Roadha Mihaaru
ގާޒީ ފާއިޒްގެ އަޑު ދިމާނުވުމުން ސަސްޕެންޝަން އުވާލައިފި

ލީކުވި އޯޑިއޯއާ ގާޒީ ފާއިޒްގެ އަޑު ވެސް ދިމާނުވާތީ ސަސްޕެންޝަން އުވާލައިފި

26 ޑިސެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރުންގެ އޯޑިއޯއެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އަޑު ދިމާނުވާތީ އޭނާ ސަސްޕެންޝަން އުވާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރުންގެ އޯޑިއޯއެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އަޑު ދިމާނުވާތީ އޭނާ ސަސްޕެންޝަން އުވާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2019 ގައި ހުކުމްކުރި ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނެ އާންމުވި އޯޑިއޯތަކާ ގުޅިގެން، އެ ބެންޗުގައި ހިމެނިވަޑައިގަތް ގާޒީ ފާއިޒް ސަސްޕެންޑްކުރީ ފުލުހުން ކުރި ތަހުގީގުން އޭނާގެ އަޑާއި އޯޑިއޯގައި ވާހަކަ ދެއްކި މީހެއްގެ އަޑު ދިމާވާ ކަމަށް ފުލުހުން ބުނެފައިވާތީ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ. އެކަމަކު އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް އެހެން ފަނޑިޔާރެއްގެ އަޑު ދިމާނުވާ ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ.

ގާޒީ ފާއިޒް އެ މައްސަލާގައި ސަސްޕެންޑް ކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އާންމުވި އޯޑިއޯތައް މެލޭޝިއާގެ މަލްޓި މީޑިއާ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމެންޓަށް ފޮނުވައިގެން ތަހުލީލު ކުރުމުން އެ އޯޑިއޯގެ އަޑާއި ގާޒީ ފާއިޒްގެ އަޑު ދިމާނުވާ ކަމަށް އެތަނުގެ ތަހުލީލު ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ގާޒީ ފާއިޒްގެ ސަސްޕެންޝަން އުވާލަން ނިންމީ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

ގާޒީ ފާއިޒްގެ ސަސްޕެންޝަން އުވާލަން ނިންމިއިރު، ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރުންގެ އަޑު ދިމާނުވާ ކަމަށް ފުލުހުން ބުނެފައިވާތީ އެ ބޭފުޅުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވަނިކޮށް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.