Roadha Mihaaru
މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ކޮމެޓީން ނިންމައިފި

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އިތުރު އެލަވަންސެއް

22 ޖޫން 2022

މެޖިސްޓްރޭޓުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އިތުރު ވަގުތު މަސައްކަތްކުރާ ދުވަސްތަކަށް ޚާއްސަ އެލަވަންސެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެޖިސްޓްރޭޓުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އިތުރު ވަގުތު މަސައްކަތްކުރާ ދުވަސްތަކަށް ޚާއްސަ އެލަވަންސެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.

މިހާތަނަށް މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 23،950ރ. ލިބެމުން އައިއިރު ކޯޓުގެ އިސް މެޖިސްޓްރޭޓުންނަށް 26،100ރ. އަދި ދާއިރާގެ އިސް މެޖިސްޓްރޭޓުންނަށް ލިބެމުން އައީ 28،450ރ. އެވެ. މުސާރަ އާއި އިނާޔަތްތަކަށް މަޖިލީހުގެ ކޮމެޓީން ބަދަލު ގެނައީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެދުމަކަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމީ ޖޭއެސްސީން ހުށަހެޅި ގޮތަށް، ބަދަލު ކުރުމަށެވެ. އެއީ އަސާސީ މުސާރަ ކުޑަވިޔަސް، މުސާރަ އާއި އިތުރު އިނާޔަތްތަކާ އެކު ޖުމްލަ ލިބޭ މިންވަރު ބޮޑުކުރުމަށެވެ.

ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން 16 އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތައް 33،350ރ. އަށް ބޮޑު ކުރަން ނިންމިއިރު އެއް ދާއިރާގައި އިސް މެޖިސްޓްރޭޓަކަށް ދޭން ނިންމީ ކޮމެޓީން 31،350ރ. އެވެ.

ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރަ ކުރިއަށް ވުރެ ކުޑަވިޔަސް، މުސާރަ އާއި އިނާޔަތްތަކާ އެކު 32 ކޯޓެއްގެ އިސް މެޖިސްޓްރޭޓުންނަށް މަހަކު 31،400ރ. އަދި 48 ކޯޓެއްގެ އިސް މެޖިސްޓްރޭޓުންނަށް 29،400ރ. ދިނުމަށް ކޮމެޓީން ނިންމި އެވެ.

މެޖިސްޓްރޭޓުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ކޮމެޓީން ނިންމީ 20 މެޖިސްޓްރޭޓަކަށް 31،400ރ. އަދި ހަތަރު މެޖިސްޓްރޭޓަކަށް 29،400ރ. ދިނުމަށެވެ.

މިހާރު ވެސް 48،000ރ. މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އިތުރު ވަގުތު މަސައްކަތްކުރާ ކޮންމެ ދުވަހަށް އިތުރު 500ރ. އެލަވަންސެއް ދޭން ކޮމެޓީން ނިންމީ ހަތަރު މަސް ދުވަހުގެ މުއްދަތަށެވެ. އެއީ އެ ކޯޓުގައި ހުރި ދުވަސްވީ މައްސަލަތައް ނިންމުމަށެވެ.

ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ޖެހެނީ މަޖިލީހުންނެވެ.