Roadha Mihaaru

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

17 މެއި 2025

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ އެންމެ މަތީ ކޯޓުން ހުސްވެފައިވާ ދެ މަގާމަށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗުން ދެ މަގާމެއް ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ.

ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

އޭނާއާއެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ވެސް ވަނީ ރިޓަޔާ ކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ.

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެ ބޭފުޅުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވުމުންނެވެ.

މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމާ މެދު އދ. އާއި ކޮމަންވެލްތުގެ އިތުރުން ބޭރުގެ ބައެއް ޖަމާއަތްތަކާއި ބާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.