Roadha Mihaaru

ފަނޑިޔާރުންނަށް މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދޭން ބާ ކައުންސިލުން އެދިއްޖެ

ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ބާ ކައުންސިލުން އެދިއްޖެ އެވެ.

ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ނާޒިމް ހަސަން
ނާޒިމް ހަސަން

05 މެއި 2025

ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ބާ ކައުންސިލުން އެދިއްޖެ އެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިންގި ތަހުގީގުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގައި ބާ ކައުންސިލުން މިއަދު ދަންނަވާފައިވާނެ ކަމަށެވެ.

ފަނޑިޔާރުންނަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދީ، ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ނިންމާފައިވާ މައްސަލައެއްތޯ އާއި އެ ނިންމުމަށް ވާސިލް ވެފައިވަނީ ބުރަދަން ހުރި ހެކީގެ މައްޗަށްތޯ އަދި ޑިއު ޕްރެސެސް ފުރިހަމަ ކޮށްފައިވޭތޯ ކަށަވަރު ކުރުމަށް ވެސް ބާ ކައުންސިލުން މަޖިލިހުގައި އެދުނެވެ.

މި މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގޮތެއް ނިންމާއިރު، އަދުލުވެރި ނިންމުމަކަށް ވާސިލްވުމަށްޓަކައި ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށާއި ކަންބޮޑުވުންތައް ހިއްސާ ކުރައްވަން ފުރުސަތު ދެއްވުމަށް ބާ ކައުންސިލުން އެދިފައިވެ އެވެ. އަދި ފަނޑިޔާރުން އިއުތިރާޒު ނުކުރައްވާ ނަމަ އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ވެސް އެދިފައިވެ އެވެ.

މީގެއިތުރުން މި މައްސަލައާ ގުޅިގެން ބާ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް ވެސް އެ ކައުންސިލުން މަޖިލީހުގައި އެދިފައިވެ އެވެ.

ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފަ އެވެ.

އެ ސިޓީގައި އޭނާ ވިދާޅުވީ، ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު، ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި ވާއިރު ކޮމިޓީ މަރުހަލާ ވެސް މިއަދު ވަނީ ފަށައިފަ އެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވީ ކޮމިޓީގެ މެންބަރުން ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް ހާޒިރުކުރަން ޖެހޭ ނަމަ އެކަން ކުރުމަށެވެ. އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.

ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.