Roadha Mihaaru
ތިން ވަނަ ބާރު: އަޅާލުމެއް، ހިޔާވައްސެއް ނެތް!

ތިން ވަނަ ބާރު: އަޅާލުމެއް، ހިޔާވައްސެއް ނެތް!

22 ފެބުރުއަރީ 2023

ދައުލަތުގެ ތިން ވަނަ ބާރެއްގެ ގޮތުގައި ޖުޑިޝަރީ ހަމަޖެހި، އެންމެ ބޮޑަށް މަގާމުގެ މިނިވަންކަން ދިން ބަޔަކީ ފަނޑިޔާރުންނެވެ. މަގާމުގެ ކަށަވަރުކަމާ އެކު، އަނެއް ދެ ބާރު ފަދައިން ބޮޑު ޒިންމާއެއް މަތިކުރި އެވެ. މި ބޮޑު ބަދަލަށް 15 އަހަރު ވީއިރު، އެއީ ދައުލަތުގެ ތިން ވަނަ ބާރޭ ބުނެވޭ ފަދަ މަންޒަރެއް ނުފެނެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ ތިން ވަނަ ބާރެއްގެ ގޮތުގައި ޖުޑިޝަރީ ހަމަޖެހި، އެންމެ ބޮޑަށް މަގާމުގެ މިނިވަންކަން ދިން ބަޔަކީ ފަނޑިޔާރުންނެވެ. މަގާމުގެ ކަށަވަރުކަމާ އެކު، އަނެއް ދެ ބާރު ފަދައިން ބޮޑު ޒިންމާއެއް މަތިކުރި އެވެ. މި ބޮޑު ބަދަލަށް 15 އަހަރު ވީއިރު، އެއީ ދައުލަތުގެ ތިން ވަނަ ބާރޭ ބުނެވޭ ފަދަ މަންޒަރެއް ނުފެނެ އެވެ.

"މިއަދު ރާއްޖޭގެ ބޭންކްތަކުން ގަބޫލު ނުކުރޭ މިއީ ދާއިމީ ވަޒީފާއެއް ކަމަކަށް،" ދާދި ފަހުން ބޭއްވި ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ޖަލްސާގައި އެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

"ލޯނަކަށް ގެރެންޓީއެއް ދޭން ދިޔައީމާ ބުނީ ތިމަންނަމެން ގަބޫލެއް ނުކުރަމޭ ތިއީ ދާއިމީ ވަޒީފާއެއް ކަމަކަށް،" ފަނޑިޔާރަކު ކުރެއްވި ތަޖުރިބާއެއް ސުއޫދު ހިއްސާ ކުރެއްވި އެވެ.

ސަރުކާރުން ދޭ ފްލެޓަކާ ހަވާލުވެވިގެން ނުވަތަ ފަރިއްކުޅުއްވޭ ބަތް ޕާރުސަލެއްގެ ސަބަބުން މަގާމުން ވަކިކުރާނީ ކޮންއިރަކު ކަމެއް ނޭނގެ އެވެ. ސިޔާސީ ބޭފުޅުންގެ ތިއްބަވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސިޔާސަ ނިންމުންތައް އަންނާނީ ގޮތެއް ނޭނގޭތީ ވަޒީފާގެ ޔަގީން ކަމެއް ނެތެވެ.

ފަނޑިޔާރުން ވަކި ނުކުރާހާ ހިނދަކު އުމުރުން 70 އަހަރު ވަންދެން މަގާމުގައި ދެމި ތިބެވޭނެ ކަމަށް ގާނޫނުއަސާސީގައި އޮތަސް ކަން ހިނގަނީ އެހެނެއް ނޫނެވެ. ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވުމާ އެކު، ސުޕްރީމް ކޯޓާއި އެހެން ކޯޓުތަކުގެ ފަނޑިޔާރުން ނެރެ، އެއްލާލުމަކީ ކަންކަން ތަރުތީބުވެފައި ހުރި ގޮތެވެ.

"ދައުރު ބަދަލު ވާއިރަށް ސުލޫކީ މައްސަލަ ބަލަން ފަށާނެ. ކޮން އިރަކު ކަމެއް ނޭނގޭ ކަނޑާލާނީކީ؟ މިއީ ވަރަށް ދެރަ ކަމެއް،" އެ ޖަލްސާގައި ސުއޫދު ވިދާޅުވި އެވެ.

ކޯޓުތަކުގެ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުންނާ ޒާތީ ގޮތުން ދިމާކޮށް، "ގަން ހިންގުވާއިރު" އެކަން ހުއްޓުވާނެ މުއައްސަސާއެއް ނެތެވެ. ނުވިތާކަށް، އެ ހުރިހާ އާޑަ ފުރައްސާރައަށް ފުރުސަތު ދީގެން ނުވަތަ އެކަމަށް ހިތްވަރު ދޭން ތިބެނީ ވެސް އެއް ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުންނާއި ދައުލަތުގެ އަނެއް ދެ ބާރެވެ.

ރައީސާއި ޖޭއެސްސީގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރު ރަސްމިއްޔާތެއްގައި --- ފޮޓޯ/މިހާރު

ރައީސާއި ޖޭއެސްސީގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރު ރަސްމިއްޔާތެއްގައި --- ފޮޓޯ/މިހާރު

ވަޒީފާގެ ޔަގީން ކަމެއް ނެތްއިރު، މާލީ މިނިވަންކަމުގެ ކުޑަ މިންވަރެއް ވެސް ޝަރުއީ ދާއިރާއަކަށް ނެތެވެ. ބަޖެޓް ހުށަހެޅުމުން ސަރުކާރުން ބޭނުންވާ ގޮތަކަށް ބަޖެޓް ކޮށައިމަށާލާއިރު، ރައްޔިތުންގެ މަޖިލީހުން ވެސް ހަދަނީ ބޭނުން ގޮތެކެވެ. ފައިސާގެ ކަންކަން ނިންމުމުގެ ބާރު ޖުޑިޝަރީ އަށް ނޯންނާތީ މާލީ ގޮތުން އޮންނަނީ "ފިއްތާލައިފަ" އެވެ.

ކޯޓުތަކުން އަވަހަށް އިންސާފު ލިބެންޖެހޭ ވާހަކަ އާއި އިންސާފުގެ ވާހަކަ އަނެއް ދެ ބާރުން އަޑުހަރުކޮށް ދެއްކިޔަސް، އެކަމަކު ކޯޓުތަކަށް ބޭނުންވާ ވަސީލަތްތަކާއި ބަޖެޓް ހޯދަން އަބަދުވެސް ޖެހެނީ އަނެއް ދެ ބާރުގައި ސަލާން ޖަހާށެވެ. އިތުރަށް އެއްޗެއް ދިނިއްޔާ އެއީ ހެޔޮފުޅުކަމުން ދެއްވި އެއްޗަކަށް ނޫނީ ނުވެ އެވެ.

"ކޯޓުތަކަށް ހައްގު ހޯދަން ދަނީ ރާއްޖޭގެ އާބާދީގެ ނިސްބަތުން މަދު ބައެއް. އެކަމަކު ކޯޓުތައް ދެކެ ރުޅި އަންނަންވީމަ ރުޅި އާދޭ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް."

ކުރުކޮށް ބުނާ ނަމަ، ދައުލަތުން ޝަރުއީ ދާއިރާއާ މެދު އަމަލު ކުރަނީ "ދޮން ދަރިއެއް" ފަދައިންނެވެ. ހުރިހާ ވެސް ހިތްހަމަނުޖެހުމަކީ ދައުލަތުގެ އަނެއް ދެ ބާރުން ބޭނުންވާހާ ގޮތަކަށް ޝަރުއީ ދާއިރާ ނުލެނބޭތީ ނުވަތަ އެންމެން ރުހޭ ގޮތަކަށް ކޯޓުތަކުން މައްސަލަ ނުނިންމާތީ އެވެ.

ފަނޑިޔާރަކު ވިދާޅުވި ގޮތުގައި ދައުލަތުގެ ތެރެއިން ޝަރުއީ ދާއިރާ އަށް މާލީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން ކުރިމަތިކުރާ ދަތިތަކަކީ ކޯޓުތަކާ މެދު އުފައްދާ ތަސައްވުރުގެ ސަބަބުން ދިމާވާ ކަންކަމެކެވެ. އެކަން ހުއްޓުވަން ބަލަދުވެރި ފަރާތްތަކުން ވެސް މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަންނަނީ ޖުޑިޝަރީއާ މެދު ޒަމާނުއްސުރެ ފެށިގެން ބަޔަކު އަރުވަމުންދާ ރުޅީގެ އަސަރުތައް. ބޭނުންހާ އެއްޗެއް ދެއްތޯ އެ ކިޔަނީ ހުކުމްތަކާ ގުޅިގެން. މި ފެންވަރަށް އެއްޗެހި ނުކިޔޭނެ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި،" އޭނާ ވިދާޅުވި އެވެ.

"އެންމެން ނިދާފައި ތިބޭއިރު ފުލުހުން ހޭލާ ތިބޭހެން ފަނޑިޔާރުންނާއި ކޯޓުތައް ވެސް ހޭލާ ތިބޭ."

އެ ފަނޑިޔާރު ވިދާޅުވި ގޮތުގައި ކޯޓުތަކާ މެދު ރުޅިވެރިކަން އޮންނަނީ ކޮންމެހެން އިންސާފު ނުލިބޭތީކީއެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯޓުތައް ދެކެ އާންމުން ރުޅި އަންނަނީ ވެސް ނިޒާމު އޮތްގޮތާއި ކަންކަން އޮންނަ ގޮތް ގިނަ ފަހަރަށް ނޭނގި ތިބެ އެވެ.

"ކޯޓުތަކަށް ހައްގު ހޯދަން ދަނީ ރާއްޖޭގެ އާބާދީގެ ނިސްބަތުން މަދު ބައެއް. އެކަމަކު ކޯޓުތައް ދެކެ ރުޅި އަންނަން ވީމާ ރުޅި އާދޭ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

"ކުރީގެ ރައީސެއްގެ މައްސަލަ ސުޕްރީމް ކޯޓުން ނިމިގެން ދިޔަ ގޮތުން އެއް ބަޔަކު ވަރަށް އުފާވި. އަނެއް ބަޔަކު އައީ ރުޅި. އެހެންވީމާ މިއީ މުޅިއަކުން ޖުޑިޝަރީގެ މައްސަލައެއް ނޫން."

ފަނޑިޔާރުންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވަނީ --- ފޮޓޯ/މިހާރު

ފަނޑިޔާރުންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވަނީ --- ފޮޓޯ/މިހާރު

އެ ފަނޑިޔާރު ވިދާޅުވީ، މުޖްތަމައުގެ ހަމަޖެހުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދައުލަތުގެ އެހެން މުއައްސަސާތަކެކޭ އެއްވަރަށް ފަނޑިޔާރުން ވެސް ރެ އާއި ދުވާލު މަސައްކަތް ކުރާ ކަމަށެވެ. އޭގެ އަގު ދައުލަތުން ވެސް އަދި އާންމު ގިނަ މީހުން ވެސް ވަޒަން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެން ނިދާފައި ތިބޭއިރު ފުލުހުން ހޭލާ ތިބޭހެން ފަނޑިޔާރުންނާއި ކޯޓުތައް ވެސް ހޭލާ ތިބޭ،" ފަނޑިޔާރުންނަކީ 24 ގަޑިއިރު މަސައްކަތަށް ހުސްވެގެން ތިބެންޖެހޭ ބައެއް ކަން ފާހަގަ ކުރައްވައި، އެ ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް އާއިލާއެއް ބެލެހެއްޓޭ ފަދަ އެކަށީގެންވާ މުސާރަ އާއި އިނާޔަތްތައް ދޭން ގާނޫނު ލާޒިމް ކުރެ އެވެ. މުދަލާއި ހިދުމަތްތަކުގައި އަގު އިންތިހާއަށް ބޮޑުވެއްޖެ އެވެ. އެކަމަކު 2010 ވަނަ އަހަރުގެ ފަހުން ފަނޑިޔާރުންގެ މުސާރައަށް ބަދަލެއް ނާދެ އެވެ.

"މުވައްޒަފުންގެ އަދަދު މަދަސް، ސިވިލް ސާވިސްގެ އެތައް ހާސް މުވައްޒަފުންނާ އަޅާ ބަލާއިރު ނިސްބަތުން ގިނަ މަސައްކަތްތަކެއް ޖުޑިޝަރީގެ މުވައްޒަފުން ކުރޭ."

މިދިޔަ ހަފުތާ ނިމުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން ހައްގުވާ މުސާރައިގެ ކުރިއެރުމުން ވެސް މަހްރޫމްވެގެންނެވެ. ކޮންމެ ދެ އަހަރުން އެއް އަހަރު ދޭންޖެހޭ މުސާރައިގެ ކުރިއެރުން ނުދީ އޮންނަތާ ފަސް އަހަރު ފަހުން އެ ފައިސާ ވެސް އިތުރަށް ނުދޭން ނިންމީ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުގައި ރެނދު އަޅައި، ތަންތަންގަނޑު ވެއްޓޭތީ ދަގަނޑު ވިއްދާފައި --- ފޮޓޯ/މިހާރު

ކްރިމިނަލް ކޯޓުގެ އިމާރާތުގައި ރެނދު އަޅައި، ތަންތަންގަނޑު ވެއްޓޭތީ ދަގަނޑު ވިއްދާފައި --- ފޮޓޯ/މިހާރު

ފަސް އަހަރު ވަންދެން ނުދީ ހުރި ފައިސާ ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން އެ ތަނުން ނިންމީ ބަޖެޓް ނެތުމުން އެ ފައިސާ ދޭން ނޭންގޭނެ ކަމަށެވެ. އެކަމަކު ސިވިލް ސާވިސް އާއި މަޖިލީހުގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރަންވީމާ އޮންނަނީ ހިތަށް އެރުމެވެ.

ސިވިލް ސާވިސް އާއި އެހެން ފަންނީ ދާއިރާތަކަށް ސަރުކާރުތަކުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފްލެޓް ދިނަސް ޝަރުއީ ދާއިރާގެ 500 އަށް ވުރެ ގިނަ މުވައްޒަފުންނަށް އެފަދަ ނިއުމަތެއް އެއްވެސް ސަރުކާރަކުން ނުދެ އެވެ. ފަނޑިޔާރުން ދެކެ އޮންނަ ރުޅި ވެސް ޖުޑިޝަރީގެ އިދާރީ މުވައްޒަފުންނަށް ބާލާ ކަހަލަ އެވެ.

"އަޅުގަނޑުމެން މުވައްޒަފުންގެ އަދަދު މަދަސް، ސިވިލް ސާވިސްގެ އެތައް ހާސް މުވައްޒަފުންނާ އަޅާ ބަލާއިރު ނިސްބަތުން ގިނަ މަސައްކަތްތަކެއް ޖުޑިޝަރީގެ މުވައްޒަފުން ކުރޭ. ކޯޓުތަކުން ކުރާ ކޮންމެ ހުކުމެއް މި އަންނަނީ އިދާރީ އެތައް މުވައްޒަފުންނެއްގެ މަސައްކަތަށް ފަހު. އެކަން ނޭނގިދާނެ ގިނަ މީހުންނަކަށް،" ޖުޑިޝަރީގެ މުވައްޒަފަކު ބުންޏެވެ.

"ހުކުރެއް، އީދެއް، އެހެން ދުވަހެއް ނުބަލާ މަސައްކަތަށް ނުކުންނަންޖެހޭ މަދު މުވައްޒަފުންގެ ތެރޭގައި ޖުޑިޝަރީގެ މުވައްޒަފުން ހިމެނޭނެ."

އިމާރާތާއި ވަސީލަތްތަކުގެ ގޮތުން ބެލިޔަސް، ޖުޑިޝަރީ އޮތީ ރެފިއުޖީއެއްގެ ގޮތުގަ އެވެ. ޖުޑިޝަރީގެ އެންމެ އިސް ފަރާތް ކަމަށްވާ ސުޕްރީމް ކޯޓު އުފެދުނުތާ 14 އަހަރުވީއިރު ދާއިމީ އިމާރާތެއް ނެތެވެ. ހައި ކޯޓު ވެސް އެ ހާލުގަ އެވެ. ސުޕްރީމް ކޯޓުން އަޅަން ކޮންމެ ސަރުކާރަކުން ބިން ދީފައި އަތުލަނީ އެވެ.

ސަރުކާރުގެ މިނިސްޓްރީތައް ހިންގަން ރީތި އިމާރާތްތަކާއި އޮފީސްތައް ބޮޑު އަގުގައި ކުއްޔަށް ނެގުނަސް، ކުރީގެ އެސްޓީއޯ އިމާރާތުގައި ކްރިމިނަލް ކޯޓު އެ ހިންގަނީ އިމާރާތުގެ ތަންތަންގަނޑު ވެއްޓޭތީ ބޭރުގައި ދަގަނޑު ހޮޅި ވިއްދައިގެންނެވެ. އެ ހާލުގައި ތިން އަހަރު ވީއިރު ވަގުތީ ބާ އިމާރާތެއް އަދިވެސް ނުލިބެ އެވެ.

އެންމެ ގިނަ ޖިނާއީ މައްސަލަ ބަލާ އެ ކޯޓު ބަންދުކޮށް، ފަނޑިޔާރުން ގޭގައި ޝަރީއަތް ކުރަންޖެހޭ ހާލަތަށް ގޮސްފައި އޮތަސް، ޖުޑިޝަރީގެ މިލްކުގައި އޮތް ހަމައެކަނި ބިމަކީ 1990 ގެ ކުރީކޮޅު އެޅި ޖަސްޓިސް ބިލްޑިންގެވެ. ތޮއްޖެހުން ބޮޑުވެ، މިހާރު އެތަން ވެސް ވައްތަރީ ކުޑަ ވަރެއްގެ ގުދަނަކާ އެވެ.

ބައެއް މެޖިސްޓްރޭޓް ކޯޓުތައް އަދިވެސް ހިންގަނީ އެ ބޭފުޅުން ވިދާޅުވާ ގޮތުން "ރިޔަލު ދޯނީގަ" އެވެ.

ސަރުކާރުގެ ދަށުން ނެއްޓި، މިނިވަން ބާރެއްގެ ހައިސިއްޔަތު ޖުޑިޝަރީއަށް ލިބިފައި އޮތަސް، ހަގީގީ ބާރުވެރިކަމެއް އަދި ރައްކާތެރިކަމެއް ޖުޑިޝަރީއަކަށް ނެތެވެ. ޖުޑިޝަރީއާ މެދު އަނެއް ދެ ބާރުން އަމަލު ކުރަނީ އިހުމާލު ކޮށްލާފައިވާ ދޮން ދަރިއަކާ މެދު އަމަލުކުރާ އުސޫލުންނެވެ.