Roadha Mihaaru

ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ކުރިމަތީގައި: ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ހެނދުނު

ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިހާރު ނިންމަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލާގައި ގޮތެއް ނިންމުން ކަމަށް ވާއިރު، އެ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ އަށް ތާވަލުކޮށްފި އެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ

ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިހާރު ނިންމަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލާގައި ގޮތެއް ނިންމުން ކަމަށް ވާއިރު، އެ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ އަށް ތާވަލުކޮށްފި އެވެ.

މާދަމާއަކީ ހަފުތާ ބަންދުގެ ތެރޭގައި ހިމެނޭ ދުވަހެއް ކަމަށް ވިޔަސް ހެނދުނު 10:30 އަށް ވަނީ އެ ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ. އެޖެންޑާގައި ބުނެފައި އޮތީ "ކޮމިޓީގައި ހުރި މަސައްކަތްތައް ދިރާސާކުރުން" ކަމަށެވެ. އިތުރު ތަފުސީލެއް ނެތެވެ.

އާންމުކޮށް ހަފުތާ ބަންދުގައި މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނީ ވަރަށް ހާއްސަ ކަންކަން ނިންމާށެވެ. މަޖިލިހުން މިހާރު އަމާޒު ހިފާފައި ވަނީ މަޖިލިހުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް މި މަހުގެ 15 އާ ހިސާބަށް ނިންމައި ޗުއްޓީ އަށް ދިއުމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމައި، އެ ކަމާ މެދު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ޖުޑިޝަރީ ކޮމިޓީގަ އެވެ. އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވުމަށް ފަހު، ކޮމިޓީން ފާސްކޮށްފައި ވަނީ ކޮމިޓީގެ މެންބަރުން ރިޕޯޓް ދިރާސާ ކުރައްވައި، އެއްވެސް ބޭފުޅަކު ހާޒިރުކުރަން ޖެހިއްޖެ ނަމަ އެކަން ކުރުމަށެވެ.

އޭގެ ފަހުން ޖެހިގެން އައި އަންގާރަ ދުވަހު ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ދެ ފަހަރަށް ތާވަލްކުރި އެވެ. އެކަމަކު، ދުވަސް ނިމުނީ އެ ދުވަހަށް ތާވަލްކުރި ބައްދަލުވުން ކެންސަލް ވެގެންނެވެ.

ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން:

- ހުސްނީ މުބާރަކް- މަނަދޫ ދާއިރާ، ޕީއެންސީ (މުގައްރިރު)

- ޑރ. އަނާރާ ނައީމް- ހުރާ ދާއިރާ، ޕީއެންސީ (ނައިބު މުގައްރިރު)

- އަބްދުއްސައްތާރު މުހައްމަދު- ހޮޅުދޫ ދާއިރާ، ޕީއެންސީ

- މައުރޫފު ޒާކިރު- ކެންދޫ ދާއިރާ، އެމްޑީޕީ

- މުހައްމަދު ޝާމިން ހަބީބު- ކުރެންދޫ ދާއިރާ، ޕީއެންސީ

- އިބްރާހިމް ނާޒިލް- ހިތަދޫ ދެކުނު ދާއިރާ، އެމްޑީޕީ

- އިސްމާއިލް ނިޒާރު- ފޭދޫ އުތުރު ދާއިރާ، ޕީއެންސީ

- އަހުމަދު ރިޔާޒް- ތިމަރަފުށި ދާއިރާ، ޕީއެންސީ

- މުހައްމަދު ޝާހިދު- ހުޅުދޫ ދާއިރާ، ޕީއެންސީ

- އަޝްރަފް ރަޝީދު- ފަރެސްމާތޮޑާ ދާއިރާ، ޕީއެންސީ

- އަހުމަދު ޒާހިރު- މަޑުއްވަރި ދާއިރާ، ޕީއެންސީ

އޭގެ ފަހުން، މިދިޔަ ބުދަ ދުވަހު ފެނުނީ، ޖުޑިޝަރީ ކޮމިޓީގައި ޕީއެންސީ އަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން އެއް ސްލޮޓްގައި އިންނެވި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުގެ ބަދަލުގައި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ކޮމިޓީ އަށް އައްޔަންކުރި ތަނެވެ. އެކަމަކު، ޖެހިގެން އައި ބުރާސްފަތި ދުވަހު އަނެއްކާވެސް ނިޒާރު އެ ކޮމިޓީ އަށް އަލުން ހަމަޖެއްސި އެވެ.

މަޖިލިހުގެ ކޮމިޓީތަކުގައި ޕާޓީތަކުން ބޭނުންވާ ގޮތަށް މެމްބަރުން ބަދަލުކުރުމަކީ އާންމުކޮށް ހިނގާ ކަމަކަށް ވިޔަސް މުހިންމު މައްސަލައެއް ނިންމަން ކުރިމަތީގައި އޮއްވައި ޖުޑިޝަރީ ކޮމިޓީ އަށް ބަދަލު ގެނައުމަށް ފަހު، އަލުން ނިޒާރު ހަމަޖެއްސި ސަބަބެއް މިހާތަނަކަށް ނޭނގެ އެވެ.

ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުގެ ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.