Roadha Mihaaru
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"

ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ: ރައީސް އޮފީސް

08 ޑިސެމްބަރ 2022

ޝަރުއީ ދާއިރާ އަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޝަރުއީ ދާއިރާ އަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޝަރުއީ ދާއިރާއާ ގުޅޭ އެއްވެސް މައްސަލައެއްގައި އެއްވެސް ތަނަކަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ.

އެއާއެކު، ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލަ ބަލަން ފެށުމާ ގުޅޭގޮތުން ކުރި ސުވާލަށް މިއުވާން ޖަވާބެއް ނުދެއްވި އެވެ.

ތަރުޖަމާނު ވިދާޅުވީ ޖޭއެސްސީގެ މަސައްކަތްތައް، އެ ކޮމިޝަނުން ކުރާނީ މިނިވަންކަމާއެކު ކަމަށެވެ.

"ސަރުކާރުގެ ނުފޫޒެއް ޖުޑީޝަރީއަކަށް، ޖޭއެސްސީއަކަށް ނޯންނާނެ،" މިއުވާން ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން، ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން، ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ފަނޑިޔާރު މަހާޒުގެ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ޔާމީން މިނިވަންކުރި ދުވަހު، ޔާމީނާ ގުޅުން އޮތް ފަރާތަކުން އެ ކޯޓަށް ފޮނުވި މެންދުރު ކެއުމަކާ، އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް ހަވާލުވެ ވަޑައިގަތް ކަމަށް ބުނެ އެވެ.

ނަމަވެސް، އެ ހުކުމް އިއްވެވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ މައްސަލަ ބަލަން ފެށުމުން ޖޭއެސްސީ އަށް ގިނަ ބައެއްގެ ސުވާލު ވަނީ އަމާޒުވެފަ އެވެ.

މަހާޒް ވަނީ އެއީ މީހަކު ފޮނުވި ކެއުމެއް ނޫން ކަމަށާއި އަމިއްލައަށް ފައިސާ ދީގެން ބައްލަވައިގަތް އެއްޗެހި ކަމަށް ވިދާޅުވެ ޖޭއެސްސީން އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

ޝަރުއީ ދާއިރާ މިނިވަންކުރުމަށް ހާއްސަކޮށް ޖޭއެސްސީ އިސްލާހުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ. އެކަމަކު، އެ މަސައްކަތް ނިމޭނެ ތާރީހެއް ނުބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ފުރަތަމަ ދައުރު ހަމަވާން ކައިރި ވެފައިވާއިރު ވެސް ޖޭއެސްސީ އިސްލާހު ނުކުރެވުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ބަލިފައެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.