ސަސްޕެންޑު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީން ފަށައިފި އެވެ.
05 މެއި 2025
ސަސްޕެންޑު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީން ފަށައިފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު، ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި ވާއިރު ކޮމިޓީ މަރުހަލާ ވެސް މިއަދު ވަނީ ފަށައިފަ އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވީ ކޮމިޓީގެ މެންބަރުން ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް ހާޒިރުކުރަން ޖެހޭ ނަމަ އެކަން ކުރުމަށެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެންބަރުންނާ އެކު ރިޕޯޓް ދިރާސާ ކުރުމަށެވެ.
މީގެ ތެރެއިން ފުރަތަމަ ވޯޓަށް އެހީ މެންބަރު އަޝްރަފުގެ ހުށަހެޅުމަށެވެ. އެ ހުށަހެޅުން ބަލައިގަންނަން ކޮމިޓީގެ 8 މެންބަރުންގެ ތެރެއިން ހަ މެންބަރަކު ވޯޓު ދެއްވި އެވެ. ވޯޓު ނުދެއްވީ އިދިކޮޅު އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. އަޝްރަފްގެ ހުށަހެޅުން ފާސްވެފައިވާތީ، ނާޒިލްގެ ހުށަހެޅުމަށް ވޯޓަށް ނާހަ އެވެ.
ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފަ އެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ، ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
ދެ ފަނޑިޔާރުން ވަކިކުރުމާ މެދު މިރޭ ގޮތެއް ނިންމަނީ
ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
ފަނޑިޔާރުންނަށް އެޅިފިޔަވަޅާ މެދު އދ.ގެ ކަންބޮޑުުވުން
ދެ ފަނޑިޔާރުންގެ މައްސަލާގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް
ފަނޑިޔާރުންގެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ
އަޒްމިރާލްދާ އާއިމަހާޒު މާދަމާ ޖޭއެސްސީއަށް ހާޒިރުކުރަނީ