އެވެ.
ރައްކާތެރިކަން ނުލިބޭ ކަމުގެ ޝަކުވާތައް ގިނަ ވެފައިވާ އިރު، ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރު އިންނަވަން ޖެހެނީ ފުރާނަ އަތް މައްޗަށް ލައިގެނެވެ! އެކަށީގެންވާ ވަރަށް ރައްކާތެރިކަން ނުލިބި، ބޮޑު ބިރެއްގެ ތެރޭގައި ތިބެގެން އިންސާފު ކަށަވަރު ކުރާނީ ކިހިނެއް ހެއްޔެވެ؟
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޖުޑީޝަލް އެޑްމިނިސްޓްޓްރޭޝަންގެ މެމްބަރުން ހާޒިރުކޮށް، މަޖިލީހުގެ މެމްބަރުން އިއްޔެ މައިގަނޑު ގޮތެއްގައި ދެއްކެވީ އެ ވާހަކަ އެވެ. އެ ކަންބޮޑުވުމެވެ.
ބޮޑެތި ކުށްވެރިންނާ ގުޅޭ މައްސަލަތައް ކިތަންމެ އަވަހަށް ތާވަލު ކުރިޔަސް ފަސޭހައިން ސަލާމަތްވެ، އަލުން މުޖުތަމައަށް ދޫވެ އެވެ. އެ ނޫން މައްސަލައެއް ނަމަ ތާވަކެއް ވެސް ނުކޮށް އެތައް އަހަރެއް ދެމިގެން އެބަދެ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ މައްސަލަތަކެވެ. އަދި ގަސްދުއި ގޯސްކޮށް ހުކުމްކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ވެސް މެންބަރުން ސުވާލު ކުރެއްވި އެވެ.
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ހިސާން ވާހަކަ ދައްކަވަނީ.--- ފޮޓޯ/މިހާރު
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ވިދާޅުވިގޮތުގައި، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާ ބޮޮޑެތި ޖިނާއީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުންނަށް އޮތް ނުރައްކާ ވެސް ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. ބޮޑެތި ކުށްވެރިންނަށް ހުކުމް ކުރަން ޖެހޭއިރު ފަނޑިޔާރުންގެ އަމިއްލަ ފުރާނަ ސަލާމަތް ވާނެ ކަމާ މެދު ޔަގީން ކަމެއް ނެތެވެ. ފަނޑިޔާރުން މަސައްކަތް ކުރައްވަން ޖެހިފައި އޮތީ ބޮޑު ރިސްކެއްގެ ތެރޭގައި ކަމަށް ހިސާން ވިދާޅުވި އެވެ.
"އެކްސްޓްރީމިޒަމާއި ޓެރަރިޒަމް އަދި މަސްތުވާތަކެތީގެ ގިނަަ މައްސަލަތަކެއް ކޯޓުގައި ހިނގާއިރު ފަނޑިޔާރުންނަށް އަނބިދަރިންނާ އެކީ މަގުމަތީ ނޫޅެވޭ މިންވަރަށް ތްރެޓް އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންނަށް އަނބިދަރިންނާ އެކީ މަގުމަތީ ނޫޅެވޭ މިންވަރަށް ތްރެޓު އެބަ ލިބޭ"--- ހިސާން
ހިސާން ވިދާޅުވިގޮތުގައި، މާފަންނުން ލޯކަލް މާރުކޭޓް ސަރަހައްދުގައި ހުންނަ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ގޭޓު މަތިން މީހުން އަރައިގެން ދާ މައްސަލަތައް ވެސް ދިމާވެފައި އެބަހުއްޓެވެ. ކޯޓަށް ވަދެ ނުކުންނަނީ ކޮން ވެހިކަލެއް ކަމެއް ނުބަލަ އެވެ. ބެލޭނެ ގޮތެއް ވެސް ނޯވެ އެވެ.
"ހަގީގަތުގައި ދަންނަވާ ނަމަ ކޯޓުތަކުގެ ސެކިއުރިޓީއެއް އެންޝުއާއެއް ނުކުރެވޭ ދައުލަތެއްގެ ގޮތުގައި. އެއީ އެންމެން ވިސްނައިގެން އަޅަން ޖެހޭ ފިޔަވަޅެއް،" ޖުޑިޝަރީ ކޮމިޓީގެ ވެސް މެމްބަރު ހިސާން ވިދާޅުވި އެވެ.
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ ހަވާލު ކޮށްފައި އޮންނަނީ ފުލުހުންނާ އެވެ.
ކްރިމިނަލް ކޯޓުގެ މިހާރު ބައެއް ފަނޑިޔާރުންނާއި ކުރީގެ ބައެއް ފަނޑިޔާރުން.---ފައިލް ފޮޓޯ: މިހާރު
އެ މުއައްސަސާ އަށް ކޯޓުތަކުގެ ދޮރުމަތީގައި ފުލުހަކު ބަހައްޓަން ވެސް ދައްޗެވެ. މާލޭގެ ކޯޓުތަކުގެ ސެކިއުރިޓީ އެކަށީގެންވާ ވަރަށް ބެލެހެއްޓޭނެ ވަސީލަތްތަކެއް ނެތް ކަމުގެ ޝަކުވާ ފުލުހުން ކުރެ އެވެ.
"މާލޭ ކޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނެއް ނޫން. އެ ބޭފުޅުން ވިދާޅުވަނީ އެކަށީގެންވާ ރިސޯސަސްއެއް ނެތޭ ގޭޓްތައް މެނޭޖް ކުރާކަށް. ޕެޓްރޯލް ކާރު ޕެޓްރޯލް ކޮށްދޭނެ ކަމަށް ފުލުހުން ބުނަނީ،" ހިސާން ވިދާޅުވި އެވެ.
ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް މިހާރު ހިނގަނީ ކުދި މައްސަލަތަކެއް ނޫނެވެ. ކްރިމިނަލް ކޯޓާ އެއްވަރެއްގެ ބޮޑެތި މައްސަލަތައް ބެލުމުގެ ބާރު އޮވެ އެވެ. އަދި ނުރައްކާތެރި ބޮޑެތި ކުށްވެރިން ހާޒިރުކޮށް، މައްސަލަތައް ބަލަން ޖެހެ އެވެ.
އެކަމަކު، އެއިން ކޯޓް ރޫމެއްގެ ހާލަތު ހުރި ގޮތް މެމްބަރުންނަށް ސިފަ ކޮށްދެއްވަމުން ހިސާން ވިދާޅުވިގޮތުގައި، ގާޒީ އިންނަވަނީ ދައުވާ ލިބޭ މީހާ ބޭނުން ނަމަ ގާޒީ އަށް ހަމަލައެއް ދެވޭހާ ކައިރީގަ އެވެ. ކޯޓް ރޫމް އެހާ ކުޑަ އެވެ. ނަމަވެސް އެއްވެސް ސެކިއުރިޓީ އެއް ނުތިބޭތާ ގިނަ ރަށްރަށުގައި ފުލުހުން ވެސް ނުތިބެ އެވެ. ކިތަންމެ ނުރައްކާތެރި މީހަކަށް ހުކުމް ކުރަން ވިޔަސް ރައްކާތެރިކަމެއް ނޯވެ އެވެ.
"އެކްސްޓްރީމިޒަމް ފެތުރިފައި އޮންނަ ރަށްރަށުގައި މި މައްސަލަތައް ވަކިން ހާއްސަކޮށް ބޮޑު،" ހިސާން ވިދާޅުވި އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓުތަކުގެ ގާޒީީންނަށް ސީރިއަސް ހާދިސާތައް ކުރިމަތިވެފައިވާ ކަމަށެވެ.
މެޖިސްޓްރޭޓުން މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ވެހިކަލްތަކުގައި ގޮސް ގައިގައި ޖަހައި ބޮޑެތި އަނިޔާ ދޭން މަސައްކަތް ކުރެ އެވެ. ރޭގަނޑު ބޭރަށް ނުކުމެވަޑއިގަންނަވާ ވަގުތު ގްރޫޕުތައް ގޮސް ޖިސްމާނީ ގެއްލުން ދޭން އުޅެ އެވެ. ބައެއް މެޖިސްޓްރޭޓުން ދިރިއުޅުއްވާ ގޭގެ ދޮރަށް ކަތިވަޅި ޖަހާފައި ހުންނަ ކަމަށް ވެސް ރިޒްނާ ވިދާޅުވި އެވެ.
ޖަލުން ސަލާމަތްވެ ނުކުމެ ވެސް ހަމަ އެ ގާޒީންނަށް މާލެތެރެއިން ވެސް އިންޒާރުދީ ހަދާ. ސެކިއުރިޓީއަކީ ސީރިއަސް އިޝޫއެއް،" -- ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު
ފަނޑިޔާރުންނަށް މަސައްކަތު މާހައުލާ ހެދި އޮންނަ ނުރައްކާ ކިތަންމެ ބޮޑަސް ސެކިއުރިޓީ ދިނުމުގައި ދައުލަތް ވަނީ ނުކުޅެދިފަ އެވެ. އެކަމަކު، އެންމެ ކުޑަމިނުން ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ދޭ ރިސްކް އެލަވަންސްތައް ކުޑަވުމުގެ ޝަކުވާތައް ވެސް އެ ބޭފުޅުން ނުކުރައްވަ އެވެ.
"ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މި ދެނީ ޑްރަގް ކޯޓުގެ ވެސް ފަނޑިޔާރުންނަށް ދޭ ވަރުގެ ރިސްކް އެލަވަންސެއް. އެއީ އެހާ ހަމަޖެހޭ އުސޫލެއް ނޫން. ފަނޑިޔާރުންގެ ކަންބޮޑުވުން އޮތް މައްސަލައެއް،" ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ޖުޑިޝަރީ ކޮމިޓީގައި ވިދާޅުވި އެވެ.
ފަނޑިޔާރުގެ މިނިވަންކުރުމާއި ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފު ހޯދައި ދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކަށް ވާއިރު، އެކަން ކުރުމަށް ކުރަން އޮތް ހަމައެކަނި ކަމަކީ ސިޔާސީ ނުފޫޒު ނުވަންނަ ގޮތް ހެދުމެއް ނޫނެވެ. ފަނޑިޔާރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމާއި ކުރާ ހުކުމަށް އަސަރު ނުކުރާނެ ވަރަށް ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހެ އެވެ. ނަމަވެސް މުޅި ދައުލަތުން އެ ކަމެއް ކޮށް ނުދެވޭކަން ކަމާ ގުޅުން ހުރި ބޭފުޅުންގެ ވާހަކަތަކުން ވަރަށް ސާފެވެ. ދައުލަތް ވަނީ ނުކުޅެދިފަ އެވެ.
ތިން ވަނަ ބާރު: އަޅާލުމެއް، ހިޔާވައްސެއް ނެތް!
ޝަކީލްއާ ބައްދަލުކުރި ވާހަކަ ނަޝީދު ދޮގުކުރައްވައިފި
ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރަން 16 އަހަރުވާނެ
ގާޒީ ނަޖީބު ވަކިކުރަން މަޖިލީހަށް ހުށަހަހަޅަނީ
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
"ފަނޑިޔާރުގެއަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ފެނޭ"
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ
ނަޒީރާއި މާޖިދު ވަކިވާ ގޮތަށް މަޖިލިހުން ފާސްކޮށްފި
ނަޒީރާއި މާޖިދުގެ މަގާމު ގެއްލޭގޮތަށް ބިލް ބަދަލުކޮށްފި