Roadha Mihaaru
ޝަކީލްއާ ބައްދަލުކުރި ވާހަކަ ނަޝީދު ދޮގުކުރައްވައިފި

އިސްގާޒީ ޝަކީލާ ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލާގައި ނަޝީދު، ހިސާން ދިފާއު ކުރައްވައިފި

13 ޖޫން 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްއާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދޮގުކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިސްގާޒީ ޝަކީލާއި ހިސާންގެ އިތުރުން އެ ކޮމިޝަންގެ މެމްބަރެއް ކަމަށްވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދަންވަރުގެ ވަގުތެއްގައި ޖޭއެސްސީގައި ބައްދަލު ކުރެއްވި ކަމަށް ބުނެ މީޑިއާއަކުން ވަނީ ޓްވީޓު ކޮށްފަ އެވެ.

ޝަކީލަކީ ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ހުރިހާ މައްސަލަތަކެއް ވެސް ބައްލަވާ ފަނޑިޔާރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، އިސްގާޒީ ޝަކީލްއާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ، ދަންވަރު ގަޑީގައި ބައްދަލު ކުރެއްވުމުގެ ފުރުސަތެއް އެއްވެސް ބޭފުޅަކަށް ދީފައި ނުވާ ކަމަށެވެ. އަދި ހިސާނާއި ޝަކީލް ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ދެކޭގޮތުގައި މި ބާވަތުގެ ހަގީގަތެއް ނެތް ވާހަކަ ފެތުރުމަކީ އެއްވެސް ފަރާތަކަށް ފައިދާ ހުރި މަސްލަހަތެއް ނޫން،" ހިސާންގެ ދިފާއުގައި ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީން ވެސް ވަނީ އެ މައްސަލަ ދޮގު ކޮށްފަ އެވެ. އެ ކޮމިޝަންގެ އަގު ވެއްޓޭ ގޮތަށް ދޮގު ޚަބަރު ފަތުރާ މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ވެސް އެ ކޮމިޝަނުން ރޭ ކުރި ޓުވީޓެއްގައި ބުންޏެވެ.