Roadha Mihaaru
"އާ މާލީ ބަޔާނުން ފަނޑިޔާރުން ނަޒާހަތްތެރިވާނެ"

ފަނޑިޔާރުންގެ މާލީ ބަޔާނަށް ގެނައި ބަދަލުން ނަޒާހަތްތެރިކަން ބޮޑުވާނެ: ޖޭއެސްސީ

29 ޑިސެމްބަރ 2020

ފަނޑިޔާރުންގެ އަނބި/ފިރިންނާއި ދަރިންގެ މާލީ ބަޔާން ހުށަހަޅާ ގޮތަށް ހަމަޖެއްސީ މިހާރަށް ވުރެން ހަރުދަނާކޮށް މާލީ ބަޔާންތައް މޮނިޓަކޮށް، ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށާއި ޝަރުއީ ދާއިރާގައި ކޮރަޕްޝަނަށް ހުރި ހުރިހާ މަގެއް ބަންދުކޮށް، އެކަމުގައި ކޮމިޝަނުން ޖަވާބުދާރީވެވޭ ގޮތަށް ހަދަން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފަނޑިޔާރުންގެ އަނބި/ފިރިންނާއި ދަރިންގެ މާލީ ބަޔާން ހުށަހަޅާ ގޮތަށް ހަމަޖެއްސީ މިހާރަށް ވުރެން ހަރުދަނާކޮށް މާލީ ބަޔާންތައް މޮނިޓަކޮށް، ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށާއި ޝަރުއީ ދާއިރާގައި ކޮރަޕްޝަނަށް ހުރި ހުރިހާ މަގެއް ބަންދުކޮށް، އެކަމުގައި ކޮމިޝަނުން ޖަވާބުދާރީވެވޭ ގޮތަށް ހަދަން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބުނެފި އެވެ.

ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅާއިރު ކުރިން ނުހިމަނާ މައުލޫމާތުތަކަކާ އެކު މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ޖޭއެސްސީން ނިންމައި އެ ގަވާއިދު ގެޒެޓްކުރީ މިދިޔަ ބުރާސްފަތިދުވަހު އެވެ. ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގައި، ހަމައެކަނި ފަނޑިޔާރުގެ މިލްކިއްޔާތުގެ ތަފްސީލް މާލީ ބަޔާނުގައި ހުށަހަޅަން ޖެހޭ ގޮތަށް އޮވެފައި، ގަވާއިދަކުން އަނބިންނާއި ފިރިން އަދި ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އޮތުމަކީ ބައެއް ފަނޑިޔާރުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

ނަމަވެސް ޖޭއެސްސީން އިއްޔެ ބުނީ އެއީ އަލަށް ހޯދަން އެދުނު މައުލޫމާތެއް ނޫން ކަމަށެވެ. ގެޒެޓްކޮށް، ޖޭއެސްސީގެ ވެބްސައިޓުގައި ވެސް އާއްމުކޮށްފައިވާ ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތު ތައާރަޒްވާ ކަންކަމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގައި ވެސް އެ މައުލޫމާތު ހުށަހަޅަން އޮންނަ ކަމަށް ޖޭއެސްސީން ބުންޏެވެ. އެކަމަކު ޖޭއެސްސީން ބުނީ އެ ގަވާއިދާ އެއްގޮތަށް ފަނޑިޔާރުން އެކަން ނުކުރައްވާ ކަމަށެވެ.

ޝަރީއަތްތަކާ ގުޅުވައި ފަނޑިޔާރުން ރިޝްވަތު ހިފައި ޝަރުއީ ނިޒާމާ މެދު އިތުބާރު ގެއްލުމުގެ ޝަކުވާތައް ބޮޑުވިއިރު ވެސް ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހަޅުއްވަނީ ހަމައެކަނި ފައިލްކޮށްފައި ބާއްވާށެވެ. ޝަރީއަތްތަކާ ގުޅުވައިގެން ބައެއް ފަނޑިޔާރުންނަށް ކޮރަޕްޝަނާއި ރިޝްވަތު ދިން ކަމުގެ ތުހުމަތުކޮށް ހުށަހަޅާ ސުލޫކީ މައްސަލަތައްބަލާއިރު އެ ތުހުމަތުކުރާ މުދަލެއް ފައިސާއެއް މާލީ ބަޔާނުގައި ފެންނާކަށް ނޯވެ އެވެ.

އެކަމަކު، ބައެއް ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އުފައްދާ ސުވާލުތަކާއި ކުރާ ތުހުމަތުތައް އެހެން ގޮތްގޮތުން ހާމަވެ، ބައެއް ފަހަރު މުދަލާއި ފައިސާ ލިބުނުކަން އެނގި ޖިނާއީ ތަހުގީގުތައް ވެސް ހިންގާފައި އެބަހުއްޓެވެ.

ޖޭއެސްސީން ބުނަނީ އާ ގަވައިދުން އިތުބާރު ބޮޑުވާނެ ކަމަށް

ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާ ތައާޒަރްވާ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ވެސް އޮންނަނީ ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ލިބޭ ހަދިޔާ އާއި ދަތުރުތައް ފަދަ މައުލޫމާތު ހާމަކުރާށެވެ. އެކަމަކު އެ ގަވާއިދުގައިވާ ކަންކަން އިތުރަށް ތަފްސީލްކޮށް އާ ގަވާއިދެއް އެކުލަވާލީ އެ އުސޫލުން އަމަލުނުކުރާތީ އެވެ.

އާ ގަވާއިދުގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މާލީ ބަޔާނުގައި ހިމެނޭނީ، ބަޔާން ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ފަނޑިޔާރަށް ނުވަތަ އަނބި/ފިރިންނާއި ދަރީންގެ ނަމުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުގެ މައުލުމާތު، ބަޔާން ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ޚަރަދުވި ފައިސާގެ ތަފްސީލާއި ފަނޑިޔާރުގެ އަނބި/ފިރި/ ދަރީންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ލިބިފައިވާ މުދަލުގެ ތަފްސީލާއި ލިބިފައިވާ ހަދިޔާ ނުވަތަ އެހީގެ ތަފްސީލު ކަމަށެވެ.

އެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ. އަލަށް އައްޔަންކުރާ ފަނޑިޔާރުން ވެސް މަގާމާ ހަވާލުވި ތާރީޚުގެ ކުރިއަށް އެއް އަހަރުގެ ހާލަތު އެނގޭނެ ގޮތަށް މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް މާލީ ބަޔާނެއް ޖޭއެސްސީއަށް ހުށަހެޅުން އޮތީ ލާޒިމްކޮށްފަ އެވެ.

ޖޭއެސްސީގެ މެމްބަރުންތަކެއް: ފަނޑިޔާރުންގެ މާލީ ބަޔާނާ އެކު އިތުރު މައުލޫމާތުތަކެއް ހުށަހަޅާ ގޮތަށް ހަމަޖެއްސީ ޝަރުއީ ނިޒާމުގެ އިތުބާރު ބޮޑުކުރަން ކަމަށް ޖޭއެސްސީން ބުނޭ.

ޖޭއެސްސީގެ މެމްބަރުންތަކެއް: ފަނޑިޔާރުންގެ މާލީ ބަޔާނާ އެކު އިތުރު މައުލޫމާތުތަކެއް ހުށަހަޅާ ގޮތަށް ހަމަޖެއްސީ ޝަރުއީ ނިޒާމުގެ އިތުބާރު ބޮޑުކުރަން ކަމަށް ޖޭއެސްސީން ބުނޭ.

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރަން އަޅަން ފެށި ފިޔަވަޅުތަކާ އެކު ފަނޑިޔާރުންގެ މާލީ ބަޔާންތައް ޖޭއެސްސީން ރަނގަޅަށް މޮނިޓަކުރަން ފެށީ މިދިޔަ އަހަރު އެވެ. އަހަރުން އަހަރަށް ފަނޑިޔާރުންގެ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ފުރިހަމައަށް ތައްޔާރުކުރާ މާލީ ބަޔާނެއް ހުށަނާޅައިފި ނަމަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ފިޔަވަޅު އަޅަން ވެސް މިހާރު އޮތީ ނިންމައިފަ އެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "މިހާރު" އަށް ވިދާޅުވީ ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާ ތައާޒަރްވާ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އިސްލާހުކުރި އިރު ކޮމިޝަނަށް ފެނުނީ މާލީ ބަޔާން ރަނގަޅަށް މޮނިޓަ ނުކުރެވުމުގެ އިތުރުން އެކަށީގެންވާ ނިޒާމެއް ނެތް މައްސަލަ ކަމަށެވެ. މިދިޔަ ހަފުތާގައި ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލަން ޖެހުނު އެއް ސަބަބަކީ އެއީ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަނޑިޔާރުންގެ މާލީ ބަޔާނެއް ވެސް އާއްމެއް ނުކުރަން. ހަގީގަތުގައި އިންޓާނަލް ޑޮކިއުމެންޓެއްގެ ގޮތުގައި ހޯދާ އެއްޗެއް މާލީ ބަޔާނަކީ،" އިޒްމީރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ މައްސަލައަކާ ގުޅިގެން ނޫން ގޮތަކަށް އެހެން ފަރާތަކަށް ވެސް ޖޭއެސްސީން ބަޔާން ހިއްސާއެއް ނުކުރާނެ އެވެ.

އިޒްމީރާ ވެސް ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް، ހާއްސަކޮށް ކޮރަޕްޝަނާއި ރިޝްވަތަށް ތުހުމަތުކޮށް ހުށަހަޅާ މައްސަލަތައް ބަލާއިރު އެ ތުހުމަތުކުރެވޭ ކަންކަން މާލީ ބަޔާނުން ފެންނަން ނުހުންނަ ކަަމަށެވެ.

"ފަނޑިޔާރުގެ ބަހުން ނަމަވެސް ނުވަތަ ތުހުމަތުން ނަމަވެސް، އަދި ބައެއް ފަހަރަށް މައްސަލަ ބެލި ސާބިތު ވެސް އެބަވޭ އެ އާމްދަނީއެއް ލިބުނުކަން. އެކަމަކު މާލީ ބަޔާނަކުން ނޯވޭ. ބައެއް ފަހަރަށް އެބަވޭ، ދަރިންގެ ނަމުގައި އެ އެސެޓެއް އޮންނާނީ ކަމަށް ވެސް،" އިޒްމީރާ ވިދާޅުވި އެވެ.

"މި ކަހަލަ ކަންކަން ފާހަގަވާތިވެ ޝަރުއީ ދާއިރާގައި ކޮރަޕްޝަނަށް ހުރި ހުރިހާ މަގެއް، އަޅުގަނޑުމެންނަށް ޖަވާބުދާރިވެވޭ ގޮތަށް ހަދަން، އަދި ފަނޑިޔާރުންނަށް ވެސް ރައްކާތެރިކަމެއްގެ ގޮތުގައި ގެނައި ބަދަލެއް."

ޖޭއެސްސީން ފަނޑިޔާރުންގެ މާލީ ބަޔާން އާއްމު ނުކުރާތީ ކޮމިޝަނަށް އަނބިންނާއި ފިރިންނާއި ދަރިންގެ ބަޔާން ހުށަހެޅުމަކީ މާ ބޮޑު މައްސަލައެއް އޮތް ކަމެއްގެ ގޮތުގައި ޖޭއެސްސީން ނުދެކެ އެވެ.

ގާނޫނުގައި ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އޮވެ، ގަވާއިދަކުން ފިރިންނާއި އަނބިންނާއި ދަރިންގެ މާލީ ބަޔާން ހުށަހަޅާ ގޮތަށް ގަވާއިދު އިސްލާހްކުރުމުގެ ކުރިން ރާއްޖޭގައި މިހާރު އެކަން އޮންނަ ގޮތް ބަލައި، މުއައްސަސާތަކުގެ ލަފާ ޖޭއެސްސީން ހޯދި އެވެ.

އިޒްމީރާ ވިދާޅުވި ގޮތުގައި އަނބިންނާއި ފިރިންނާއި ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ އުސޫލާއި ތަފްސީލް އާއްމުކޮށް ހަދާފައި އޮންނަނީ ކޮންމެވެސް ގަވާއިދަކުންނެވެ. ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހެޅުމާ ގުޅޭ ގަވާއިދު ގެޒެޓްކުރުމުގެ ކުރިން ޖޭއެސްސީން ވަނީ އޮޑިޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައި ހިޔާލު ހޯދައިފަ އެވެ.

"މި [ފަހުން އާއްމުކުރި] ގަވާއިދު ހަދަން ވެގެން ދިރާސާކުރިން، މިސާލަކަށް މަޖިލިސް ވިޔަސް އެ ބޭފުޅުންގެ ވެސް އޮންނަނީ މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެއޭ. އެކަމަކު ގަވާއިދެއްގެ ދަށުން އެ ބޭފުޅުން ވެސް އެބަ ހުށަހަޅުއްވާ އަނބިން/ފިރިން، ދަރިންގެ މާލީ ބަޔާން،" އޭނާ ވިދާޅުވި އެވެ.

މިގޮތަށް ހުށަހަޅަން ގަވާއިދުގައި އޮތަސް މަޖިލީހުން އާއްމުކުރަނީ މެމްބަރުގެ މާލީ ބަޔާން އެކަންޏެވެ. އަނބިންނާއި ދަރިން އަދި ފިރިންގެ މާލީ ބަޔާން އާއްމެއް ނުކުރެ އެވެ.

ފަނޑިޔާރުންގެ މާލީ ބަޔާން ދިރާސާކުރާއިރު ކަމެއް ގޯސްކޮށް އޮތް ކަމަށް ފާހަގަވެއްޖެ ނަމަ އެހެން ފަރާތަކަށް ދީގެން އޮޑިޓް ކުރަން ވެސް ޖޭއެސްސީއަށް އިހްތިޔާރު ލިބިގެންވެ އެވެ.

ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މި ގެނައި ބަދަލުވުން ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުވެ ޖުޑިޝަރީގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ޖޭއެސްސީން ދެކެ އެވެ.