މުޖުތަމައަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ ފަނޑިޔާރުން، ކޯޓާއި ކޯޓުން ބޭރުގައި ވެސް ސުލޫކާއި އަހުލާގު ދެމެހެއްޓުމަކީ ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް ކަމަށް ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
04 އޯގަސްޓް 2025
މުޖުތަމައަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ ފަނޑިޔާރުން، ކޯޓާއި ކޯޓުން ބޭރުގައި ވެސް ސުލޫކާއި އަހުލާގު ދެމެހެއްޓުމަކީ ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް ކަމަށް ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޒާ ވިދާޅުވީ ފަނޑިޔާރުންނަށް އޭނާ ވަސިއްޔަތްކުރައްވާނެ ތިން ކަމެއް އެބައޮތް ކަމަށެވެ. އެއީ؛
• ފަނޑިޔާރުންނަކީ ދިރާސާކުރައްވާ ބަޔަކަށް ވުން.
• އަމާނަތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުން.
• މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވުން.
ރިޒާ ވިދާޅުވީ ފަނޑިޔާރުންނަކީ އިލްމީ ދިރާސާކުރައްވައި، އިލްމަށް ލޯބި ކުރައްވާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. ފަނޑިޔާރުކަމަކީ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި އަދާކުރާ ކަމަކަށް ވެއްޖެ ނަމަ އެކަން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރުކަމަކީ އެކަމަށް ޝައުގުވެރިކަން ހުރެގެން، އެ އަށް ލޯބި ހުރެގެން، އެކަމުގެ ހިތް އެކަމަށް އޮވެގެން ކުރާ ކަމެއް ކަމުގައި ވެއްޖެއްޔާ ނޫނީ އެންމެ ފުރިހަމަ ގޮތުގައި އެކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ފަނޑިޔާރުން ވާން ވާނީ ގާނޫނުތަކަށް އަހުލުވެރި އަދި އެ ގާނޫނުތަކަށް އަންނަ ބަދަލުތައް ރަނގަޅަށް ދިރާސާކުރައްވައި، އަލަށް ނުކުންނަ ގާނޫނުތަކާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އަދި އެހެނިހެން ގައުމުތަކުގެ ޝަރުއީ ނިޒާމުތައް ދިރާސާކުރާ ބަޔަކަށް."
ފަނޑިޔާރުން ރަނގަޅަށް ދިރާސާތައް ކުރައްވާ ނަމަ ކޯޓުގެ ނިންމުންތައް ނިންމަން ފަސޭހަވެ، ހައްގު ގޮތް އެނގި ތިިބެ، ހައްގަށް ހުކުމް ކުރުމަށް ނުވަތަ ހައްގަށް ވާސިލްވާން ފަސޭހަވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ މަގާމަކީ ވަރަށް އަމާނާތްތެރި، ވަރަށް ބޮޑު ޒިންމާއެއް އަދި މަސްއޫލިއްޔަތެކެވެ. އިސްލާމީ ޝަރީއަތުގައި ގަޟާއީ ނިޒާމަކީ އިސްލާމް ދީނުގައި އިސްކަންދީފައިވާ ނިޒާމުތަކުގެ ތެރެއިން ނިޒާމު ކަމަށާއި އަލްއަދުލު އެއީ، ﷲގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެއް ކަމަށް ވުމުން، އިސްލާމް ދީނުގައި ޖުޑިޝަރީއަށް ދީފައިވާ އަހައްމިއްޔަތު އެކަމުން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންނަކީ ހުރިހާ ހާލަތެއްގައި ވެސް ޝަރުއީ ދާއިރާއަށާއި މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މުޅި މުޖުތަމައުގެ ކުރިމަގު ބިނާވަނީ ފަނޑިޔާރުންގެ ހަރަކާތްތަކާއި ނިންމުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުންނަކީ މުޖުތަމައުގެ އެންމެ އިސްފަންތީގައި ތިއްބަވާ ބޭފުޅުން ކަމަށް ވީ ހިނދު، ތިބޭފުޅުންގެ އަމަލުތައް އެއީ ކޯޓު އެތެރޭގައި ކަމަށް ވިޔަސް، ކޯޓު ތެރޭގެ މުވައްޒަފުންނާ ކުރާ މުހާތަބެއް ކަމަށް ވިޔަސް، ޝަރީއަތުގެ މަޖިލީހުގައި ހަސްމުންނާއި މުހާތަބު ކުރެއްވުން ކަމުގައި ވިޔަސް، އަދި ކޯޓުން ބޭރުގައި އެހެން އިންސާނުންނާއި ކުރާ މުއާމަލާތެއްގައި ކަމުގައި ވީ ނަމަވެސް، ތިބޭފުޅުންގެ އަހުލާގާއި ސުލޫކު އޮންނަން ވާނީ ވަރަށް ހަރުދަނާ އުސޫލުތަކެއް މަތީގައި،" އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ސްލޫކާއި އަހުލާގު ދެމެހެއްޓުމަށް އިލްމާސްކުރައްވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
8،000 އަށް ވުރެ ގިނަ މައްސަލަ ނުނިމި އެބައޮތް!
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ
ޖޭއެސްސީން މިދިޔަ އަހަރު ނިންމީ ގިނަ ޝަކުވާ ނުބަލަން
"މަސައްކަތް މިކުރަނީ ރަނގަޅު ފަނޑިޔާރުން ހޯދައިދޭން"
ފަނޑިޔާރުންގެ ޗުއްޓީޕްލޭން ދުރާލާ ހަދަން އަންގައިފި
ފަނޑިޔާރުންނަށްލިބޭ ހަދިޔާ ކޯޓާ ހަވާލުކުރަން އަންގައިފި
ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރުން އައްޔަންކޮށްފި
ކޯޓުތަކަށް އެތެރެ އާއި ބޭރުން ވެސް ނުފޫޒު
ފަނޑިޔާރުންގެ އާއިލާ މީހުންނާ އެއް ކޯޓެއްގައި ނޫޅެވޭނެ
"އާ މާލީ ބަޔާނުން ފަނޑިޔާރުން ނަޒާހަތްތެރިވާނެ"