Roadha Mihaaru
ގާޒީ ނަޖީބު ވަކިކުރަން މަޖިލީހަށް ހުށަހަހަޅަނީ

ގާޒީ ނަޖީބު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި

02 ޖުލައި 2020

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަސީބަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ) ން އިއްޔެ ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަސީބަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ) ން އިއްޔެ ނިންމައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދިނުމަށް އިންކާރު ކުރެއްވި ބުނެ އެ މަނިކުފާނަށް ކުރި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ ޝަރީއަތް ހިންގެވި ނަޖީބަށް، ޖޭއެސްސީން ކުރަނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގއ. އަތޮޅު ކައުންސިލްގައި، ވިލިނގިލީ ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރެއްވުމެވެ. އަދި އެ ކެންޑިޑޭޓު ނިސްބަތްވާ ސިޔާސީ ޕާޓީ އަށް މީހަކު ލައްވައި ސޮއިކުރުމުގައި ގާޒީ ނަޖީބު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.

މީގެ އިތުރުން، އެ އިންތިޚާބުގައި، ބައިވެރިވެވަޑައިގެންނެވި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލް ކުރުމަށް ވެސް ގާޒީ ނަޖީބު މަސައްކަތް ކުރެއްވި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމުގައި ގާޒީ ނަޖީބު ވާހަކަ ދެއްކެވި ކަމަށް ޖޭއެެސްސީން މިއަދު ނެރުނު ބަޔާނުގައި ވެ އެވެ.

މި މައްސަލަތަކުގެ އިތުރުން، އަނެއް ކަމަކީ ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި ތަހުގީގީ އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައިވާ ގާނޫނީ އަސާސްތަކާ ޚިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް ގާޒީ ނަޖީބު އަމިއްލަ ގޮތުން ކޯޓު އަމުރު ނެރުނުކަން ސާބިތުވެފައި ވުން ކަމަށް ޖޭއެެސްސީން ބުންޏެވެ.

އެހެންވެ، އޭނާގެ އެ އަމަލުތަކަކީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަންކަން ކަމަށް ވާތީ، ފަނޑިޔާރުކަމުން ވަކިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގާޒީ ނަޖީބުގެ މައްސަލަ ފޮނުވަން ނިންމީ ކަމަށް ޖޭއެސްސީން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ނަޖީބު އައްޔަން ކުރެއްވީ އޭޕްރީލް 30، 2018 ގަ އެވެ.

ގާޒީ ނަޖީބު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމިއިރު، މިދިޔަ އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން އެ ކޮމިޝަނުން ވަނީ އޭނާ ތިން މަހަށް ސަސްޕެންޑުކޮށްފަ އެވެ. އެހެންވެ، އަދިވެސް ގާޒީ ނަޖީބު ހުންނެވީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޝަނުގަ އެވެ.

އޭނާ ސަސްޕެންޑް ކުރީ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ސާބިތުވެ، ޖޭއެސްސީ އަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައިި ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައި ވެ އެވެ. އެހެންވެ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ވެސް ޖޭއެސްސީން މިދިޔަ އޭޕްރީމް މަހު އޮތީ ނިންމައިފަ އެވެ.