Roadha Mihaaru

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް

މި ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ދާދިފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމުމުން، އެކަން ހުއްޓުވަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ހައިކޯޓަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

31 ޖުލައި 2025

މި ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ދާދިފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމުމުން، އެކަން ހުއްޓުވަން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ.

ޝަހީދު، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ފެށުނުތާ ކުރީކޮޅެވެ. ނަމަވެސް އެ މަގާމުން މިމަހު ކުރީކޮޅު އޭނާ އިސްތިއުފާ ދެއްވި އެވެ. އަދި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޕީއެންސީ އާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.

ޝަހީދު، ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވަން މައްސަލަ ހުށަހެޅުއްވީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް މި ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންނެވި ވަކީލް އަހުމަދު ނައުޝާދެވެ. އެ މައްސަލަ ނިމެންދެން އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ނައުޝާދު "މިހާރު" އަށް މިއަދު ވިދާޅުވީ ސިޔާސީ މަގާމެއް އަަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނަޒާހަތްތެރިކަމާ އެކު، މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތްކޮށް، ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކުރިމަތިލައްވާފައި ވަނިކޮށް، އަމިއްލަ ކުންފުންޏެއްގައި ވަކީލަކަށް އުޅުއްވި ބޭފުޅަކު ފަނޑިޔާރަކަށް އައްޔަން ކުރުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް މަގާމެއް ހޯދާކަށް ނޫން މި އުޅެނީ،" ނައުޝާދު ވިދާޅުވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.