Roadha Mihaaru

"ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން މައްސަލައެއް ނޫން، ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން"

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން ކަމަށް ބަންދު ފޯރަމްގައި ކަމާގުޅޭ އިދާރާތަކުން ބުނެފި އެވެ.

"ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން"
އާސިމާ ނިޒާރު
އާސިމާ ނިޒާރު

03 ފެބުރުއަރީ 2025

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން ކަމަށް ބަންދު ފޯރަމްގައި ކަމާގުޅޭ އިދާރާތަކުން ބުނެފި އެވެ.

ޕީޖީ އޮފީހުން އިސްނަގައިގެން މިދިޔަ ހޮނިހިރު ދުވަހު ވަނީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލައަށް "ބަންދު ފޯރަމް"ގެ ނަމުގައި ޖުޑީޝަރީ ފިޔަވައި ކަމާގުޅުން ހުރި އިދާރާތަކުން ބައިވެރިކޮށްގެން ހަރަކާތެއް ބާއްވައިފަ އެވެ.

އެ ފޯރަމާ ގުޅިގެން ޕީޖީ އޮފީހުގެ ވެބްސައިޓުގައި ބުނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުން ކަމަށް، އެ ފޯރަމްގައި ބައިވެރިވި އިދާރާތަކުން އިއްތިފާގުވެފައިވާ ކަމަށް ވެބްސައިޓުގައި ބުންޏެވެ.

ޕީޖީން ބުނީ ކޯޓުތަކުގައި ޖިނާއީ މައްސަލަތައް އަވަސްކުރަން އެ ތަންތަނަށް ފަހިކޮށްދީ، އެހީތެރިވުމަށްޓަކައި އިދާރާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި ގާއިމްކޮށްފައިވާ ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް އިތުރުކުރުމާއި ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލް ނިޒާމެއްގެ ތެރެއިން ގެންދަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އޭގެ ދެ ވަނަ ފޯރަމް އޮންނާނީ ޖުޑީޝަރީއާ އެކުގަ އެވެ. ފުރަތަމަ ބައްދަލުވުމުގައި ހޯދުނު ހޯދުންތަކާއި ހައްލުތައް ޖުޑީޝަރީއަށް ހުށަހަޅައި މަޝްވަރާކުރުމަށް ފަހު، ޖުޑީޝަރީގެ ބައިވެރިވުމާއެކު އެކަންކަން ތަންފީޒުކުރުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށާއި އަދި އެކަންކަން ތަންފީޒުކުރާ މިންވަރަށް ފާރަވެރިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.