Roadha Mihaaru

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމައިފި

ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެންމެ ނިންމައިފި އެވެ.

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

04 މެއި 2025

ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެންމެ ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.

ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީޏް މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުންދެ އެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލަ އެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު، ޖޭއެސްސީން އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އޭރު ސަސްޕެންޑު ކުރި އެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އޭރު ސަސްޕެންޑްކުރީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައި އޮއްވަ އެވެ.