Roadha Mihaaru
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ

ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަހެއް ހޯދަނީ

01 ނޮވެމްބަރ 2019

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިސްކޮށް ހުންނަވައި ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ގާނޫނީ ދައުރަށް ހުރަސްތަކެއް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ، ޖޭއެސްސީ އާއި ޑީޖޭއޭގެ ބަހެއް ހޯދަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިސްކޮށް ހުންނަވައި ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ގާނޫނީ ދައުރަށް ހުރަސްތަކެއް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ، ޖޭއެސްސީ އާއި ޑީޖޭއޭގެ ބަހެއް ހޯދަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

ޖުޑިޝަރީ ކޮމިޓީން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި ތިން ކަމެއް މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމަވައިފަ އެވެ.

އެގޮތުން ފުރަތަމަ ހުށަހެޅުމަކީ ޖޭއެސްސީ އާއި ޑީޖޭއޭގެ ދައުރަށް ހުރަސް އެޅުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމުގެ ޝަކުވާއެއް ލިބިފައިވޭތޯ ސާފު ކުރުމަށް ދެ މުއައްސަސާއަށް ސިޓީ ފޮނުވުމެވެ.

ދެ ވަނަ ހުށަހެޅުމަކީ އެފަދަ ޝަކުވާއެއް ލިބިއްޖެ ނަމަ، އެކަމާ ގުޅިގެން ވީހާވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެދި ޖޭއެސްސީ އަށް އެންގުމަށެވެ. ތިން ވަނަ ހުށަހެޅުމަކީ ސިޓީތަކުގެ ޖަވާބު ލިބުމާ އެކު، ވީހާވެސް އަވަހަށް ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭއާ ބައްދަލު ކުރުމަށެވެ.

މަޖިލިހުން ދާދި ފަހުން، ވަނީ ޖުޑިޝަލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނެސް، ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތައް އެއްވެސް ކޯޓަކަށް ނުބެލޭ ގޮތަށް އެ ގާނޫނު މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި ޑީޖޭއޭ އޮތީ އެ ކޯޓުން އަމިއްލަ އަށް ނިންމި ނިންމުމެއްގެ ދަށުންނެވެ. ނަމަވެސް އާ ގާނޫނުއަސާސީގެ ދަށުން ޖޭއެސްސީ ވުޖޫދުވި އިރު ޑީޖޭއޭ އޮތީ ޖޭއެސްސީގެ ދަށުގަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އުއްތަމަ ފަނޑިޔާރު އިސްކޮށް ހުންނަވައިގެން ޖޭއެސްސީގެ ގާނޫނު ހިންގެވުމަށް ހުރަސްތަކެއް ކުރިމަތި ކުރައްވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެ ބޭފުޅުން (ޖޭއެސްސީ އާއި ޑީޖޭއޭ) އޮމާން ކަމާއެކީގައި ކުރައްވާ މަސައްކަތަށް ދަތި ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބެމުން އެބަދޭ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ސުޕްރީމް ކޯޓުގެ މަތީ މަގާމުތަކުގައި ތިއްބަވާ އިސް މުވައްޒަފުންނަށް އެކި ގޮތް ގޮތުން ބިރު ދެއްކުމުގެ އަމަލުތައް ހިންގަވާ ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ޑީޖޭއޭ އިން ޖޭއެސްސީ އަށް ރިޕޯޓު ކުރަން ޖެހޭ އިރު، އެކަން ކުރުމަށް ވެސް ސުޕްރީމް ކޯޓުން ހުރަސް އަޅަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިންތި ވިދާޅުވި އެވެ. އެހެންވެ، ކޮމިޓީން މި މައްސަލަތައް އަވަހަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައިވާ ކަމަށްވެ އެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ކުރި ޓްވީޓެއްގައި ވަނީ ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ނުކުރުމަށް ނުވަތަ އެ ނިންމުމުގެ ބާރު ކެނޑޭ ގޮތަށް ނުވަތަ އެ އިސްލާހު ބަލައިނުގަތުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފި ނަމަ، އެކަމުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ބައެއް ގާނޫނުތަކަށް އަމަލު ނުކުރަން އުޅޭ ކަމަށް ބުނެ މަޖިލީހުގެ ކޮމިޓީ ބޭއްވިއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދި ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.