ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.
19 މާޗް 2025
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ބުރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވާށެވެ. އެހެންވެ، ރައީސް ވަނީ ޝަހީދުގެ ނަން ދިރާސާކުރަން މަޖިލީހަށް ފޮނުއްވި އެވެ.
އެ މައްސަލަ ދިރާސާ އިއްޔެ ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ނިންމީ ޝަހީދުގެ ނަން ފާސްކުރުމަށެވެ. ކޮމިޓީގެ އެ ނިންމުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުން އިއްތިފާގުން ފާސްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބުމުން ދެން އޮންނާނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް އައްޑޫ ހިތަދޫ އަށް އުފަން ޝަހީދު އައްޔަން ކުރެއްވުމެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. ފަނޑިޔާރު ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން މުހައްމަދާއި މަހާޒު އަލީ ޒާހިރާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަނީ ސުލޫކީ މައްސަލަތަކެއްގައި މިހާރު ސަސްޕެންޑު ކޮށްފަ އެވެ.
ފަނޑިޔާރު ޝަހީދުގެ ނަން ކޮމިޓީން ފާސްކޮށްފި
ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މި ފަހަރު ކުރިމަތިލެއްވީ ޝަހީދު
އަލީ ރަޝީދާއި މުހައްމަދު އިބްރާހީމަށް ރުހުން ދީފި
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް