ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގެ ތެރެއިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި މި ވެރިކަމުގައި ވެސް ޝަރުއީ ނިޒާމަށް "އަތްގަދަކުރާ" ކަމުގެ ތުހުމަތު މަޖިލިހުގެ މެމްބަރުން މިއަދު ކުރައްވައިފި އެވެ.
02 ޖުލައި 2025
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގެ ތެރެއިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި މި ވެރިކަމުގައި ވެސް ޝަރުއީ ނިޒާމަށް "އަތްގަދަކުރާ" ކަމުގެ ތުހުމަތު މަޖިލިހުގެ މެމްބަރުން މިއަދު ކުރައްވައިފި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލުގެ ބަހުސްގައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މުޅި ބިލުގެ ބޭނުމަކީ "ފަނޑިޔާރުގެ ކޮންޓްރޯލްކުރުން" ކަމަށެވެ.
މައުރޫފް ވިދާޅުވީ އެ ބިލަށް ބަލައިމުމުން ވެސް އެއީ ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ އިސް ތިން ފަނޑިޔާރުން، ސަރުކާރުގެ އަތް ދަށަށް ގެނައުމަށް ހުށަހަޅާފައިވާ ބިލެއްކަން ސާފުވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ފަނޑިޔާރުން ކޯޓުން ބޭރުގައި އުޅުން ބަހައްޓަންވީ ގޮތް ސަރުކާރުން ކަނޑައެޅުމަކީ ގޯހެކެވެ. ރާއްޖޭގައި އަދުލު އިންސާފު ނުލިބިގެން އުޅެނީ ހަމައެކަނި ފަނޑިޔާރުންގެ ސަބަބުން ނޫން ކަމަށާއި ފަނޑިޔާރުންގެ ވާހަކަތަކަށް ބަލާއިރު، ޖާގައިގެ ދަތިކަމާއި ހެދިފައިވާ ބައެއް ގާނޫނުތަކުގެ ސަބަބުން ވެސް އިޖުރާއަތްތައް ދިގުލައިގެންދާ ކަމަށް ވިދާޅުވެ، މައުރޫފް ވަނީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މައުރޫފު ވިދާޅުވީ، މަދަނީ އިޖުރާއަތުގެ ގާނޫނަކީ މަދަނީ މައްސަލަތަކުގައި އަދުލު އިންސާފު ނުލިބި ލަސްވާ ސަބަބެއް ކަމަށާއި އެ ގާނޫނުގެ ސަބަބުން ސިވިލް ކޯޓުގައި އެތައް މައްސަލަތަކެއް ފުނިޖެހިފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭނީ އަދުލު އިންސާފު ކަށަވަރުވާނެ ގޮތަކަށް ކަމަށާއި އިންސާފު ލިބޭކަން އަމިއްލަ މީހާއަށް ވެސް އިހުސާސް ކުރެވޭ ގޮތަށް ކަމަށެެވެ.
"ހަގީގަތަށް ބަލާއިރު ދެ ދުވަހުން އެއް ދުވަހު ފަނޑިޔާރުން ބަދަލުވޭ. ކޯޓުގައި ފަނޑިޔާރުން އެކަށީގެންވާ ވަރަކަށް ނުތިބޭ. ކޯޓުގައި ޖާގައިގެ ދަތިކަން އެބައޮތް. ފަނޑިޔާރުން ކޮންޓްރޯލް ކޮށްގެން އަދުލު އިންސާފު ލިބޭނެ ކަމަށް ދެކުމަކީ ގޯހެއް،" އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި އެ ބިލު ފަރުމާކޮށްފައި ވަނީ ފަނޑިޔާރުންނަށް ޕެންޝަނުގެ ހައްގު ވެސް ނިގުޅައިގަނެވޭ ގޮތަށެވެ. ފަނޑިޔާރުކަމުން ވަކިވާ ހިސާބުން ފެށިގެން ދިރިއުޅުމުގެ މަސައްކަތަށް ކުރާ ބައެއް ކަންކަމަށް ވެސް ހުރަސް އެޅޭ ގޮތަށް އޭނާ ވިދާޅުވި އެވެ.
މައުރޫފު ވިދާޅުވީ ޒަމާނުއްސުރެ ކޯޓުތައް ހިންގުމުގެ ގަވާއިދު ހަދަނީ ފަނޑިޔާރުންގެ މަޝްވަރާއާ އެކު ކަމަށް ވިޔަސް އެ ބިލުގައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެ ބާރު ދޭ ގޮތަށެވެ. އެކަމަކު ފަނޑިޔާރުންގެ މަޝްވަރާ ނެތި އެ ބޭފުޅުން އުޅެންވާ ގޮތް އެހެން ބަޔަކު ކަނޑައެޅުމަކީ ގޯހެއް ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވި މެމްބަރު ސައުދުﷲ ވިދާޅުވީ ރާއްޖޭގައި އެންމެ ގަދައަށް ދެއްކެވެނީ އަދުލު އިންސާފު ލިބުން ލަސްވާ ވާހަކަ ކަމަށާއި 3-4 އަހަރުވާއިރު ވެސް ހުކުމަކާ ހިސާބަށް ނުދާކަމުގެ ޝަކުވާތައް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ކޮންމެ ގާޒީއެއްގެ މޭޒުމަތީގައި ގާތްގަނޑަކަށް 300-400 މައްސަލަ އެބައޮތް ކަމަށާއި އެ މައްސަލައިގެ އަޑުއެހުން ނިމި އަނެއް އަޑުއެހުން ބާއްވަން ހޭދަވާ މުއްދަތު ހަ މަހަށް ވުރެ ދިގުލައިގެން ވެސް ދާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ގާނޫނަށް އިސްލާހު ގެނެސްގެން ވެސް އެކަންކަން އިސްލާހުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަގީގަތަށް ބަލާއިރު ދެ ދުވަހުން އެއް ދުވަހު ފަނޑިޔާރުން ބަދަލުވޭ. ކޯޓުގައި ފަނޑިޔާރުން އެކަށީގެންވާ ވަރަކަށް ނުތިބޭ. ކޯޓުގައި ޖާގައިގެ ދަތިކަން އެބައޮތް. ފަނޑިޔާރުން ކޮންޓްރޯލް ކޮށްގެން އަދުލު އިންސާފު ލިބޭނެ ކަމަށް ދެކުމަކީ ގޯހެއް،"--- މައުރޫފު
ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވިގޮތުގައި، މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީން ވެރިކަމާ ހަވާލުވީ ފަނޑިޔާރުގެ އިސްލާހުކުރުމުގެ ވައުދު ވިއްކައިގެން ކަމަށާއި އެކަމަކު ވެރިކަމާ ހަވާލުވުމަށް ފަހު ފެނުނީ މުޅި ފަނޑިޔާރުގެ "ނަޖިސް" ކޮށްފައިވާ ތަން ކަމަށެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީ އަށް ވެސް އައްޔަން ކުރައްވާފައި ވަނީ ސިޔާސީ ބޭފުޅުން ކަމަށެވެ. އޭގެ ސަބަބުން ނިންމުންތައް ނިންމާއިރު ފަނޑިޔާރުން ތިބެނީ ބިރުން ކަމަށް ވިދާޅުވި އެވެ.
"އޭރުގައި ފަނޑިޔާރުންނަކަށް ހުކުމް ކުރާކަށް ނުކުރޭ މި ޖޭއެސްސީން ސުލޫކީ ނުވާނެ ގޮތަކަށް. މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބެލިގެންދާއިރު ޖޭއެސްސީއާ މެދު ބިރުން ފަނޑިޔާރަކަށް އަދުލުވެރި ނިންމުމެއް ނިންމުމުގެ ފުރުސަތު ނުލިބި މިދިޔަ ފަސް އަހަރު ނިމިގެން ދިޔައީ. އެއީ އަދުލުވެރިކަމުގެ ނިޒާމު ވެއްޓިފައި އޮތް ހާލަތު،" އައިފާން ވިދާޅުވި އެވެ.
އާ ބިލުގައި ވަނީ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ފަނޑިޔާރުކަމުން ވަކިކޮށްފި ނަމަ އެ ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ދެ އަހަރު ވަންދެން، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި ތިން އަހަރު ފަނޑިޔާރުކަަން ކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭނެ ކަމަށެވެ.
އޭގެ އިތުރުން ފަނޑިޔާރުކަމުގައި ހުންނަވައި ބަލާފައިވާ މައްސަލައެއްގައި އޭނާގެ މަސްލަހަތު ފުށުއަރާ ފަދަ ހާލަތެއް ދެމި އޮތްއިރު، އެ މުއްދަތު ފަހަނައަޅައި ދާއިރު ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރު ނުވެވޭނެ ކަމަށް ވެސް ބުންޏެވެ.
މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބެލިގެންދާއިރު ޖޭއެސްސީއާ މެދު ބިރުން ފަނޑިޔާރަކަށް އަދުލުވެރި ނިންމުމެއް ނިންމުމުގެ ފުރުސަތު ނުލިބި މިދިޔަ ފަސް އަހަރު ނިމިގެން ދިޔައީ. އެއީ އަދުލުވެރިކަމުގެ ނިޒާމު ވެއްޓިފައި އޮތް ހާލަތު،"--- އައިފާން
ފަނޑިޔާރުކަން ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެެއް އަދާކުރުމާއި އަމިއްލަ ފަރުދެއްގެ ވަޒީފާއެއް އަދާކުރުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
ބިލުގައި ބުނީ ދައުލަތުގެ ފަރާތުން އާންމު މުވައްޒަފުންނަށް ކަނޑައަޅާފައިވާ އެކި ފަންޑުތަކުގައި ފަނޑިޔާރުންނަށް ބައިވެރިވެވިދާނެ ކަމަށާއި އެކަމަކު ފަނޑިޔާރަކު ފަންޑެއް ހިންގައިގެން ނުވާނެ ކަމަށެވެ. މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެެއްގޮތަށް ސެކިއުރިޓީޒްގެ ވިޔަފާރިކުރުމާއި ސްޓޮކް އެކްސްޗޭންޖާ ގުޅޭ މުއާމަލާތް ހިންގުމާއި ލޯފާމްތައް ހިންގުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.
"އިންސާފަށް ހުރި ގާނޫނީ ހުރަސް ހައްލު ކުރެވޭނެ"
އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ފާސްކޮށްފި
ފަނޑިޔާރުން ނަމޫނާ ދައްކަވަން އިލްތިމާސްކުރައްވައިފި
އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި
8،000 އަށް ވުރެ ގިނަ މައްސަލަ ނުނިމި އެބައޮތް!
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!