Roadha Mihaaru
ކޯޓުތަކުގެ އިމާރާތުގެ ކުރެހުން ނިމުނަސް ފައިސާއެއް ނެތް

ކޯޓުތަކުގެ އާ އިމާރާތުގެ ކުރެހުން ނިމުނަސް ފައިސާ ހަމައެއް ނުޖެހޭ!

03 ޖުލައި 2024

ޝަރުއީ ކޯޓުތައް އިމާރާތް ކުރަން ހުޅުމާލެ އިން ހާއްސަކުރި ބިމުގައި ހަދާ ތަންތަނުގެ ކުރެހުން ނިމިފައިވީ ނަމަވެސް އެ މަޝްރޫއަށް އަދި ފައިސާ ހަމަނުޖެހޭ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޝަރުއީ ކޯޓުތައް އިމާރާތް ކުރަން ހުޅުމާލެ އިން ހާއްސަކުރި ބިމުގައި ހަދާ ތަންތަނުގެ ކުރެހުން ނިމިފައިވީ ނަމަވެސް އެ މަޝްރޫއަށް އަދި ފައިސާ ހަމަނުޖެހޭ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ ހިންގާ އިމާރާތުގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާ ވިދާޅުވީ، ކޯޓު އިމާރާތުގެ ކުރުހުމާއި ޑިޒައިންގެ މަސައްކަތް ނިންމައި، ޓެންޑާ ކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ. އެ ތަން ޑިޒައިންކޮށް، ކުރަހާފައި ވަނީ ހައި ކޯޓު ވެސް ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް، އަދިއެއް އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާއެއް ނެތް. ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަން މި އަހަރުގެ ބަޖެޓްގައި ވެސް ހިމަނަން ރައީސް އޮފީހުން އެދިފައިވޭ،" ރިޒުނާ ވިދާޅުވި އެވެ.

ވަކިވަކި ކޯޓުތަކަށް އިމާރާތް އެޅުމުގެ ފުރުސަތު ނެތުމުން، ކުރެހުމުގައި އިސްކަން ދީފައިވަނީ ކޮންމެ ކޯޓަކަށް ވެސް ހާއްސަ ސިފަތައް ހިމަނައިގެން ކުރަހަން ކަމަށް ރިޒުނާ ވިދާޅުވި އެވެ. މިސާލަކަށް ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓަށް ގެންދާ ކުޑަކުދިންނަށް ހާއްސަވާ ގޮތްތަކަކަށް އިމާރާތް ޑިޒައިން ކުރަން އިސްކަން ދީފައި ވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ދާއިމީ އިމާރާތެއް ނެތި، ޖާގައިގެ ދަތިކަން އިންތިހާ އަށް އޮތުމަކީ ބޮޑު މައްސަލައެކެވެ. ސުޕްރީމް ކޯޓާއި ހައި ކޯޓު ވެސް ހިންގަމުން ދަނީ ވަގުތީ އިމާރާތްތަކުގަ އެވެ.

އެހެން ނަމަވެސް، އަދިއެއް އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާއެއް ނެތް. ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަން މި އަހަރުގެ ބަޖެޓްގައި ވެސް ހިމަނަން ރައީސް އޮފީހުން އެދިފައިވޭ،"--- ރިޒުނާ

އެ ދެ ކޯޓުގެ އާ އިމާރާތް ހަދަން މީގެ ކުރިން ބައެއް ބިންތައް ހަމަޖެެއްސި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ނުގެންދެ އެވެ. ޝަރުއީ ދާއިރާގެ ދާއިމީ އިމާރާތެއްގެ ގޮތުގައި މިހާރު ހުރީ ޖަސްޓިސް ބިލްޑިންގް އެކަންޏެވެ. ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އެއް ބައި ހިންގަނީ ވެސް ވަރަށް ބޮޑަށް ބާވެ، ޖާގަ ދަތިވެފައިވާ އިމާރާތެއްގަ އެވެ.

މިހާރު އެންމެ ބޮޑަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވަނީ ކްރިމިނަލް ކޯޓަށެވެ. ކުރީގެ އެސްޓީއޯ ބިލްޑިންގްގައި އެ ކޯޓު ހިންގަމުން ގެންދާއިރު އެ އިމާރާތް ބާވެ، ބޮޑު ބައެެއް ބޭނުން ނުކުރަން ވަނީ އަންގައިފަ އެވެ. އެ ކޯޓުން ޝަރީއަތްތައް މަދުކޮށް، ކުރިއަށް ގެންދާތާ ވެސް ވަނީ ދުވަސްތަކެއް ވެފަ އެވެ.

މިހާރު އެއް އިމާރާތެއްގައި އެންމެ ގިނަ ކޯޓު ހިންގަނީ މީގެ އެތައް އަހަރެއް ކުރިން އިމާރާތްކުރި ޖަސްޓިސް ބިލްޑިންގްގައި.

މިހާރު އެއް އިމާރާތެއްގައި އެންމެ ގިނަ ކޯޓު ހިންގަނީ މީގެ އެތައް އަހަރެއް ކުރިން އިމާރާތްކުރި ޖަސްޓިސް ބިލްޑިންގްގައި.

ކްރިމިނަލް ކޯޓަށް ވަގުތީ އިމާރާތެއްގެ ގޮތުން ހުޅުމާލޭގައި ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތް އަންނަނީ ތަރައްގީ ކުރަމުންނެވެ. އެޗްޑީސީ އިން އެ މަސައްކަތް ކުރަމުންދާއިރު އެ ތަނަށް ކޯޓު ބަދަލު ކުރަން 33 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ނަމަވެސް، އެ އިމާރާތް ކްރިމިނަލް ކޯޓަށް ދޭން ނިންމާފައިވަނީ ފަސް އަހަރަށެވެ. އިމާރާތުގެ ގްރައުންޑް ފްލޯ ވެސް ކޯޓަށް ނުދޭން އެޗްޑީސީ އިން އޮތީ ނިންމައިފަ އެވެ.

އެކަމާ ގުޅޭ ކަންބޮޑުވުން، ޖޭއެސްސީގައި ގައި އިންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޖުޑިޝަރީ ކޮމިޓީއާ ވެސް މިއަދު ހިއްސާ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ފަސް އަހަރަށް ވަގުތީ ގޮތުން އިމާރާތް ލިބޭއިރު، ގްރައުންޑް ފްލޯ ނުލިބުމަކީ ވެސް ކޯޓުގެ ސަލާމަތީ ކަންކަމާ މެދު މައްސަލަތަކެއް ނުކުންނާނެ ކަމެއް ކަމަށެވެ.

އެޗްޑީސީ އިން ބުނެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތް މި އަހަރުގެ ޑިސެމްބަރު މަހަށް ނިމޭނެ އެވެ.