ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް މިއަދު އެދިވަޑައިގެންފި އެވެ.
05 މެއި 2025
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް މިއަދު އެދިވަޑައިގެންފި އެވެ.
ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ޖޭއެސްސީން ފޮނުވި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މިއަދު ވަނީ ކޮމިޓީ މަރުހަލާ ފަށައިފަ އެވެ. ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ ޖޭއެސްސީން ފޮނުވި ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް މަޖިލީހަށް ހާޒިރުކުރަން ފެންނަ ނަމަ އެކަން ކުރުމަށެވެ.
ފަނޑިޔާރު މަހާޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ސުލޫކީ މައްސަލަ ތަހުގީގުކޮށް ބެލުމުގައި އަދި އެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީން އަމަލުކޮށްފައިވާ ގޮތާ މެދު ނުހަނު ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
އެ ކޮމިޓީން ކަނޑައެޅިގެން ގާނޫނުގައިވާ އިޖުރާއަތްތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި ޖޭއެސްސީގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނާ އުސޫލާ ވެސް ހިލާފަށް މައްސަލަ ބަލާ ކޮމިޓީން އަމަލުކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ:
- ދަށު ކޯޓުގެ މުއްދަތުގެ މަޖިލީހަށް ގެނެވުނު ފަރާތެއް ދޫކޮށްލުމަށް ނުފޫޒު ފޯރުވިކަން އެއީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށް.
- ކްރިމިނަލް ކޯޓުގެ ގާޒީ ޖޭއެސްސީ އަށް ހާޒިރުވެ ހެކިބަސް ދީފައިވަނީ ޑރ. އިސްމާއިލް ދޫކޮށްލަން ނިންމި ނިންމުމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައިނުވާ ކަމަށް.
- އެ ކޮމިޝަނަށް ހާޒިރުވި އެއްވެސް ފަރާތަކުން އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލުކުރަން އެއްވެސް މީހަކަށް އިރުޝާދު ދިން ކަމަށް ބުނެފައި ނުވާ ކަމަށް.
މިހާ ސާފުކޮށް އޮތް ކަމެއްގައި ފަނޑިޔާރު ވަކި މީހަކަށް ނުފޫޒު ފޯރުވި ކަމަށް ނިންމި ނިންމުމަކީ އެކަމުގައި ބޭއިންސާފު އިންތިހާ އަށް އެކުލެވޭ ކަމެއް ކަން އަންގައިދޭ ކަމެއް ކަމަށް.
ފަނޑިޔާރު މަހާޒު ވިދާޅުވީ މައްސަލަ ބެލި ތަހުގީގު ކޮމިޓީން ތަހުގީގު ކުރުމުގައި ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އާންމު ފަރާތަކުން ހުށަހެޅި ސިޓީއަކާ ގުޅިގެން މައްސަލަ ބަލަން ފެށި ކަމަށް ބުނާއިރު، އެ ސިޓީއަކީ ކޮން އިރަކު އެ ކޮމިޝަނަށް ހުށަހެޅި ސިޓީއެއްކަން އަންގައިދޭން ތަކުރާރުކޮށް އެދުމުން ވެސް އެ މައުލޫމާތު ދީފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން މައްސަލައަށް ފުރިހަމައަށް ޖަވާބުދާރީވުމަށް އޮތް އަޅުގަނޑުގެ ހައްގަށް އުނިކަން ލިބިފައިވާކަން ފާހަގަކުރަމެވެ. އަދި ހަމައެއާ އެކު ތަހުގީގު މަރުހަލާގައި ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް މައްސަލަ ބެލި ކޮމިޓީން އަޅުގަނޑަށް ދީފައެއް ނުވެ އެވެ،" ސިޓީގައިވެ އެވެ.
އެހެންވެ، މިކަމުގައި ފަނޑިޔާރުގެ ހުރި ކަންބޮޑުވުންތައް ޖުޑިޝަރީ ކޮމިޓީއަށް ހިއްސާކުރަން ބޭނުންވާ ކަމަށް ސިޓީގައި މަހާޒު ވަނީ ވިދާޅުވެފަ އެވެ. ޖުޑިޝަރީ ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން އެ ކޮމިޓީއަށް ހާޒިރުވެ ހަގީގަތްތައް ހާމަކޮށްދިނުމަށް ފުރުސަތު ދެއްވުމަށް ފަނޑިޔާރު އެދިވަޑައިގެންފައިވެ އެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވެސް ވަނީ ކޮމިޓީއަށް ހާޒިރުވެ، ކަންބޮޑުވުންތައް ހިއްސާކުރަން ފުރުސަތެއް ދެއްވުމަށް މިއަދު އެދިވަޑައިގެންފަ އެވެ.
މި މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގޮތެއް ނިންމާއިރު، އަދުލުވެރި ނިންމުމަކަށް ވާސިލްވުމަށްޓަކައި ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށާއި ކަންބޮޑުވުންތައް ހިއްސާ ކުރައްވަން ފުރުސަތު ދެއްވުމަށް ބާ ކައުންސިލުން އެދިފައިވެ ވެސް އެވެ. އަދި ފަނޑިޔާރުން އިއުތިރާޒު ނުކުރައްވާ ނަމަ އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ވެސް އެދިފައިވެ އެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ..
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ކޮމިޓީއަށް ހާޒިރުކުރަން ނިންމާނީ ދިރާސާކޮށްފައި
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޝުޖޫނާއި އަޒްމިރަލްދާއާ މެދު ގޮތެއް ނިންމުން މާދަމާ
ޝުޖޫނާއި އަޒްމިރަލްދާ އަށް ކޮމިޓީން ރުހުން ދީފި
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް